ރާއްޖޭގައި މިއަދު ފާހަގަކުރަމުންދާ 61 ވަނަ މިނިވަންދުވަހުގެ އިހުތިފާލުތަކުގައި 43 ޤައުމަކުންނާއި، އެކި އިދާރާތަކުން 113 ޑިޕްލޮމެޓުން ބައިވެރިވެ ވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ބޭއްވި ރަސްމީ ޖަލްސާގައި، ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މިއީ ފާއިތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި މިހާ ގިނަ ޢަދަދަކަށް، ޚާރިޖީ ޑިޕްލޮމެޓުން މިފަދަ އިހުތިފާލުތަކުގައި ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރުކަމަށެވެ. މިއިން އަންގައިދެނީ އެމަނިކުފާނުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ކާމިޔާބީ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިނިވަންކަމާއި އިސްތިޤުލާލާއި ސިޔާދަތަކީ ހުރިހާ ޤައުމަކަށް އެއް ހަމައެއްގައި އޮންނަން ޖެހޭ ޙައްޤެއް ކަމަށެވެ. އެހެންކަމުން އެމަނިކުފާނުގެ ސަރުކާރުން ތަންފީޒުކުރައްވާ ދިވެހިން އިސްކުރަނިވި ޚާރިޖީ ސިޔާސަތުގެ ކާމިޔާބީ، މިނިވަންދުވަހުގެ އިހުތިފާލުތަކުން ސާބިތުވާކަމުގައި ވިދާޅުވިއެވެ.
މި އަހަރުގެ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް، އަދި ސަޢޫދީ ޢަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުގެ މެންބަރު، ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު ވަޑައިގެންނެވި ކަމީ އޭގެ ދަލީލެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ. އަދި ދިވެހި ސަރުކާރުގެ ޚާއްޞަ މެހުމާނެއްގެ ހައިސިއްޔަތުން ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑޮކްޓަރ ޚަލީލުއްރަޙްމާން ބައިވެރިވެވަޑައިގަންނަވާކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.
މި ޖަލްސާގައި ރައީސް ވިދާޅުވީ ސިޔާސީ ގޮތުން ޤައުމަކަށް މިނިވަންކަން ލިބުމަކީ، އެ ޤައުމަކީ މިނިވަން ޤައުމެއްގެ ގޮތުގައި ގަބޫލު ކުރައްވަން ޖެހޭކަމެއް ކަމަށެވެ. ޚާރިޖީ މިނިވަންކަމަކީ އޭގެ އެއްބައިކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.





