އެއް ރިޕޯޓަށްފަހު އަނެއް ރިޕޯޓުން ކަށަވަރުކޮށްދޭ ގޮތުގައި، އީރާނާ ދެކޮޅަށް އެމެރިކާއިން ފަށައިގެން އުޅޭ "އޮޕަރޭޝަން އެޕިކް ފިއުރީ" ގައި މިހާތަނަށް އެމެރިކާގެ 42 އެއަރކްރާފްޓް އީރާނުން ވަނީ ވައްޓާލާފައެވެ. އެމެރިކާގެ ޤާނޫނުހަދާ މަޖިލީހަށް ހުށަހަޅާފައިވާ ދިފާޢީ އިންޓެލިޖެންސް ރިޕޯޓެއްގައި، އެމެރިކާގެ ދިފާޢީ ކިއްލާ ޕެންޓަގަނުން ވަނީ އެކަމަށް އެއްބަސްވެފައެވެ. އީރާނުން ވައްޓާލާފައިވަނީ ކޮންކޮން އެއަރކްރާފްޓްތަކެއް ހެއްޔެވެ؟
1. އެއަރޯ ސްޕޭސް ގްލޯބަލް ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭގެތެރޭގައި، އެފް-15 އީ ސްޓްރައިކް އީގަލް ފައިޓަރ، 04 އެއަރކްރާފްޓް ހިމެނެއެވެ. މީގެ މަތިންދާބޯޓެއްގެ އަގަކީ 125 މިލިއަން ޑޮލަރެވެ. ވީމާ ޖުމްލަ އަގަކީ 500 މިލިއަން ޑޮލަރެވެ.
2. އެފް-35 އޭ ލައިޓްނިންގ 2 ފައިޓަރ، 01 އެއަރކްރާފްޓް ހިމެނެއެވެ. މީގެ މަތިންދާބޯޓެއްގެ އަގަކީ 195 މިލިއަން ޑޮލަރެވެ.
3. އޭ-10 ތަންޑަރބޯލްޓް 2 ގްރައުންޑް އެޓޭކް، 01 އެއަރކްރާފްޓް ހިމެނެއެވެ. މީގެ މަތިންދާބޯޓެއްގެ އަގަކީ 195 މިލިއަން ޑޮލަރެވެ.
4. ކޭސީ-135 ސްޓްރަޓޯޓޭންކަރ އޭރިއަލް ރިފިއުލިންގ، 07 އެއަރކްރާފްޓް ހިމެނެއެވެ. މި އެއަރކްރާފްޓަކީ މަތީގައި އޮވެ، އެހެން ބޯޓްތަކަށް ތެޔޮ އަޅައިދޭން ބޭނުންކުރާ ބޯޓެކެވެ. މީގެ މަތިންދާބޯޓެއްގެ އަގަކީ 260 މިލިއަން ޑޮލަރެވެ. ވީމާ، އެ 07 މަތިންދާބޯޓުގެ ޖުމްލަ އަގަކީ 1.8 ބިލިއަން ޑޮލަރެވެ.
5. އީ-3 ސެންޓްރީ އެއަރބޯން އާރލީ ވޯރނިންގ އެންޑް ކޮންޓްރޯލް ސިސްޓަމް، 01 އެއަރކްރާފްޓް ހިމެނެއެވެ. މީގެ މަތިންދާބޯޓެއްގެ އަގަކީ 1.82 ބިލިއަން ޑޮލަރެވެ. މި އެއަރކްރާފްޓް ގޮއްވާލާފައިވަނީ ސަޢޫދީ ޢަރަބިއްޔާގެ ޕްރިންސް ސުލްޠާން އެއަރބޭސްގައި އޮތްވައެވެ. މިއީ މިހާތަނަށް އީރާނުން ގޮއްވާލި، އެމެރިކާގެ އެންމެ އަގުބޮޑު އެއް މަތިންދާބޯޓެވެ.
