ހަރުފައަކީ ކިތަންމެ ވިހަ އެއްޗެއް ކަމުގައި ވިޔަސް، އޭގެ ދަތްތައް އުފުރާލުމުން، އެ ހަރުފައެކޭ ކިލާފަންޏެކޭ އެއްފަދަ ވެދެއެވެ. އީރާނުން މިހާރު އަވަދިނެތި އެއުޅެނީ އެމެރިކާއޭ ކިޔޭ ވިހަގަދަ ހަރުފައިގެ ދަތްކޮޅު ދުއްވާލެވޭތޯއެވެ. އީރާނުގެ އަޖައިބު ކުރުވަނިވި އިސްތިރާޖީއާއެކު، ގިނަ ބައެއްގެ ހިތުގައި އުފެދޭ ސުވާލަކީ އީރާނުގެ އިންޤިލާބީ ގާޑުންނަށް އެވަރުގެ ސިކުނޑިއެއް ލިބުނީ ކޮންގޮތަކުން ހެއްޔެވެ؟ ތިބާގެ އަތުގައި ހަނގުރާމަމަތީ 20 މަތިންދާބޯޓާއި، އެ 20 މަތިންދާބޯޓު އުދުއްސުމަށް ބޭނުންވާނޭ 02 ރަންވޭ އޮތް ކަމަށް ހީކޮށްލާށެވެ. މިދެންނެވި 20 މަތިންދާބޯޓް ހަލާކު ކުރުމުގެ ބަދަލުގައި، 02 ރަންވޭ ހަލާކުކޮށްލައިފިނަމަ ޙަޤީޤަތުގައި އެ 20 މަތިންދާބޯޓު ނުކުޅެދުންތެރި ކުރެވުނީއެވެ. އޭރުން އެމެރިކާއެކޭ ހަތާ ތަޅާލާފައިވާ ވައިކުޅަދުރުތަކެކޭ އެއްފަދަވީއެވެ. އެގޮތުގެ މަތިން އީރާނުން މަސައްކަތް ކުރަމުން އެދަނީ މެދުއިރުމަތީގައި ހުރި، އެމެރިކާގެ ހުރިހާ އަސްކަރީ މަރުކަޒުތަކެއް ހަލާކުކުރެވޭތޯއެވެ.
އީރާނުން ވަނީ ހީކުރި ވަރަށް ވުރެ އަވަހަށް ހަރުފައިގެ ދަތްކޮޅު ދުއްވާލާފައެވެ. ހަނގުރާމައިގެ ކުރިން މެދުއިރުމަތީގައި، އެމެރިކާގެ 20 އަސްކަރީ މަރުކަޒު ހުއްޓެވެ. އޭރު އެމެރިކާގެ އަތުގަައި އީރާނަށް ޙަމަލާދޭނޭ ތަފާތު 20 ގޮތް އޮތެވެ. އެމެރިކާގެ އަސްކަރީ މަރުކަޒުތަކަކީ އެތައް އަހަރެއްގެ ބުރަ މަސައްކަތުން ބިނާކޮށްފައިވާ މަރުކަޒުތަކެކެވެ. އެއީ، ދިގުމުއްދަތެއްގެ ތަދުބީރާއި، އެތައް ބިލިއަން ޑޮލަރެއް ޚަރަދުކޮށްގެން ބިނާކޮށްފައިވާ ތަންތަނެވެ. މިހާތަނަށް އީރާނުން ވަނީ އެމެރިކާގެ 20 އަސްކަރީ މަރުކަޒުގެ ތެރެއިން 16 މަރުކަޒެއް އަލުން ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްފައެވެ. އޭގެ މާނައަކީ އެމެރިކާއަކަށް ހަނގުރާމައިގައި ދެން އެތަންތަން އެންމެ އެދެވޭ ގޮތުގައި ބޭނުމެއް ނުކުރެވޭނެއެވެ. އެތަންތަނުގެ ރަންވޭތައް ވަނީ ހަލާކުވެފައެވެ. ހަތިޔާރު ގުދަންތައް ވަނީ ހަލާކުވެފައެވެ. ތެޔޮ ރައްކާކުރާ ޓޭންކުތަކާއި، ޖައްވުގައި ތެޔޮ އަޅަން ބޭނުންކުރާ ޓޭންކަރު މަތިންދާބޯޓުތައް ވަނީ ނައްތާލާފައެވެ. ވީމާ ހުއްޓުމެއް ނެތި އެމެރިކާއަށް މި ހަނގުރާމަ ކުރެވޭނީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟
އަސްކަރީ މަރުކަޒުތައް ހަލާކު ކުރުމުގެ ސަބަބުން އީރާނަށް ވަނީ ވަރަށް ބޮޑު އެޑްވާންޓޭޖެއް ލިބިފައެވެ. އީރާނުގެ ވައިގެ ސަރަޙައްދާއި ގާތުގައި މިހާރު އެމެރިކާގެ ބޯޓްތަކަށް ތެޔޮ އަޅާނޭ މަރުކަޒެއް ނެތެވެ. ޖައްވުތެރޭގައި މާދުރުން ތެޔޮ އަޅައިފިނަމަ، ފައިޓަރޖެޓްތަކަށް އަމާޒަށް ވާސިލްވެވޭއިރު ހުންނަނީ އަނެއްކާވެސް ފިއުލް ލެވެލް ދަށްވެއެވެ. ނަތީޖާއެއްގެ ގޮތުން އީރާނުގެ ސަރަޙައްދުގެ ތެރެއަށް މާބޮޑަށް ވަދެ ޙަމަލާއެއް ނުދެވޭނެއެވެ. ހަމައެކަނި ޖެހޭނީ ކައިރި ހިސާބުތަކަށް ބޮން އަޅާފައި އެނބުރިދާށެވެ. އެމެރިކާއަށް ކުރިން އީރާނާ ދެކޮޅަށް ލިބިފައި އޮތް އެޑްވާންޓޭޖަކީ އީރާނުގެ ވައިގެ ސަރަޙައްދާއި ގާތުން ތެޔޮ އަޅައިގެން، ދިގު ދަތުރުތައްކޮށް އީރާނަށް ބާރުގަދަ ބޮންތައް އެޅުމެވެ. މިހާރު އެކަން ވަނީ ނިމުމަކަށް ގެނެވިފައެވެ.
