އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)ގެ އައު އިމާރާތް، ހޯމަދުވަހު ހުޅުއްވައިދެއްވައިފިއެވެ. މިއިމާރާތް ހުޅުވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒެވެ.
މިއީ ޖަޕާނު ސަރުކާރުގެ އެހީތެރިކަމާއެކު ކޮށްފައިވާ އިމާރާތެކެވެ. އިމާރާތުގެ ބިންގާ އަޅާފައިވަނީ 2022 ވަނަ އަހަރު އެވެ. މިތަން ވިލަރެސްކޮށްފައިވަނީ ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަކްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)އިން ނެވެ. މި އިމާރާތުން ދެވޭ ޚިދުމަތްތަކަށް ބޭނުންވާ އާލާތްތަކާއި ވަސީލަތްތައް ގާއިމްކުރުމަށް އޮސްޓްރޭލިޔާ ސަރުކާރުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
މި އިމާރާތުގައި ޒަމާނީ އޮޕަރޭޝަންސް ރޫމްތަކާއި، ތަމްރީނުދޭ ވަސީލަތްތަކުގެ އިތުރުން އޮޑިޓޯރިއަމެއް ޤާއިމުކުރެވިފައިވެއެވެ. މި އިމާރާތާ އެކު، ކަނޑުމަތީގެ ސަރޗް އެންޑް ރެސްކިޔު އޮޕަރޭޝަންތައް ވިލަރެސްކުރުމުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ޤާބިލުކަން އިތުރުވެ، ކުއްލި ޙާލަތްތަކުގައި ހިންގާ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ދީފާއީ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ޚާއްޞަ ތަމްރީނުތަކާއި ބައިނަލްއަޤްވާމީ އެއްބާރުލުން ފުޅާކުރުމަށް ބޮޑު ބާރަކަށް މި އިމާރާތް ވެގެންދާނޭ ކަމަށް ވެސް އެ ވުޒާރާއިިން ވިދާޅުވިއެވެ.
މަސްވެރިކަމަކީ ރާއްޖޭގެ އިގްތިސާދު ގެ މައިގަނޑު އެއް ސިނާއަތަށް ވީހިނދު، މަސްވެރިކަމުގައި ކަނޑުމަތީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ނުރައްކާތެރި ހާދިސާތަކާއި ކުރިމަތިލާންޖެހޭލެއް ގިނަކަމަށާއި، އެހެންކަމުން މިއިމާރާތް ވެގެންދާނީ، ދިވެހިރާއްޖޭގެ ސަރޗު އެންޑް ރެސްކިޔު ރީޖަންގައި ހިނގާ ކަނޑުމަތީގެ ހާދިސާތަކުގައާއި އަދި ކަނޑުމަތީގައި ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ލިބިގެންދިޔަ ވަރަށް މުހިންމު ކުރިއެރުމަކަށް ކަމަށް ވެސް އެވުޒާރާއިން ވަނީ ވިދާޅުވެފައެވެ.





