ދިވެހި|English 25 ޖުލައި 2026 · 00:15
Top banner
Advertisement
ސަވާހިލި ސަރުކާރަށް ނެގުމަކީ އައްޑޫގެ ތަރައްގީއަށް ހުރަސް އެޅުމަށް ހިނގި ހުތުރުއަމަލެއް: އެމްޑީޕީ
ޚަބަރު

ސަވާހިލި ސަރުކާރަށް ނެގުމަކީ އައްޑޫގެ ތަރައްގީއަށް ހުރަސް އެޅުމަށް ހިނގި ހުތުރުއަމަލެއް: އެމްޑީޕީ

ސަވާހިލި ސަރުކާރަށް ނެގުމަކީ އައްޑޫގެ ތަރައްގީއަށް ހުރަސް އެޅުމަށް ހިނގި ހުތުރުއަމަލެއް ކަމަށް އެމްޑީޕީން ބުނެފިއެވެ.

ހިރި ނިއުސްހިރި ނިއުސް24 ޖުލައި 2026

އައްޑޫސިޓީގެ އިޙްތިސާސްގައިވާ ސަވާހިލި (ފަޅުރަށެއް) އައްޑޫ ރައްޔިތުންގެ އެއްވެސް މަޝްވަރާއެއްނެތި އެ ކައުންސިލްގެ އިޙްތިސާސުން ވަކި ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު ލާމަރުކަޒީ ޤާނޫނުގެ މަޤްސަދާ ސީދާ ޚިލާފަށް ނިންމި ނިންމުމެއް ކަމަށް އެމްޑީޕީން ބުނެފިއެވެ. މި ކަމާގުޅިގެން އެޕާޓީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ  އެއަމަކީ އައްޑޫ ރައްޔިތުންގެ ނިންމުމާ ކަނޑައެޅިގެން ދެކޮޅަށް، އަދި އައްޑޫ ތަރައްޤީއަށް ހުރަސްއެޅުމަށް ހިންގާފައިވާ ހަޑިހުތުރު އަމަލެއް ކަމަށެވެ.

 ސަރުކާރުން މިގޮތަށް މިނިންމެވީ ބޮޑު އަޣުލްބިއްޔަތަކުން އާ ދައުރަކަށް އިންތިޚާބުވި ސިޓީ ކައުންސިލުން، އައްޑޫސިޓީގެ 5 އަހަރު ދުވަހުގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމަށް ޤާނޫނުން މަތިކޮށްފައިވާ ޒިންމާ އަދާކުރަމުންދާ ދަނޑިވަޅެއްގައި ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެއެވެ.

 "ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކަށް ލާޒިމްކުރާ އެންމެ މުހިއްމު އެއް ކަމަކީ، ރައްޔިތުންނާ މަޝްވަރާކޮށް 5 އަހަރު ދުވަހަށް އެކުލަވާލާ ތަރައްޤީ ޕްލޭނާއި، އިޚްތިސާސުގައިވާ ބިންބޭނުން ކުރާނޭ ގޮތުގެ ބިނާވެށި ޕްލޭން އެކުލަވާ ފާސްކޮށް ހިންގުމެވެ. ރައީސް މުއިއްޒުގެ ވެރިކަމަށް 3 އަހަރުވެގެންދާއިރު ރާއްޖޭގެ ރަށްތަކުގެ ތަރައްޤީ އަށާއި، ވަކިން ޚާއްސަކޮށް އައްޑޫސިޓީއަށް އެއްވެސް އެދެވޭ ތަރައްޤީއެއް ގެނެސްދެވިފައި ނުވިޔަސް، ރައްޔިތުންގެ މަޝްވަރާއާއެކު އައްޑޫސިޓީ ކައުންސިލްއިން ވޭތުވެދިޔަ 5 އަހަރު، ރައްޔިތުން ޤަބޫލުކުރާފަދަ މަސައްކަތްތަކެއް ކޮށްދީފައިވާކަން، ނިމިދިޔަ ކައުންސިލް އިންތިޚާބްގެ ނަތީޖާއިން ސާފުކޮށް އެނގެން އެއޮތީއެވެ."

ރަށެއް ނުވަތަ ސިޓީއެއްގެ ތަރައްޤީ ޕްލޭނާއި ބިނާވެށި ޕްލޭނެއް އެކުލަވާލުމަށްފަހު، އެ ޕްލޭންތަކަށް އެއްވެސް ބަދަލެއް ގެންނަންވާނީ ރައްޔިތުންންގެ މަޝްވަރާއާއި އެކު ކަމަށް ލާމަރުކަޒީ ޤާނޫނުގައި ކަނޑައަޅާފައިވާ ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ. އެކަން އެގޮތަށް އޮތުމުގެ މާނައަކީ، ރަށެއް ނުވަތަ ސިޓީއެއްގެ އިޙްތިސާސްއަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައިވާ ބާރަކީ ހިތުހުރިގޮތަކަށް ބޭނުންކުރުން ނޫންކަމަށް ވެސް ބުނެފައިވެއެވެ.

 ކައުންސިލްތަކަކީ ވަކި ޤާނޫނީ ޝަޚުސެއްކަމަށާއި އެހެންކަމުން ކަންކަން ރާވާ ހިންގޭނޭ ޤާނޫނީ ޖާގައާއި ބާރު ކައުންސިލްތަކަށް ފަހި ކޮށްދީފައިވާ ކަމަށް ވެސް އެބަޔާނުގައި ވަނީ ބުނެފައެވެ.

"ރައްޔިތުންގެ ސާފު އަޣުލަބިއްޔަތުން އިންތިޚާބުވެފައި އޮތް އައްޑޫސިޓީ ކައުންސިލުގެ ނިންމުންތަކަށް ސަރުކާރުން ބޯލަނބައި، ލާމަރުކަޒީ ޤާނޫނަށް  ފުރިހަމައަށް އިހުތިރާމްކޮށް، ރައްޔިތުން ބޭނުންވާ ލާމަރުކަޒީ ތަރައްޤީ ގެނައުމުގައި، ޑރ. މުއިއްޒުގެ ނާޤާބިލް ސަރުކާރުން ހުރަހަކަށް ނުވުމަށް މި ޕާޓީންއިން ހަރުއަޑުން ގޮވާލަމެވެ."

 

ގުޅުންހުރި ޚަބަރު