ވިސާއާނުލާ ދިވެހިންނަށް ތައިލެންޑަށް ދަތުރުކުރެވޭ މުއްދަތު 15 ދުވަހުން 30 ދުވަހަށް އިތުރުކޮށްދީފައި ކަމަށް ފޮރިންމިނިސްޓްރީން ވިދާޅުވެއްޖެއެވެ. އެގައުމުން މިގޮތަށް ނިންމީ ތައިލެންޑްގެ ކެބިނެޓުން ވިސާޕޮލިސީ މުރާޖާކުރުމަށްފަހު ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
އެގައުމުން މިގޮތަށް ނިންމީ މިމަހުގެ 14 ދުވަހުއެވެ. ވިސާއާ ނުލައި އެޤައުމަށް 30 ދުވަހަށް ދަތުރުކުރެވޭގޮތަށް އަލަށްހަމަޖައްސައިދިން ޤައުމުތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ އިތުރުން އިންޑިއާ، ކުރޮއޭޝިއާ، ބަލްގޭރިއާ، ސައިޕްރަސް، އަދި މޯލްޓާ ހިމެނޭ ކަމަށް ފޮރިންމިނިސްޓްރީން ވިދާޅުވެފައިވެއެވެ.
މީގެ ކުރިން، 19 މެއި 2026 ގައިތައިލެންޑުގެ ކެބިނެޓުން ވިސާ ޕޮލިސީއަށް ގެނައި ބަދަލުގައި، 93 ޤައުމެއްގެ ފަތުރުވެރިންނަށް ވިސާއާ ނުލައި އެޤައުމުގައި ތިބެވޭ މުއްދަތު 60 ދުވަހަށްވުރެ ކުޑަކުރުމަށްވަނީ ނިންމާފައެވެ.
މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމާއި ތައިލެންޑްގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ސިހާސަކް ފަންގްކެޓްކޯ އާ ދެބޭފުޅުންވަނީ މިކަމާބެހޭ ގޮތުން 29 ޖޫން 2026ގައި ފޯނުން މަޝްވަރާ ކުރައްވައިފައެވެ. މި މަޝްވަރާއަށް ފަހު ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް ވިސާއާނުލައި ތިބެވޭ މުއްދަތު އިތުރުކޮށްދެއްވާފައިވާތީ ރާއްޖެއިންވަނީ ޝުކުރު އަދާކޮށްފައެވެ.
ތައިލެންޑްގެ ވިސާއަށް ގެނައުމަށް ނިންމާފައިވާ ބަދަލުތަކަށް އަމަލުކުރަން ފަށާނީ، މި ނިންމުން ތައިލެންޑްގެ ރޯޔަލް ގެޒެޓްގައި ޝާއިއުކުރާތާ 15 ދުވަސް ފަހުންނެވެ. އެހެންކަމުން، އެކަން އާއްމުކޮށް އިޢުލާން ކުރެވެންދެން، ދިވެހިންނަށް 60 ދުވަހަށް ވިސާއާނުލައި ތައިލެންޑަށް އަދި ދަތުރު ކުރެވޭނޭ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.





