ބަނގުރާ ވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ދެމީހަކު މާލެއިން ހައްޔަރު ކޮޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މި ޖުލައި މަހުގެ 26 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެެއްގައި ކަމަށެވެ.
ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ މީހުން ކަމުގައިވާ ރޮކިބުލް ހަސަން (24އ) އާއި، އެމް ޑީ ޖަކިރް ހޮސެއިން (29އ) އެވެ.
މާލޭ މަގުމަތިން ސައިކަލެއްގައި ދަނިކޮށް އެ މީހުން ހުއްޓުވައި، އެ މީހުން އަތުގައި ހުރި ތަކެއްޗާއި ސައިކަލު އަދި އެ މީހުން ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު 17 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، އެ ދެމީހުން ވެސް މިހާރު ވަނީ އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅުއެޅުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައި ކަމަށް ފުލުހުން ހާމަކުރައްވާފައިވެއެވެ. އެ މީހުން ދުއްވި ސައިކަލު ވެސް ފުލުހުން ވަނީ ޓޯކޮށްފައެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދެއްވައިފައެވެ.





