ދިވެހި|English 20 ޖުލައި 2026 · 14:41
Top banner
Advertisement
މުމްބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ މުނިފޫހިފިލުވުމުގެ މަޢުރަޒެއްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް
ރިޕޯޓް

މުމްބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ މުނިފޫހިފިލުވުމުގެ މަޢުރަޒެއްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް

މމުހައްމަދު އަލީ19 ޖުލައި 2026

އިންޑިއާގެ މުމްބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ މުނިފޫހިފިލުވުމުގެ ސިނާއަތުގެ ބޮޑު މަޢުރަޒު، "26 ވަނަ ފިކީ ފްރޭމްސް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް ލިބިފައިވާ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ވިދާޅުވެއްޖެއެވެ. އެހެން ކަމުން އެ މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ދިވެހި ފިލްމީ އުފެއްދުންތެރިންނާއި ބްރޯޑްކާސްޓަރުންނަށް ހުޅުވާލާފައި ކަމަށް އެމިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މި ފެސްޓިވަލް އޮންނާނީ މި އަހަރު ސެޕްޓެމްބަރ 29 އިން 30 އަށް މުމްބާއީގައެވެ.

މި މަޢުރަޒުގެ މައިގަނޑު މަޤްސަދަކީ މުނިފޫހިފިލުވުމާއި ބްރޯޑްކާސްޓިންގ ދާއިރާގެ ފަންނުވެރިންނާއި، ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި، އިންވެސްޓަރުން އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ، ވިޔަފާރީގެ އައު ފުރުސަތުތައް ފަހިކޮށްދިނުން ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ވިދާޅުވެފައިވެއެވެ. މީގެ އިތުރުން، އާޓިފިޝަލް އިންޓެލިޖަންސް، ޑިޖިޓަލް މީޑިއާ، އަދި އޯޓީޓީ ޕްލެޓްފޯމް ފަދަ ޒަމާނީ ޓެކްނޮލޮޖީތަކުގެ ބޭނުން ހިފައިގެން ސިނަމާ، ޓެލެވިޜަން، އެނިމޭޝަން، ވީއެފްއެކްސް އަދި ގޭމިންގ ފަދަ ދާއިރާތައް ދުނިޔޭގެ ބާޒާރަށް ފުޅާކުރުމަކީވެސް މި ބައްދަލުވުމުގެ މުހިންމު ބޭނުމެއް ކަމަށްވަނީ ވިދާޅުވެފައެވެ.

އެ މިނިސްޓްރީން ހާމަކުރި ގޮތުގައި، މި މަޢުރަޒުގެ ސަބަބުން މި ދާއިރާގައި ހުރި ގޮންޖެހުންތަކާ މެދު މަޝްވަރާކޮށް، ބައިނަލްއަޤްވާމީ ފަރާތްތަކާއެކު ގްލޯބަލް ޕާޓްނަޝިޕްތައް ޤާއިމުކުރުމަށް މަގުފަހިވެގެންދާނެއެވެ. މިއީ ދިވެހި އުފެއްދުންތައް ބައިނަލްއަޤްވާމީ މައިދާނަށް ތަޢާރަފްކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މި މަޢުރަޒުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، އިތުރު މަޢުލޫމާތު ހޯއްދެވުމަށް ފެޑެރޭޝަން އޮފް އިންޑިއަން ޗެމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ (ފިކީ) ގެ އީމެއިލް [email protected] އަށް ގުޅުއްވުމަށް އެދޭ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. ރަޖިސްޓްރީވުމަށްފަހު އެ މަޢުލޫމާތު މިނިސްޓްރީގެ އީމެއިލް [email protected] އަށް ހިއްސާކުރުމަށްވެސް ވަނީ އެދިފައެވެ.

މުނިފޫހި

ގުޅުންހުރި ޚަބަރު