ރެހެންދި ޚަދީޖާގެ ރަނިކަމުގައި ސިފައިން

ޢަބްދުﷲ ސަޢީދު
މެއި 24, 2026

ދިވެހިތާރީޚުގައި އޮންނަގޮތުން ރެހެންދި ޚަދީޖާ ތިން ފަހަރެއްގެ މަތިން ދިވެހިރާއްޖޭގެ ރަނިކަން ކުރެއްވިއެވެ. މީގެ ތެރެއިން އެންމެ ފުރަތަމަ ރަނިކަން ލިބިވަޑައިގަތީ އެ ކަމަނާގެ ކޮއްކޯފުޅު އައްސުލްޠާން އަޙްމަދު ޝިހާބުއްދީން، ސިރީ ލޯކަ އާދީއްތަ މަހާރަދުން (1335-1341) ނަށް ފަހުގައެވެ. ޝިހާބުއްދީން ރަދުންނަށް ރަސްކަން ލިބިވަޑައިގަތީ އެ ބޭފުޅުންގެ ބައްޕާފުޅު އައްސުލްޠާން ޢަބްލްފަތުޙި ޖަލާލުއްދީން ޢުމަރުވީރު، ސިރީ ލޯކަ އަބާރަނަ މަހާރަދުން (1306-1335) އަވަހާރަވުމުންނެވެ. ރަސްކަން ލިބިވަޑައިގެންނެވިއިރު ޝިހާބުއްދީން ރަދުން ތުއްޕުޅެވެ. ޝިހާބުއްދީން ރަދުންގެ ބައްޕާފުޅު އަވަހާރަވީއިރު ވަޒީރަކަށް ހުންނެވި ޢަބްދުﷲ އިބުނު މުޙައްމަދުލް ޙަޟްރަމީ އެ ރަދުންގެ ހުވަފަތް އަނބިކަމަނާއާ ކައިވެނިފުޅު ބައްލަވައިގެން ޝިހާބުއްދީން ރަދުންގެ ރަސްކަމުގެ މައްޗަށް ގަދަވެގެންނެވިއެވެ. ނަމަވެސް ޝިހާބުއްދީން ރަދުން ބޮޑުފުޅުވުމުން ރަސްކަމުގެ ބާރުތައް ހޯއްދަވައި ދޮންބައްޕާފުޅު ހުވަދު އަތޮޅަށް އަރުވާލެއްވިއެވެ. ދެން ވަޒީރުކަން ދެއްވީ އެ ރަދުންގެ ގާތް ބޭފުޅެއް ކަމަށްވާ ޢަލީ ކިލެގެއަށެވެ. އޭނާ ވެސް ދުވަސްކޮޅެއް ވީތަނާ ވަޒީރުކަމުން ވަކި ކުރައްވައި އަރުވާ ލެއްވިއެވެ.

ޝިހާބުއްދީން ރަދުންގެ ރަސްކަމުގެ ވާހަކަތަކުން އެ ޒަމާނުގައި ދިވެހި ދައުލަތް ހިންގަމުން އައީ މި ޒަމާނުގައި ކިޔާ ބަރުލަމާނީ ނިޒާމާ އެއްގޮތް ސިފަތަކެއްގެ މައްޗަށް ކަމުގައި ގަބޫލުކުރެވެއެވެ. ދައުލަތުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ރަދުން ހުންނަވާފައި، ސަރުކާރު ހިންގެވުމުގައި ”ބާރުގަދަ“ ވަޒީރެއް (ބޮޑު ވަޒީރެއް) ހުންނަވާ ގޮތް މި ވެރިކަމުން ތަސައްވުރު ކުރެވެއެވެ. މިގޮތަށް ހުންނަވާ ވަޒީރުގެ ބާރާއި ނުފޫޒު ރަސްކަމުގެ މައްޗަށް ގަދަކުރައްވަން ފެށްޓެވުމުން މަގާމުން ވަކިކުރައްވައި އަރުވާލައްވަނީއެވެ. ނުވަތަ އަރުވާލެއްވީއެވެ.

ޝިހާބުއްދީން ރަދުންނަށް ދެން ކުރިމަތިފުޅުވީ ސަލާމަތްވެ ވަޑައި ނުގެންނެވުނު ބޮޑު ބަޣާވާތަކާއެވެ. އެ ރަދުންގެ އިސްތަށިފުޅުގައި އެޅުނީ ދައުލަތުގެ ކުރިއަށް ތިއްބެވި ބޮޑުންނާއި ކުރިއަށް ތިއްބެވި ބޭފުޅުންގެ އަނބިއަނބިކަމބަލުންގެ އަރިހަށް ސިއްރިޔާތުގައި ވަދެވަޑައި ގަންނަވާކަމުގެ ތުހުމަތެވެ. މި ތުޚުމަތުގައި ރަސްކަމުން ދުރުކުރައްވައި ހައްދުންމައްޗަށް (ލ. އަތޮޅަށް،) އަރުވާލެއްވީއެވެ. މި ވަރަކުން ވެސް ނުނިމުނެވެ. ހައްދުންމަތީގައި ހުންނަވަނިކޮށް މާލެއިން މީހަކު ފޮނުއްވައި އެ ރަދުން ޤަތުލުކުރެއްވީއެވެ.

