"އެވަރުންވެސް އިންސާނުންނަކަށް ނުވިސްނޭނެއެވެ."

ޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫ
މެއި 24, 2026

ސުރުޚީގައިވާ ޢިބާރާތަކީ ޤަދީމީ ސޫމާރީން މަށިން ހަދާފައިވާ ފިލައެއްގައި ލިޔެފައިވާ ޢިބާރާތެކެވެ. މި ދުނިޔޭގެ ނިމުން، މީގެ 5000 އަހަރު ކުރިން ކުރިކިޔާފައި، ނުވަތަ ޕްރިޑިކްޓް ކޮށްފައިވެއެވެ. ތައުރާތާއި، އިންޖީލާއި، ޒަބޫރާއި އަދި ޤުރުއާނަކު ނުވަތަ މަޒުހަބީ ފޮތްތަކަކު ނޫނެވެ. އެކަމަކު، ސޫމާރީން މަށިން ހަދާފައިވާ ފިލައެއްގައެވެ.

1922 ގައި، ޢިރާޤުގެ ދެކުނުގެ ޤަދީމީ ސޫމާރީންގެ ސަހަރެއް ކަމަށްވާ ލާސާއިން، އިނގިރޭސި އެކްސްޕްލޯރަރ ހާބަޓް ވެލްޑް ބުލަންޑެލް މަށިން ހަދާފައިވާ ފިލައެއް ހޯދިއެވެ. އެފިލާގައި ލިޔެފައިވެއެވެ. ”ބާދުޝާހަތު އައީ އުޑުތަކުންނެވެ. އަދި އެރިޑޫގެ ސަހަރުގައި ބާދުޝާހަތު ތަންފީޒު ކުރެވުނެވެ.“ ފަހުން އެ ފިލާގެ ނަމަކަށް ”ބާދުޝާހުގެ ލިސްޓް“ ގެ ނަން ދެވުނެވެ. އެ ފިލާ މިހާރު ބޭއްވިފައި އޮތީ އޮކްސްފޯރޑް ޔުނިވަރސިޓީގެ އެޝްމޯލިއަން ދާރުލްއާސާރުގައެވެ.

އާސާރުތަކާ ބެހޭ ޢިލްމުވެރިން ފުރަތަމަ ހީކުރީ އެއީ އާދައިގެ ލިޔުމެއް ކަމަށެވެ. ނުވަތަ ލިޔެފައިވާ ކޮންމެވެސް ވާހަކައެއް ކަމަށެވެ. ސަބަބަކީ ސޫމާރީން ވަނީ އެފަދަ އެތައް ހާސް ފިލާތަކެއް ދޫކޮށްލާފައެވެ. ބަހަވީ ޢިލްމާއިބެހޭ މާހިރެއް ކަމަށްވާ އެމިލީ، އެ ފިލާގެ އެންމެ ފޮޅުވަތަކާއި ހިސާބުން ހުއްޓުން އެރިއެވެ. އެ ފޮޅުވަތުގައި ވަނީ ”ހަތް މަރު އަދި ހަތް ތަޖުދީދު“ މިފަދައިންނެވެ. އެ ފިލާގައިވާ ލިޔުމުން އިޝާރާތް ކުރަނީ ހަމައެކަނި މާޒީގެ ވާހަކައެއް ނޫނެވެ. އެކަމަކު، މުސްތަޤުބަލުގެ ވާހަކައެވެ. އިންސާނީ ޙަޟާރަތު، ފެންބޮޑުވުމާއި، އަނދިރިކަމާއި އަދި އެކިއެކި ވަބާތަކުގެ ސަބަބުން އެތައް ފަހަރަކު ނެތި، ފަނާވެފައިވާ ވާހަކަ، އެފިލާގައި ލިޔެފައިވެއެވެ. އަދި ކޮންމެ ފަނާވުމަކަށް ފަހު، މުޅިން އައު ދުނިޔެއެކެވެ.

