އީރާނާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްވެ ހުންނަވައިގެން ހިންގަމުންދާ އަސްކަރީ ކެމްޕޭން ނާކާމިޔާބުވެފައިވާ ކަމަށް އަރަބި އެނަލިސްޓެއް ކަމަށްވާ ޢަބްދުލް ބާރީ އަތުވާން ވިދާޅުވެއްޖެ އެވެ.
ރާއީ އަލް ޔޫމްގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ އާޓިކަލެއްގައި އޭނާ ވިދާޅުވީ، އީރާނާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަނެއް ފައްޓަވާފައި ވަނީ އެމެރިކާގެ އަސްކަރިއްޔާ އިން އިދިކޮޅަށް ކަމަށާއި، ހޮރްމޫޒް ކަނޑުއޮޅި ކޮންޓްރޯލް ކުރުމަށް އެމެރިކާ ސިފައިން ދެކޮޅު ހަދާފައިވާ ކަމަށެވެ.
އަތުވާން ވިދާޅުވި ގޮތުގައި އަސްކަރިއްޔާގެ އިސް އޮފިޝަލުން ވަނީ ޕެންޓަގަންގެ އައު ހަނގުރާމައިގެ ޑޮކްޓްރީނަށް ފުރިހަމައަށް އަމަލު ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. މި ޑޮކްޓްރީންގައި ގޮވާލާފައިވަނީ، ހަނގުރާމަ ކުރު އަދި އަވަސް ހަނގުރާމަ އަކަށް ހެދުމާއި، މުދަލަށް ލިބޭ ގެއްލުން ލިމިޓް ކުރުމަށް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
އޭނާ ވިދާޅުވީ އެމެރިކާގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރުން ޓްރަމްޕްގެ ފަރުވާކުޑަކަމާއި އިޒްރޭލުގެ ދޮގު މައުލޫމާތު ގަބޫލު ކުރުމާ ދެކޮޅު ކަމަށެވެ.
ނަމަވެސް ޓްރަމްޕް ވަނީ ހަނގުރާމަކުރުން އިޚްތިޔާރު ކުރައްވައި ޕާކިސްތާނުގެ ބްރޯކަރ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން އާ ޚިލާފުވެވަޑައިގެންފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، އެމެރިކާ ސިފައިން ވަނީ އީރާނުގެ "ދަންތުރަ" އެއްގައި ޖެހި ތާށިވެފައެވެ.
އަތުވާން ވިދާޅުވާ ގޮތުގައި، އެމެރިކާއަށް ހަނގުރާމަ ނާކާމިޔާބުވުމުގައި ދެކަމެއްވަނީ ފާހަގަވެފައި ކަމަށެވެ. ފުރަތަމަ ކަމަކީ ފާއިތުވި 10 ދުވަހުގެ ތެރޭގައި ޒަޚަމްވި އެމެރިކާ ސިފައިންގެ އަދަދު 427 އަށް އަރާފައިވާ ކަމަށް ޕެންޓަގަން އިން އިއުލާން ކުރުމެވެ. ދެވަނަ ކަމަކީ އީރާނުގެ ހުއްދަ ނެތި ދެކުނު ޝިޕިން ލޭން ހުރަސް ކުރަން އުޅުނު ހަތަރު ޓޭންކަރު ހުއްޓުވައި ދެ ތެޔޮ ޓޭންކަރު ހަލާކުކޮށްލުމެވެ.
އަތުވާން ވިދާޅުވީ ޓޭންކަރުތަކުގައި ހިނގި ހާދިސާތަކަކީ ހޮރްމޫޒް ކަނޑުއޮޅި ރަނގަޅަށް ކޮންޓްރޯލްކޮށް، އެ ކަނޑުއޮޅިން ތެޔޮ ދަތުރު ނުކުރާ ކަމަށް އީރާނުން ބުނާ ބުނުން ތެދުކަމަށް ގަބޫކުކުރަންޖެހޭ ސަބަބެއް ކަމަށެވެ.
އަތުވާން ވިދާޅުވީ އީރާނުގެ މަދަނީ އިންފްރާސްޓްރަކްޗަރ ތަކަށް އެމެރިކާ ސިފައިން ހަމަލާ ދީފައިވާ ކަމަށެވެ. ނަމަވެސް އީރާނުން އަވަސް ފިޔަވަޅުތަކެއްގެ ގޮތުގައިދަނީ ފާރިސީ ގަލްފުގެ ހުޅަނގު އައްސޭރި ފަށުގައި ހުރި އެމެރިކާގެ ގިނަ ބޭސްތައް ހަލާކުކޮށް، ކަރަންޓާއި ޑީސެލިނޭޝަން ފެސިލިޓީތައް ހަލާކުކުރަމުން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އަދި އިރާނުންދަނީ އުރުދުން، ގަތަރު، ކުވައިތު އަދި ބަހްރެއިންއަށް އަމާޒުކޮށްގެން އަސްކަރީ ޓާގެޓްތަކުގެ ލިސްޓް ފުޅާކުރަމުން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. މިއީ އީރާމުން އަޅަމުންދާ އަވަސް އަދި ކާމިޔާބު ފިޔަޅުތަކެކެވެ.
އީރާނުގެ އަވަސް މިފިޔަވަޅުތަކުގެ ސަބަބުން ޓްރަމްޕްގެ މޫނުމަތިން މާޔޫސްކަން ފެންނަމުންދާ ކަމަށާއި، އޭނާގެ އަޑާއި ރާގުން މިހާރު ފާޅުވަމުން ގެންދަނީ ވަރަށް ބޮޑަށް މާޔޫސްވެފައިވާ މަންޒަރު ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
އަތުވާން އޭނާގެ އާޓިކަލް ނިންމާލައްވަމުން ވިދާޅުވީ އިރާގުން އަފްޣާނިސްތާނާ ހަމައަށް މެދުއިރުމަތީގައި އެމެރިކާ ކުރި ހުރިހާ ހަނގުރާމަތަކުން އެމެރިކާ ބަލިވެފައިވާ ކަމަށެވެ. އަފްޣާނިސްތާނާއި ޢިރާޤާ ޚިލާފަށް އީރާނަކީ މި ސަރަޙައްދުގެ އެންމެ ބޮޑު އަދި އެންމެ ބާރުގަދަ އަސްކަރިއްޔާ އޮންނަ ޤައުމު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.