ރެހެންދި ޚަދީޖާގެ ރަސްކަން ފެށުނީ މިހިސާބުންނެވެ. ރެހެންދި ޚަދީޖާގެ ރަސްކަމުގައި ދިވެހިރާއްޖެ ވަޑައިގެންނެވި މަޝްހޫރު ދަތުރުވެރިޔާ އިބްނު ބަޠޫޠާ ލިޔުއްވާފައިވާ ގޮތުގައި ޝިހާބުއްދީން ރަދުންނަށްފަހު ރަސްކަމުގެ ކޮއިލުތެރޭގައި ޝިހާބުއްދީނުގެ ދައިތާފުޅު ޚަދީޖާއާއި، މަރިޔަމްއާއި، ފާޠުމަތު ނޫން އެހެން ބޭފުޅަކު ނެތެވެ. ރެހެންދި ޚަދީޖާ ރަސްކަމަށް އިސްކުރެވުނީ އެހެންވެގެންނެވެ. އޭރު ރެހެންދި ޚަދީޖާ ކައިވެނުފުޅު ބައްލަވައިގެން އިންނެވި ފިރިކަލުން ނުފޫޒާ ބާރުގަދަ ބޮޑު ވަޒީރުކަމަށް އިސްކުރެއްވިއެވެ.

ރެހެންދި ޚަދީޖާ ނުވަތަ އައްސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދި ކިލެގެ ސިރީ ރާދަ އަބާރަނަ މަހާރެހެންދި، ތިންފަހަރެއްގެ މަތިން ދިވެހި ތަޚުތުގައި ރެދަލި ކުރެއްވިއެވެ. އެއީ ފުރަތަމަ ފަހަރު މީލާދީން 1341 އިން 1344އަށް، ދެވަނަ ފަހަރު 1344 އިން 1354އަށް އަދި ތިންވަނަ ފަހަރު 1356 އިން 1360އަށެވެ. ރެހެންދި ޚަދީޖާގެ ރަސްކަމުގައި ދިވެހި ލަޝްކަރުގައި ތިބީ 1000 ވަރަކަށް ސިފައިންނެވެ. އޭރު ވެސް ސިފައިންގެ ތެރޭގައި މާލޭ މީހުންނާއި ބީރައްޓެހިން ތިއްބެވެ.

އެ ދުވަސްވަރު ސިފައިންކުރާ އެއް ކަމަކީ ކޮންމެ ދުވަހަކު ރަސްކަމުގެ ގަނޑުވަރަށް ގޮސް ރަނިކަމަނާއަށް ކުރުނީސް ކުރުމެވެ. މިއީ ޤައުމުގެ ސަލާމަތީ ބާރުގެ އެންމެ އިސް ވެރިޔާގެ ހައިސިއްޔަތާއި ދަރަޖަ ދައްކުވައިދޭ އަސްކަރީ ސެރެމޯނިއަލް ހަރަކާތެކެވެ.

އޭރު ސިފައިންނަށް ކޮންމެ މަހަކު މުސާރަ ދެމުން ގެންދިޔައީ ހަނޑުލުންނެވެ. ފަހުން މިގޮތަށްދޭ ހަނޑުލަށް ކިޔަމުން އައީ ބަނޑުހަނޑުލެވެ. ރެހެންދި ޚަދީޖާގެ ރަނިކަމުގައި މަހު މުސާރައިގެ ގޮތުގައި ބަނޑޭރިގޭން ހަނޑޫ ދޫކުރަމުން އައީ ވެސް އަސްކަރީ އާދަކާދައާއި ސަގާފަތާ އެއްގޮތަށް ރަސްމިއްޔާތެއްގެ ގޮތުގައި ކަމަށް ބެލެވެއެވެ. މިގޮތުން ކޮންމެ މަހަކު ސިފައިން ރަސްކަމުގެ ގަނޑުވަރަށް އައިސް އެންމެ ފުރަތަމަ ކުރުނީސް ކުރަނީސް ބޮޑުވަޒީރު އަދި ރަނިކަމަނާގެ ފިރިކަލުންނަށެވެ. އެއީ ދައުލަތުގެ މާލީ ހުރިހާ ކަމެއް ބަލަހައްޓަވާ އިސް ވެރިޔާކަން މި ރަސްމިއްޔާތު ކުރިއަށްދާ ގޮތުން އެނގެއެވެ. އެމަނިކުފާނަށް ސިފައިން ރިޕޯޓުކުރަނީ ސިފައިން ގަނޑުވަރަށް މުސާރަ ބަލައި އައިސް ތިބި ވާހަކަ ރަނިކަމަނާގެ އަރިހުގައި ދަންނަވައި ދެއްވުމަށެވެ. ވަޒީރު ވަޑައިގެން ރަނިކަމަނާގެ އަރިހުގައި އެ ވާހަކަ ދެންނެވުމުން އެކަމުގެ އަމުރު ނެރުއްވައެވެ. ރަނިކަމަނާގެ އަމުރުފުޅަށް ސިފައިންނަށް މުސާރަ ދޫކުރައްވައެވެ. އެހިސާބުން ސިފައިން އެނބުރިދެއެވެ.

ރެހެންދި ޚަދީޖާގެ ރަސްކަމުގައި ވަޒީރުންނާއި ފަނޑިޔާރު މަނިކުފާނު ވެސް ހަމަ ކޮންމެ ދުވަހަކު ރަސްކަމުގެ ގަނޑުވަރަށް ވަޑައިގެން އަދަބު އިހުތިރާމު އަދާކުރުން އޮވެއެވެ. މި ބޭފުޅުންގެ ރިޕޯޓް ކުރުމުން އެ ވާހަކަ ރަނިކަމަނާއާ ހަމައަށް ގެންދަވަނީ ކުދިބޭކަލުންނެވެ. މިއީ ރަނިކަމަނާގެ ޚާއްޞަ ޚާދިމުންނެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *