މިއަދު މުޅި ދުނިޔެ މުސްލިމު ކުއްޖަކަށް ތަޢުރީފު ކުރަނީއެވެ. އެއީ ސްޕޭނުގެ ޢުމުރުން 19 އަހަރުގެ ލަމީން ޔަމާލްއެވެ. އޭނާގެ ނަންވެސް، އޭނާގެ ނިކަމެތިކަމާއި، ފަޤީރުކަމުގެ ވާހަކަ ކިޔައިދެއެވެ. މި އަމިއްލަ އެދުން ބޮޑު އަނިޔާވެރި ދުނިޔޭގައި ޙަޤީޤީ ބަޠަލަކަށް ވާނީ ކިހިނެއްކަން ލަމީން ޔަމާލުގެ ދަތުރު، އަހުރެމެންނަށް ބުނެދެއެވެ. ލަމީން ޔަމާލްެއަކީ ޓީންއޭޖުގައި ޔޫރޯއާއި، ވޯލްޑްކަޕު ކާމިޔާބުކުރި ހަމައެކަނި ކުޅުންތެރިޔާއެވެ.
ޝުހުރަތުގެ ކުރިން، ބާސަލޯނާއަށް ކުޅުމުގެ ކުރިން، އަދި ލަމީން ޔަމާލް ދުނިޔެއަށް އުފަންވުމުގެ މާކުރިން ޢުމުރުން 40 އަހަރުގެ އަންހެނަކު، މޮރޮކޯ ދޫކޮށް ހުސްއަތާ ސްޕޭނަށް ހިޖުރަކުރިއެވެ. އޭނާގެ ނަމަކީ ފާތިމާއެވެ. އެއީ ލަމީން ޔަމާލްގެ މާމައެވެ. އޭނާ ސްޕޭނުގެ ކެޓެލޯނިއާއަށް ހިޖުރަކުރިއިރު، އޭނާގެ އަތުގައި އޮތީ ހަމައެކަނި ބަސްޓިކެއްޓެއް ގަންނާނެ ކުޑަ ލާރިކޮޅެކެވެ. އޭނާ އެންމެ ފުރަތަމަ ވަޒީފާ އަދާކުރީ ކޭމްޕު ސައިޓެއްގައެވެ. އަދި ފަހުން ނަރސިންގ ހޯމަކުން އޭނާއަށް ވަޒީފާއެއް ލިބުނެވެ. އެކަމަކު، އޭނާއާއެކު އޭނާގެ ހުވަފެންތައް ވިއެވެ. އޭނާގެ އޮތީ އެންމެ އަމާޒެކެވެ. އެއީ، އޭނާގެ ޢާއިލާއަށް ރަނގަޅު މުސްތަޤުބަލެއް ހޯދައިދިނުމެވެ.
ފާތިމާ، އޭނާގެ ޢާއިލާގެ އެކަކަށްފަހު، އަނެކަކު ސްޕޭނަށް ގެނައެވެ. އެންމެ ފުރަތަމަ ގެނައީ އޭނާގެ ދޮށީ ދަރިފުޅު ޢަބުދުލްއެވެ. އެއަށްފަހު، އޭނާގެ ދެވަނަ ދަރިފުޅު މުނީރު ގެނައެވެ. އަދި، އެ ޢާއިލާ ބާސަލޯނާގެ ރޮކަފޮންޑާގެ ގެމި ނުވަތަ ނެއިބަރހޫޑްގެ ބޭރުގައި ދިރިއުޅުން ޤާއިމުކުރިއެވެ. އެ ސަރަޙައްދަކީ ޚާއްސަކޮށް މުހާޖިރު ޢާއިލާތަކަށް ބިނާކޮށްފައިވާ ސަރަޙައްދެކެވެ. މުނީރުގެ ޢުމުރުން 19 އަހަރުގެ ފަހުކޮޅު، އޭނާއާ ޝީލާއާ ދިމާވެއެވެ.
ޝީލާއަކީ ރަނގަޅު ފުރުޞަތުތަކެއް ހޯދުމަށްޓަކާ އިކުއެޓޯރިއަލް ގިނީއިން، ސްޕޭނަށް ހިޖުރަކުރި ކުއްޖެކެވެ. އެންމެފަހުން މުނީރާއި، ޝީލާ ކައިވެނި ކުރިއެވެ. އެކަމަކު، އެ ދެމަފިރިން ދިރިއުޅެމުން ދިޔައީ ވަރަށް ދަތި ދިރިއުޅުމެކެވެ. ގިނަފަހަރަށް، އެމީހުން ދިރިއުޅޭ އެޕާރޓްމަންޓުގެ ކުލި ދައްކާނޭ އަދި ބަނޑުފުރާނަ މުއްތިކުރާނެ މިންވަރަށްވެސް އެމީހުންގެ އަތުގައި ފައިސާއެއް ނުހުރެވެ. އެކަމަކު، އެ ދެމަފިރިންގެ ދެ ރަޙުމަތްތެރިން ކަމަށްވާ ލަމީންއާއި، ޔަމާލް، އެމީހުންގެ އެ ދަތި ދިރިއުޅުމުގައި އެމީހުންނަށް ވަރަށް ބޮޑަށް އެހީވިއެވެ. ޝީލާއާއި މުނީރު އަތުގައި އެ ދެ ރަޙުމަތްތެރިންނަށް ދޭނޭ އެއްވެސް އެއްޗެއް ނުހުރެއެވެ. އެކަމަކު، ޝީލާއާއި މުނީރު އެ ދެ ރަޙުމަތްތެރިންނަށް ވަޢުދެއްވިއެވެ. އެއީ، އެ ދެމަފިރިންނަށް ފިރިހެން ކުއްޖަކު ލިބިއްޖެނަމަ، އެކުއްޖާގެ ނަމަކަށް "ލަމީން ޔަމާލް"ގެ ނަމުން ނަން ދިނުމެވެ. ބޭނުމަކީ، އެ ދެ ރަޙުމަތްތެރިންގެ އިޙުސާންތެރިކަން ތާއަބަދަށް ހަނދާން ކުރުމެވެ. އަދި ޖުލައި 2007 ގައި އެމީހުންގެ އެ ވަޢުދު ފުއްދިއެވެ. ޝީލާއާއި، މުނީރަށް ފިރިހެން ކުއްޖެއް ލިބުމުން، އެކުއްޖާގެ ނަމަކަށް "ލަމީން ޔަމާލް ނަޒުރާވީ އަބާނާ" އޭ ކިޔައި ނަންދިނެވެ.
އޭގެ 6 މަސްފަހުން، ބާސަލޯނާއިން ޚައިރާތަށް ފައިސާ ހޯދުމަށްޓަކާ ކަލަންޑަރެއް ހެދުމަށް، ކުޑަކުއްޖަކާއި، މަންމައެއްގެ ފޮޓޯއެއް ހޯދަން އިޢުލާން ކުރިއެވެ. ޝީލާ އެކަމަށް ކުރިމަތިލުމުން ތުއްތު ޔަމާލްއާއި، ޝީލާ އެ ފޮޓޯޝޫޓަށް ހޮވުނެވެ. ބާސަލޯނާއިން، ޝީލާއާއި، ޔަމާލްއާއެކު ފޮޓޯނެގުމަށް ޚާއްސަކުރި ކުޅުންތެރިޔަކީ ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރި، ޢުމުރުން އެންމެ 20 އަހަރުގެ ލިއޮނަލް މެސީއެވެ.
ޔަމާލްގެ ޢުމުރުން 03 އަހަރުގައި، އޭނާގެ މަންމައާއި، ބައްޕަ ވަކިވެ، އޭނާގެ މަންމަ ޝީލާ، އޭނާ ގޮވައިގެން އުތުރު ކެޓަލޯނިއާއަށް ބަދަލުވިއެވެ. ޝީލާއަށް އެ ސަހަރުގެ މެކްޑޮނަލްޑް ރެސްޓޯރެންޓަކުން ވަޒީފާއެއް ލިބުނެވެ. އެތަނުގައި ޝީލާއާއެކު މަސައްކަތްކުރި ކުއްޖަކު، ޔަމާލްގެ ޝައުޤުވެރިކަން ފުޓްބޯޅައަށް ހުރިނަމަ، އޭނާގެ ބައްޕަ ހިންގާ ފުޓްބޯޅަ ޓީމުގައި ބައިވެރިކުރުމަށް ޝީލާއަށް ހުށަހެޅިއެވެ. ޔަމާލްގެ ޢުމުރުން އެންމެ 4 އަހަރުގައި އޭނާ "ލަ ޓޮރެއްޓާ" އާ ގުޅުނެވެ. ޔަމާލް ކިތަންމެ ޅަޔަސް، އޭނާއަކީ ތަފާތު ކުއްޖެއްކަން އޭރުވެސް ފާހަގަކުރެވުނެވެ. އޭނާ ގޯލަކަށް ފަހު ގޯލެއް ޖަހަމުން ދިޔައެވެ. އެއީ ޤުދުރަތުން އޭނާއަށް ހަދިޔާ ކުރައްވާފައިވާ ހުނަރެކެވެ. ޔަމާލްގެ ޢުމުރުން އެންމެ 6 އަހަރުގައި ބާސަލޯނާއިން އޭނާ ލައްވާ ސޮއިކުރުވިއެވެ. އޭނާގެ ޢުމުރުފުރާގެ ކުދިންގެ ތެރޭގައި އޭނާ ކުރިއަރަމުން ދިޔައެވެ. ފަހުން އޭނާގެ ޢުމުރުފުރާއަށް ވުރެ ތިން އަހަރު ނުވަތަ ހަތަރު އަހަރު ދޮށީ ކުދިންނާއެކު އޭނާ ކުޅެން ފެށިއެވެ. ޔަމާލްގެ ޢުމުރުން 15 އަހަރުގައި ސްޕޭންގެ 17 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތްތަކުގައި އޭނާ ކުޅެން ފެށިއެވެ. އެހިސާބަކުންވެސް އޭނާ ހުއްޓައެއް ނުލައެވެ. ބާސަލޯނާގެ ފުރަތަމަ ޓީމާއެކު އޭނާ ތަމްރީނުތައް ހަދަން ފެށިއެވެ. އެއާއެކު ބާސަލޯނާއިން އޭނާ ޕްރޮފެޝަލް ފުޓްބޯޅައިގެ ދުނިޔެއަށް ތަޢާރަފު ކުރިއެވެ. އެއަށްފަހު ހުރިހާ ކަމެއް ނިކަން ބާރަށް ކުރިއަށް ދިޔައެވެ. ޔޫރޯ 2024 ގެ ޓީމުގައި ޔަމާލް ހިމެނުނެވެ. ޔޫރޯ 2024 ކާމިޔާބުކޮށް، އެ މުބާރާތުގެ އެންމެ ޒުވާން ކުޅުންތެރިޔާގެ މަޤާމު އޭނާ ހޯދިއެވެ. އޭނާގެ ޢުމުރުން 18 އަހަރު ނުފުރެނީސް، ބާސަލޯނާގެ 100 ވަރަކަށް މެޗުން އޭނާ ފެނިފައިވެއެވެ. އޭނާ ކޮޕަ ޑެލް ރޭ މުބާރާތާއި، ސްޕެނިޝް ލަލީގާގެ ތަށިތައް ބާސަލޯނާއަށް ހޯދައިދިނެވެ. މިހާތަނަށް ސްޕެނިޝް ލަލީގާގައި 70 އަށް ވުރެ ގިނަ މެޗް އޭނާ ކުޅެފައިވެއެވެ. މެސީއަކަށްވެސް ޢުމުރުން 20 އަހަރުގެ ކުރިން އެވަރުގެ ކާމިޔާބީއެއް ހޯދިފައި ނުވެއެވެ.
ދިރިއުޅުމުގައި ކާމިޔާބީ ޙާޞިލުކުރަން ބޭނުންނަމަ، ލަމީން ޔަމާލްގެ ޙަޔާތުން ތިންކަމެއް ދަސްކުރާށެވެ. ފުރަތަމަ ކަމަކީ، ފަޤީރުކަމާއި، ނިކަމެތިކަމަކީ ތިބާގެ ކާމިޔާބީއަށް ހުރަސްއަޅާ ކަމެއް ނޫނެވެ. ދެވަނަ ކަމަކީ، ތިބާގެ ޙަޔާތުގެ ދަތުރުގައި، ތިބާއަށް އިޙުސާންތެރިވި މީހުންގެ މަތިން ދުވަހަކުވެސް ހަނދާން ނައްތައި ނުލާށެވެ. ތިބާގެ ދަރިންނަށް އެ އިޙުސާންތެރިންގެ ނަމުން ނަން ކިޔަން ޖެހުނު ކަމުގައި ވިޔަސް ވަރިހަމައެވެ. ތިންވަނަ ކަމަކީ، ތަޖުރިބާއަކީ ވަރަށް އަގުބޮޑު އެއްޗެކެވެ. އެކަމަކު، އިޚުލާސްތެރިކާމާއި، ޖުނޫނާއެކު މަސައްކަތްކޮށްފިނަމަ، ތަޖުރިބާއާ ކުރިމަތިލައި ކާމިޔާބީ ޙާޞިލުކުރެވިދާނެއެވެ.
ޔަމާލް، އޭނާގެ ޢާއިލާގެ ނަސީބު ތާއަބަދަށް ބަދަލު ކޮށްލިއެވެ. އޭނާ، އޭނާގެ މަންމައާއި، ބައްޕައަށް ގޯތި ގެދޮރު ގަންދިނެވެ. އަދި އޭނާގެ ނަސީބުކަމުގައިވާ އޭނާގެ މާމައަށްވެސް ގެއެއް ގަނެދިނެވެ. ޔަމާލް ޤަބޫލުކުރާ ގޮތުގައި އޭނާގެ ލޯބިވާ މާމަ ސްޕޭނަށް ހިޖުރަ ނުކުރިނަމަ، ލަމީން ޔަމާލެއް ދުނިޔެއެއް ނުދެކޭނެއެވެ. އަދި ލަމީން ޔަމާލް، މިހާރު މިފެންނަ ލަމީން ޔަމާލަކަށްވެސް ނުވީހެވެ. ޙަޤީޤަތުގައި، މިވާހަކައިގެ އެންމެ މުހިންމު މުމައްސިލަކީ މޮރޮކޯއިން ހުސްއަތާ ސްޕޭނަށް ހިޖުރަކުރި، ލަމީން ޔަމާލްގެ މާމަ ފާތިމާއެވެ. ފާތިމާ، އަހުރެމެންނަށް ބުނެދެނީ އަންހެނަކު އޭނާގެ ޢާއިލާއަށްޓަކާ ޖުނޫނާއި، ހިތްވަރާއި، ޢަޒުމާއެކު ކޮންމެފަދަ ޤުރުބާނީއެއްވެސް ވެދާނެކަމެވެ. ތިބާއަށްވެސް ކޮންމެ ފަދަ ކަމެއްވެސް ކުރެވިދާނެއެވެ. ބޭނުންވަނީ ހިތްވަރާއި، ޢަޒުމެވެ.
ފޮޓޯ ގެލެރީ












