ބަންގްލަދޭޝް ގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޙްމާން، ރަސްމީ ދަތުރުފުޅެއްގައި މިއަދު ހިރާއްޖެއަށް ވަޑައިގެންފިއެވެ. މި ދަތުރުފުޅަކީ ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި މިއަދުން ފެށިގެން ޖުލައި 27 އަށް އެމަނިކުފާނު ރާއްޖޭގައި މަޑުކުރައްވާނެއެވެ.
އެމަނިކުފާނު ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓަށް ވަޑައިގެންނެވުމުން އެތަނުން އެ މަނިކުފާނަށް މަރްޙަބާ ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމެވެ.
ބަންގްލަދޭޝް ގެ ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވާމާއި، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެފައިވެއެވެ.
މި ބައްދަލުވުންތަކުގެ މަޝްވަރާތައް ބިނާކުރެވޭނީ ރާއްޖެ އާއި ބަންގްލަދޭޝް އާ ދެމެދު އޮންނަ ޒަމާންވީ ގާތް އެކުވެރި ގުޅުމުގެ މައްޗަށާއި، މި ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރެވޭނޭ ގޮތްތަކާއި، ދެ ޤައުމުން އިސްކަންދޭ ކަންތައްތަކުގައި ގުޅުން ބަދަހިކުރުމަށް ކުރެވިދާނެ މަސައްކަތްތަކުގެ މައްޗަށް ކަމަށް ވެސް ޚާރިޖީ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، ސަރަހައްދީ އަދި ބައިނަލްއަޤްވާމީ މައްސަލަތަކާއި ގުޅޭގޮތުން ޚިޔާލުފުޅު ބަދަލުކުރައްވައި، މިފަދަ މައްސަލަތަކުގައި ދެ ޤައުމުން ގުޅިގެން ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރާނެ ގޮތްތަކާއި ގުޅޭގޮތުން ވެސް ދެ ވަޒީރުން މަޝްވަރާ ކުރެއްވުމަށްވަނީ ހަމަޖެހިފައި ކަމަށް ޚާރިޖިއްޔާއިން ވަނީ ވިދާޅުވެފައެވެ.
މި ދަތުރުފުޅަކީ 17 ފެބްރުއަރީ 2026 ގައި ބަންގްލަދޭޝް ގެ ޚާރިޖީ ވަޒީރު މަޤާމާއި ޙަވާލުވެވަޑައިގަތުމަށްފަހު، ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅަކީ ދިވެހިރާއްޖެ އާއި ބަންގްލަދޭޝް އާ ދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް ޚާރިޖިއްޔާއިން ވިދާޅުވެފައިވެއެވެ. އަދި މުސްތަޤްބަލުގައި ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކޮށް ހަރުދަނާ ކުރުމަށް މަގުފަހިވެގެންދާނޭ ދަތުރުފުޅެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.





