މާލޭގެ މަގުތަކުންނާއި، ޕާކުތަކާއި މައިޒާންތަކުގައި އުފެދޭ ކުނި އުކާލެވޭނެ ދާއިމީ ނިޒާމެއް މި ވަގުތު ނެތުމުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި ކަމަށް މާލޭ ސިޓީކައުންސިލުން ވިދާޅުވެއްޖެއެވެ. އެ ކައުންސިލުން ވިދާޅުވެފައިވަނީ މިހާރު ކުނި އަޅަން ބޭނުންކުރާ ސަރަހައްދު ފުރިފައިވާ ކަމަށެވެ. ތިލަފުއްޓަށް ކުނި ނުގެންދެވޭތާ މިހާރު 10 ވަރަކަށް ދުވަސް ވެފައިވާ ކަމަށްވެސް އެ ކައުންސިލުން ވިދާޅުވެފައިވެއެވެ.
އެހެންވެ މިކަމަށް އަވަސް ހައްލެއް ހޯދުމަށް ޓަކައި މާލެ ސިޓީ ކައުންސިލްގެ 11 ކައުންސިލަރަކު މިއަދު ވަނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އަށް ޒިޔާރަތްކުރައްވާފައެވެ.
ވެމްކޯއިން ކައުންސިލަރުންނާ ބައްދަލުކުރެއްވީ އެކުންފުނީގެ އެޗް.އާރު ޖެނެރަލް މެނޭޖަރ މުޙައްމަދު ޝާނެވެ. އޭނާ ވިދާޅުވީ، ތިލަފުށީ ސައިޓުގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އެ ސައިޓުގެ ބައެއް ސަރަހައްދުތައް ބަންދުކުރަން ޖެހިފައިވާ ކަމަށެވެ. ތިލަފުށީގައި އަލިފާނުގެ ހާދިސާއެއް ހިނގީ ޖުލައި 19 ވަނަ ދުވަހުގެ ރޭގައެވެ.
ޝާން ވިދާޅުވީ މިކަމުގެ ސަބަބުން މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ޓްރާންސްފަރ ފެސިލިޓީތަކުގެ އޮޕަރޭޝަންތަކަށް ބުރޫއަރައިފައިވާ ކަމަށެވެ. މީގެ ސަބަބުން ދުވަހުން ދުވަހަށް ދެމުން އަންނަ ކުނިއުކުމުގެ ޚަދުމަތްތަކަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވެފައިވަނީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރާ މަޝްވަރާކޮށްގެން މި ކަމަށް އަވަސް ހައްލެއް ހޯދައިދޭނެ ކަމަށެވެ. އަދި މި ހަފްތާ ނިމުމުގެ ކުރިން ތިލަފުށީގެ ކުނި އަޅާ ސައިޓް އަލުން އޮޕަރޭޝަނަށް ގެނެސް، ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް އަންނާކަމުގެ ޔަގީންކަން ޝާން ދެއްވި ކަމަށް މާލޭސިޓީކައުންސިލުން ވިދާޅުވެފައިވެއެވެ.
މި ކަމަށް އަވަސް ހައްލެއް ނުލިބިއްޖެނަމަ މާލެ ތެރޭގައި ކުނި ގިނަވެ، އާންމު ޞިއްޙީ ބޮޑު މައްސަލައަކަށް މި ކަން ބަދަލުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ކައުންސިލުން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން، ވެމްކޯއިން ކަނޑައަޅައިފައިވާ މުއްދަތުގެތެރޭގައި މައްސަލަ ހައްލު ނުވެއްޖެނަމަ، އަލުން ވެމްކޯއަށް ދާން ކައުންސިލަރުން މިއަދު ވަނީ ނިންމައިފައެވެ.