6. އެމްސީ-130 ޖޭ ކޮމާންޑޯ 2 ސްޕެޝަލް އޮޕަރޭޝަންސް 02 އެއަރކްރާފްޓް ހިމެނެއެވެ. މީގެ މަތިންދާބޯޓެއްގެ އަގަކީ 114.2 މިލިއަން ޑޮލަރެވެ. އޭގެ އެންމެފަހުގެ މަތިންދާބޯޓް "ލޮކްހީޑް މާރޓިން" އިން ޑެލިވަރކޮށްފައިވަނީ، އޭގެ މަތިންދާބޯޓަކަށް އޯޑަރުދިންތާ 14 އަހަރު ފަހުން 2024 ވަނަ އަހަރުއެވެ. ވީމާ، ޖުމްލަ އެ 2 މަތިންދާބޯޓުގެ ޖުމްލައަގަކީ 228.4 މިލިއަން ޑޮލަރެވެ.
7. އެޗްއެޗް-60 ޑަބްލިއު ޖޮލީ ގްރީން 2 ކޮމްބެޓް ސާރޗް އެންޑް ރެސްކިއު 01 ހެލިކޮޕްޓަރ ހިމެނެއެވެ. ލޮކްހީޑް މާރޓިންއިން އުފައްދާ މީގެ ހެލިކޮޕްޓަރެއްގެ އަގަކީ 41.6 މިލިއަން ޑޮލަރެވެ.
8. އެމް.ކިއު-9 ރީޕަރ މީޑިއަމް އެލްޓިޓިއުގެ 24 ޑްރޯން ހިމެނެއެވެ. މީގެ ޑްރޯނެއްގެ އަގަކީ 30 މިލިއަން ޑޮލަރެވެ. ވީމާ، 24 ޑްރޯންގެ ޖުމްލަ އަގަކީ 720 މިލިއަން ޑޮލަރެވެ.
9. އެމް.ކިއު-4 ސީ ޓްރައިޓަން ހައި އެލްޓިޓިއުޑުގެ 01 ޑްރޯން ހިމެނެއެވެ. މިއީ ކަނޑުމަތީގެ ސަރވައިލަންސަށް ޚާއްސަ ޑްރޯނެކެވެ. މީގެ ޑްރޯނެއްގެ އަގަކީ 250 މިލިއަން ޑޮލަރެވެ.
މި ހުރިހާ އެއަރކްރާފްޓްތަކެއްގެ އަގު އެއްކޮށްލުމުން ޖުމްލަ އަގު ގާތްގަޑަކަށް 04 ބިލިއަން ޑޮލަރަށް އަރައެވެ. އަދި އެންމެފަހުގެ ޚަބަރުތަކަށް ބަލާއިރު ޔަމަނުގެ ޙޫޘީންވަނީ އެމް.ކިއު-9 ގެ ރީޕަރ ޑްރޯނެއް ވައްޓާލާފައެވެ. މިހުރިހާ ކަމަކުން އެނގިގެން ދަނީ ކޮން އެއްޗެއް ހެއްޔެވެ؟ ވަކިން ޚާއްސަގޮތެއްގައި އެމެރިކާގެ ވަކިވަކި އެއަރކްރާފްޓްތައް ވައްޓަންވީ ގޮތް އީރާނަށް އެނގޭކަމެވެ. މިހާރު އީރާނުން ވަނީ އެމެރިކާގެ މަތިންދާބޯޓްތަކުގެ އުދުހުމުގެ ޕެޓާރން މެޕް އައުޓް ކޮށްފައެވެ. މާނައަކީ، އެމެރިކާއިން އިތުރަށްދޭ ކޮންމެ ޙަމަލާއަކާއެކު، ކުރިއަށްވުރެ ރަނގަޅު ފްރީކްއެންސީގައި އީރާނުން އެމެރިކާގެ ބޯޓްތަކަށް ޙަމަލާދީ ވައްޓާލާނެއެވެ.