މިހާރު އެމެރިކާގެ މަތިންދާބޯޓުތައް އުދުހެނީ އެތައް ހާސް މޭލު ދުރުގައި އަޅާފައި ހުންނަ މަތިންދާބޯޓު އުފުލާ މަނަވަރުތަކުން ތެޔޮ އަޅައިގެންނެވެ. މިހާރު އެ މަނަވަރުތަކަށްވެސް ވަނީ ތެލުގެ ސްޓޮކް ދަށްވުމުގެ މައްސަލަ ކުރިމަތިވެފައެވެ. ކުރިން ތެޔޮ އެޅުމަށް ބޯޓުތައް އުދުހޭ 20 އަސްކަރީ މަރުކަޒުގެ ތެރެއިން 16 މަރުކަޒެއް ވަނީ ހަލާކުވެފައެވެ. އީރާނުން ވަނީ ޚާއްސަކޮށް ރަންވޭތަކާއި، ހެނގަރުތަކަށް އަމާޒުކޮށް އެތަންތަން ހަލާކުކޮށްލާފައެވެ. ހެނގަރުތައް ހަލާކުވުމުގެ ސަބަބުން މަތިންދާބޯޓުތައް ވަނީ މާދުރުގައި ހުރި ވައިގެ މަރުކަޒުތަކަށް ބަދަލުކޮށްފައެވެ. އޭގެސަބަބުން އީރާނަށް ޙަމަލާ ދިނުމަށް ކުރަންޖެހޭ ދަތުރުތަކުގެ ދުރުމިން މާބޮޑަށް އިތުރުވެ ތެލުގެ ޚަރަދުވަނީ ބޮޑުވެފައެވެ.
ކުރިން އެމެރިކާއިން ރާވާފައި އޮތީ އަގުހެޔޮ ބޮމާއި، މިސައިލްތައް ބޭނުންކޮށްގެން އީރާނާ ދެކޮޅަށް ވައިގެ މަގުން ޙަމަލާދީ އީރާނަށް ގެއްލުން ދިނުމެވެ. އެކަމަކު މިހާރު ބޯޓުތައް ދަތުރުކުރަންޖެހޭ ދުރުމިން އިތުރުވުމުގެ ސަބަބުން އެމެރިކާއަށް ވަނީ އެ ފުރުޞަތު ހަނިވެފައެވެ. މިހާރު ބާކީ އޮތް ހަމައެކަނި އޮޕްޝަނަކީ ދުރު ރާސްތާއިން ފޮނުވައިލެވޭ އެންމެ އަގުބޮޑު މިސައިލްތައް ބޭނުން ކުރުމެވެ. އޭގެ ސަބަބުން އެމެރިކާގެ ހަނގުރާމައިގެ ބަޖެޓްވަނީ އިންތިހާއަށް ބޮޑުވެފައެވެ.
މިހުރިހާ ކަމެއްގެ ނަތީޖާއަކީ ކޮބާ ހެއްޔެވެ؟ އެމެރިކާއިން އަނެއްކާވެސް އީރާނަށް އާދޭސްކުރާނެއެވެ. ގިނަވެގެން ދެ ހަފްތާ ފަހުން މަޝްވަރާގެ މޭޒަށް އައުމަށް އެމެރިކާއިން އީރާނަށް އާދޭސް ކުރާނެއެވެ. އެކަމަކު މިފަހަރު އީރާނުން މަޝްވަރާ ކުރާނެ ކަމަކަށް ނުފެނެއެވެ. އޭގެސަބަބުން މި ހަނގުރާމަ އިތުރަށް ދިގު ދެމިގެން ދާނެއެވެ. އަދި ކުރިއަށް އޮތްތަނުގައި ރަތް ކަނޑުވެސް ބަންދުކުރާނެއެވެ. އެހެންވެއްޖެނަމަ އީރާނުން، ހުޅަނގާއި، އެމެރިކާއާއި އަދި އިނގިރޭސިވިލާތުގެ އިޤުތިސާދުގެ މައިބަދަ ބިންދައިލާނެއެވެ. އަދި ފަރުދާގެ ފުރަގަހުގައި މަޑުމަޑުން އޮވެ ޗައިނާއިން އެ ހުރިހާ ޤައުމުތަކެއްގެ މައްޗަށް އިރެއް ފަދައިން އުދަވެގެންދާނެއެވެ.