ސޫމާރީން އެއަށް ކިޔާފައިވަނީ ”މަތިވެރި ބުރު“ ނުވަތަ ”ދަ ގްރޭޓް ސާރކްލް“ އެވެ. އެއީ، ސައްބީސްހާސް އަހަރުގެ ކައުނީ ބުރެކެވެ. އަދި ބަރާބަރު ހަމަ އެ މުއްދަތަށް، މިއަދުގެ ޒަމާނީ ފަލަކީ ޢިލްމުގައި ކިޔަނީ ޕްރިސިޝަން އޮފް ދި އެކުވިނޮކްސެސްއެވެ. ޔަޢުނީ ފަލަކުގައި އަހުރެމެންގެ ދުނިޔެ އޭގެ ނާރެހުގައި، މަޑުމަޑުން ދެފަރާތަށް ކިރިކިރި ހުރެއެވެ. އަދި، ދުނިޔެ އޭގެ ނާރެހުގައި އެނބުރޭ އެނބުރުމުގައި މަޑުމަޑުން ދެފަރާތަށް ކިރޭ ކިރުމުގެ ސަބަބުން ތަރިތަކުގެ މަޤާމުތަކަށް ބަދަލު އަންނަ ގޮތް ވެއެވެ. އެގޮތަށް ކިރޭ ކިރުމުގެ ބުރު ފުރިހަމަވުމަށް ގާތްގަނޑަކަށް ސައްބީސްހާސް އަހަރު ނަގައެވެ. އެ ފިލާގައި އެފަދަ ހަތް ބުރެއްގެ ވާހަކަ ލިޔެފައިވެއެވެ. އެންމެފަހުގެ ބުރުގެ ވާހަކަ ބަޔާން ކުރަމުން، އެ ފިލާގައި ލިޔެފައިވެއެވެ. އިންސާނުން ބިން ފަޅާލާފައި ކަޅު ހިލަ ނަގާނެއެވެ. އަދި އެ ހިލަތައް އަންދައިގެން، އޭގެ ދުމުން މުޅި ޖައްވު ފުރައިލާނެއެވެ. ބޯޓްދެއްޔާއި، ތެޔޮފަދަ ހުރިހާ އެއްޗެއް މިއަދު އަހުރެމެންގެ އަތުގައި އެބަހުއްޓެވެ. އަދިވެސް ލިޔެފައިވެއެވެ. ކަނޑުތައް ހުސްވެދާނެއެވެ. މޫސުން ވަގުތަކަށް ނާންނާނެއެވެ. ވައި ޒަހަރަށް ވެދާނެއެވެ. ފެން މަޑުމަޑުން އަރައިގެން ހިނގައި ދާނެއެވެ. އަދި އެންމެ އުނދަގޫކުރުވަނިވި ފޮޅުވަތުގައި ލިޔެފައިވެއެވެ. ”އެވަރުންވެސް އިންސާނުންނަކަށް ނުވިސްނޭނެއެވެ.“

މިއަދުގެ ދުނިޔެ ހީވަނީ ހަމަ އެ ފިލާގައި ބަޔާންކުރާ ދުނިޔެ ހެންނެވެ. ބައެއް މީހުން، އެއަށް އިއްތިފާޤޭ ބުނެއެވެ. ބައެއް މީހުން ބުނަނީ، ސޫމާރީންނަށް ކޮންމެވެސް ރަސޫލެއްގެ ރިސާލަތު ފޯރާފައިވަނީއެވެ. އަދި އެބޭކަލަކު އެވާހަކަ ސޫމާރީންނަށް ކިޔައިދީފައި ވަނީއެވެ. ބާހިސުން ޤަބޫލުކުރާ ގޮތުގައި، ސޫމާރީންގެ އަތުގައި ހުރި ޢިލްމަކީ، އެ ދައުރަށް ބަލާއިރު މާބޮޑަށްވެސް ކުރިއަރާފައިވާ ޢިލްމެކެވެ. އެހެންކަމުން، މިއަދުވެސް އެ ސުވާލުގެ ޖަވާބެއް ވުޖޫދަކު ނުވެއެވެ. ފަަސްހާސް އަހަރު ކުރިން، އެ ޢިލްމު އެމީހުންނަށް ފޯރުކޮށްދިނީ ކާކު ހެއްޔެވެ؟ އަނޫނާކީން ހެއްޔެވެ؟ ޖިންނީން ހެއްޔެވެ؟ މަލާއިކަތުން ހެއްޔެވެ؟ ނުވަތަ އެމީހުންގެ ގާތަށް ފޮނުއްވުނު ރަސޫލެއްގެ ފަރާތްޕުޅުން ހެއްޔެވެ؟

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *