ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް، ވީހާވެސް ފުޅާ ދާއިރާއެއްގައި އެފުރުޞަތު ދެއްވުމަށްޓަކައި ފަށްޓަވާ "ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ނަން ނޯޓުކުރުމުގެ ފުރުޞަތު ހުޅުވާލައްވައިފި ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ބައްދަލުވުންތަކުގެ ތެރެއިން ފުރަތަމަ ބައްދަލުވުމުގައި ފުރުޞަތު ހުޅުވާލަނީ، ރާއްޖޭގެ އިންތިޚާބީ 93 ދާއިރާގެ ތެރެއިން، ހުޅުމާލެ އުތުރު ދާއިރާ، ހުޅުދޫ ދާއިރާ، ހޯރަފުށި ދާއިރާ، އަދި ހުޅުމާލެ މެދު ދާއިރާއަށް ނިސްބަތްވާ ރައްޔިތުންނަށް ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.
މި ދާއިރާތަކުން، "ރައްޔިތުންގެ އަޑު" ބައްދަލުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ނަން ނޯޓުކުރާނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގައި މިކަމަށް ޚާއްޞަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށެވެ. މި ބައްދަލުވުންތަކުގައި ބައިވެރިވުމުގެ އުސޫލުވެސް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ފެނިވަޑައިގަންނަވާނެއެވެ. ނަން ނޯޓުކުރުމުގެ ސުންގަޑިއަކީ، 15 ޖުލައި 2026 ވާ ބުދަ ދުވަހުގެ ރޭ 00:00 އެވެ.
ނިމިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ، މިހާރަށްވުރެވެސް ބޮޑަށް، ސީދާ ރައްޔިތުންނާ ބައްދަލުކުރައްވައިގެން ރައްޔިތުންގެ ވާހަކަތައް އަޑުއެއްސެވުމުގެ މަޤުޞަދުގައި، ވަކިވަކި ދާއިރާތަކުން، ސީދާ އެމަނިކުފާނާ ވަކިވަކީން ބައްދަލުކުރައްވައިގެން ވާހަކަދެއްކުމުގެ ފުރުޞަތު ފަހިވާ ފަދަ ޕްރޮގްރާމެއް ދާދި އަވަހަށް ފަށްޓަވާނޭކަން އިޢުލާންކުރައްވާފައެވެ.
-ޚަބަރާއި ފޮޓޯ ރައީސް އޮފީސް


