ރާއްޖޭގެ 42 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ހޯދުމާ ބެހޭ ފަހުމުނާމާގައި ރާއްޖެއިން އިންޑިއާ ދެމެދު ސޮއިކޮށްފިއެވެ.
މިއީ އިންޑިއާގެ ހިލޭ އެހީގެ ދަށުން ހިންގާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެޗްއައިސީޑީޕީ) ގެ ދަށުން ކުރިއަށްދާ މަޝްރޫއެއް ކަމަށް ދިވެހި ޚާރިޖިއްޔާއިން ވަނީ ވިދާޅުވެފައެވެ.
މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތުގައި މި ފަހުމުނާމާގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، އިރުތިޝާމް އާދަމެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޖީ. ބާލަސުބްރަމާނިއަން އެވެ. ރާއްޖެގައި މި މަޝްރޫއު ތަންފީޒުކުރާ މުއައްސަސާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް، ޢަބްދުﷲ ރާފިއެވެ.
މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރ އިރުތިޝާމް ވިދާޅުވީ، މިސެންޓަރުތަކަށް ސާމާނު ފޯރުކޮށްދިނުމަކީ ރަށްރަށުގެ ރައްޔިތުންގެ ސިއްހަތާއި ދުޅަހެޔޮކަމަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން ދުޅަހެޔޮ އަދި ހަރަކާތްތެރި ދިރިއުޅުމެއް އާލާކުރުމަށް މަގުފަހިވެ، ދުޅަހެޔޮ ސިއްހަތެއް ލިބޭނެ މަގު ފުޅާވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މިއީ އަންހެނުން ބާރުވެރިކުރުވުމަށާއި، ހަމަހަމަކަމާއި، އިޖުތިމާއީ ބައިވެރިވުން އިތުރުކުރުމަށް ލިބޭ ކުރިއެރުމެއް ކަމަށެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ ރާފިއު ވެސް ވާހަކަ ދެއްކެވިއެވެ. އެމަނިކުފާނު ވިދާޅުވީ ފިޓްނަސް އާއި ރެކްރިއޭޝަން ސެންޓަރުތަކަކީ ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކޮށްދޭ، އިޖުތިމާއީ ގުޅުން ބަދަހިކޮށްދޭ އަދި މުޖުތަމައުގެ ދުޅަހެޔޮކަމަށް މަސައްކަތްކުރާ މުހިންމު ވަސީލަތްތަކަށް ވެގެންދާނޭ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. މި މަޝްރޫއުގެ ސަބަބުން ހުރިހާ އުމުރުފުރައެއްގެ މީހުންނަށް، ހާއްސަކޮށް އަންހެނުންނާއި ޒުވާނުންނަށް ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފުޅާވެ، ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުވެގެންދާނޭ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދެ ވަޒީރުންވެސްވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ދެއްވާ ދީލަތި އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފައެވެ.





