ރާއްޖޭގައި މިއަދު ފާހަގަކުރަމުން މިދާ 61 ވަނަ މިނިވަންދުވަހުގެ ތަހުނިޔާ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސާލިހު ރައްޔިތުންނަށް ފޮނުވައިފިއެވެ.
"މިނިވަން ދުވަހުގެ މުނާސަބަތުގައި، އެންމެހާ ލޮބުވެތި ދިވެހި ރައްޔިތުންނަށް އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަން،" އެކްސްގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
މިނިވަން ދުވަހުގެ ތަހުނިޔާ ވިދާޅުވެ އެކްސްގައި އެމަނިކުފާނު ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ ޙައްޤުތަކާއި މިނިވަންކަން ކަށަވަރުކޮށް، އުއްމީދުތަކުގައި ކުލަޖައްސައިދިނުމަކީ ޤައުމީ މިނިވަންކަން ދެމެހެއްޓުމުގެ އެންމެ މުހިއްމު އެއް އަސާސް ކަމަށެވެ.
ރާއްޖޭގައި މިއަދު ފާހަގަކުރަމުން މިދާ މިނިވަންދުވަހުގެ އިހުތިފާލުތަކުގައި ބައިވެރިވުމަށް އެކި ގައުމުތަކުންނާއި ބައިނަލް އަގުވާމީ ޖަމިއްޔާ، ޖަމާއަތްތަކުން ބޭފުޅުން ވަނީ ރާއްޖެ ވަޑައިގެންފައެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ މިއަދު ހެނދުނުވަނީ ބާއްވައިފައެވެ. މިނިވަންދުވަހުގެ މުނާސަބާގައި ހަވާއެރުވުން ވެސް މިރޭ އޮންނާއެވެ.





