މާލޭގެ އުތުރު ފަރާތު ޢިއްޒުއްދީން ފާލަން ހިމެނޭ ސަރަހައްދުގެ ފަޅު ތެރެ ސާފުކުރުމުގެ ބޮޑު މަސައްކަތެއް ފަށައިފި ކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.
މިއީ އެ ސަރަހައްދުގެ ތިމާވެށި ހިމާޔަތްކޮށް، ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ސާފުތާހިރު މާހައުލެއް ކަށަވަރު ކޮށްދިނުމުގެ މަގުސަދުގައި ފެށި މަސައްކަތެއް ކަމަށް ސިޓީކައުންސިލުން ވަނީ ވިދާޅުވެފައެވެ. އެ ސަރަހައްދަކީ ގިނަ ޢަދަދެއްގެ އުޅަނދުފަހަރު ކައިރިކުރާ އަދި ޢާންމުން ބޭނުންކުރާ ސަރަހައްދެކެވެ. މި މަސައްކަތުގެ ތެރެއިން ފަޅުތެރެއަށް އުކައިލެވިފައިވާ ކުނިތައް ނަގައި، ސާފުތާހިރުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ދާދިފަހުން ސަރުކާރުންވަނީ އެ ސަރަހައްދުގެ މަގު ފުޅާކޮށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެ ގޮތުން، ސަރުކާރުން ވަނީ އެ ސަރަހައްދުގެ މަގުފުޅާކުރުމުގެ އިތުރުން ޖެޓީ ތަރައްގީކޮށް، ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައެވެ.
ސިޓީ ކައުންސިލުން ދަނީ މާލޭގެ އެކި ސަރަހައްދުތަކުގެ ފަޅުތައް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ސިލްސިލާކޮށް ކުރަމުންނެވެ.





