ދިވެހި|English 25 ޖުލައި 2026 · 20:38
Top banner
Advertisement
ވިޔަފާރިއާއި އިގްތިސާދާ ބެހޭ ގޮތުން ޕްރިންސް މަންސޫރާއެކު މަޝްވަރާ ކުރައްވައިފިޕްރިންސް ޑޮކްޓަރ މަންޞޫރު، ރައީސް ޑރ. މުޢިއްޒުގެ އަރިހުގައި/ފޮޓޯ ރައީސް އޮފީސް
ޚަބަރު

ވިޔަފާރިއާއި އިގްތިސާދާ ބެހޭ ގޮތުން ޕްރިންސް މަންސޫރާއެކު މަޝްވަރާ ކުރައްވައިފި

ޕްރިންސް ޑޮކްޓަރ މަންޞޫރު، ރައީސް ޑރ. މުޢިއްޒުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ހިރި ނިއުސްހިރި ނިއުސް25 ޖުލައި 2026

ދިވެހިރާއްޖެއާއި ސަޢޫދީއަރަބިއްޔާއާ ދެމެދު ވިޔަފާރިއާއި އިގްތިސާދާ ބެހޭގޮތުން މިއަދު މަޝްވަރާ ކުރައްވައިފިއެވެ. މި މަޝްވަރާ ކުރެއްވީ ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް، އަދި ސަޢޫދީ ޢަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުގެ މެންބަރު، ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު، ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައެވެ.

މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. "މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ދެ ޤައުމުގެ މެދުގައިވާ ދީނީ އެއްބައިވަންތަކަމާއި، އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިޙްތިރާމާއި، ހިއްސާކުރާ އާންމު އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ޒަމާންވީ އަޚުވަންތަ ގުޅުމާއި، ދޭދޭ ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނެވެ." ރައީސް އޮފީހުގެ ވެބްސައިޓުގައި ވިދާޅުވެފައިވެއެވެ. މީގެ އިތުރުން، ވިޔަފާރިއާއި، އިންވެސްޓްމަންޓާއި، އިޤްތިޞާދީ ތަރައްޤީއާއި، ދެ ޤައުމުގެ މަސްލަހަތު ހިމެނޭ އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފުރުޞަތުތަކާ ބެހޭގޮތުން ވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައި ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.

ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު، ރާއްޖެއަށް މިކުރައްވާ ދަތުރުފުޅަކީ، ދިވެހިރާއްޖޭގެ 61 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ އިޙްތިފާލުތަކުގެ ޝަރަފުވެރި މެހެމާނުގެ ހައިސިއްޔަތުން ކުރައްވާ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ. "މި ރަސްމިއްޔާތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، ސަޢޫދީ ޢަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު، ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދުގެ ފަރާތްޕުޅުންނެވެ."

ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު މާލެ ވަޑައިގަތުމުން، އެމަނިކުފާނަށް ވަނީ، ރަސްމީ އިއްޒަތުގައި މަރުޙަބާ ދަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ޕްރިންސް ޑޮކްޓަރ މަންޞޫރަށް ވަރަށް ހޫނު މަރުޙަބާއެއް ވިދާޅުވެ، މިނިވަންދުވަހުގެ އިޙްތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދަޢުވަތު ޤަބޫލުފުޅުކުރެއްވިކަމަށްޓަކައި ސަޢޫދީ ޢަރަބިއްޔާގެ ވެރިންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައި ކަމަށް ވެސް ވެބްސައިޓުގައި ވިދާޅުވެފައިވެއެވެ.

ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް ދެއްވަމުންގެންދަވާ އެއްބާރުލެއްވުމަށް، ޚާއްޞަކޮށް ދިވެހި ޙައްޖުވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން "މައްކާ ރޫޓް އިނިޝިއޭޓިވް" ގެ ދަށުން ވެދެއްވާފައިވާ އެހީތެރިކަމަށްޓަކައި ވެސް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ޕްރިންސް ޑޮކްޓަރ މަންޞޫރު ދެއްކެވި ވާހަކަފުޅުގައި، ސަޢުދީ ޢަރަބިއްޔާގެ އިސްވެރިން، ދިވެހިރާއްޖޭގެ ތަރައްޤީއާއި ފާގަތިކަމަށް އަބަދުވެސް އިސްކަން ދެއްވާ ކަމަށް ކަމަށް ވިދާޅުވިއެވެ.

 

ގުޅުންހުރި ޚަބަރު