މާލޭގެ އުސް ޢިމާރާތްތަކުގައި ދިރިއުޅޭ އެތައް ހާސް ރައްޔިތުންނަށް ފެން ލިބުމުގައި ދިމާވާ ޕްރެޝަރުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މާލެ ސިޓީ ކައުންސިލުން މަސައްކަތް ފަށައިފި ކަމަށް އެކައުންސިލުން ވިދާޅުވެއްޖެއެވެ.
މި މައްސަލަ ވަނީ ބުދަ ދުވަހު ކުރިއަށް ދިޔަ މާލެ ސިޓި ކައުންސިލްގެ 5 ވަނަ ދައުރުގެ 10 ވަނަ ރަސްމީ އާންމު ޖަލްސާއަށް ހުށަހަޅައިފައެވެ. މި މައްސަލަ ހުށަހެޅުއްވީ ޑެޕިއުޓީ މޭޔަރ މީކާއީލް މުޙައްމަދު ރިޔާޒު ކަމަށް ސިޓީކައުންސިލުން ވިދާޅުވިއެވެ.
މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޑެޕިއުޓީ މޭޔަރ ވިދާޅުވީ ހަފްތާ ބަންދު ދުވަސްތަކާއި ފެން ބޭނުންކުރާ މިންވަރު އިތުރުވާ ޕީކް ގަޑިތަކުގައި އުސް ޢިމާރާތްތަކަށް ފެން ލިބުމުގައި ބޮޑެތި މައްސަލަތައް ނުވަތަ ދަތިކަން ކުރިމަތިވާ ކަމަށެވެ. ބައެއް ގެތަކަށް އެއްގޮތަކަށްވެސް ފެން ނުލިބޭ ކަމުގެ ޝަކުވާ ތަކުރާރުކޮށް ލިބެމުންދާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި މައްސަލައިގައި އޮތް މާލީ ބުރައާ ގުޅޭގޮތުން ވާހަކަދައްކަވަމުން މީކާއީލް ވިދާޅުވީ، ފުރަތަމަ ފަންގިފިލާގައި އުޅޭ މީހާއާއި ހަވަނަ ފަންގިފިލާގައި އުޅޭ މީހާވެސް އެމް.ޑަބްލިއު.އެސް.ސީ އަށް ފެނުގެ ޓެރިފް ރޭޓުން ދައްކަނީ އެއްވަރެއް ކަމަށެވެ. ނަމަވެސް، ހަވަނަ ފަންގިފިލާއަށް ފެން ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށް 80,000 އަށް ވުރެ ގިނަ ރުފިޔާގެ މާލީ ތަކުލީފެއް އުފުލަން ރައްޔިތުންނަށް މަޖުބޫރުވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. މިއީ މެދުފަންތީގެ އާއިލާއަކަށް އުފުލޭނެ ބުރައެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަކީ ކައުންސިލްގެ ޒިންމާއެކެވެ. އެހެންކަމުން މިކަން ހައްލު ކުރުމަށް ޑެޕިއުޓީ މޭޔަރު ވަނީ އެމް.ޑަބްލިއު.އެސް.ސީ އާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާ ބައްދަލުކުރުމަށް ހުށަހަޅުއްވާފައި ކަމަށް މާލޭސިޓީކައުންސިލުން ވަނީ ވިދާޅުވެފައެވެ. އަދި ސޭފްޓީ މިންގަނޑުތަކަށް ފެތޭ، އަގުހެޔޮ ތިންވަނަ ފަރާތްތަކުގެ ޕަމްޕުތައް ބޭނުންކުރުމުގެ ހުއްދަ ރައްޔިތުންނަށް ދިނުމަށް ބާރުއެޅުމަށްވެސް އޭނާ ހުށަހެޅުއްވި ކަމަށް ސިޓީކައުންސިލުން ވިދާޅުވިއެވެ.
ޑެޕިއުޓީ މޭޔަރުގެ މި ހުށަހެޅުއްވުމަށް މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު ހުސައިން ފުރުޝާން ވަނީ ތާއީދުކުރައްވާފައެވެ. މިކަމާ ގުޅިގެން މޭޔަރ އާދަމް ޢާޒިމް ވެސް ވަނީ މި މައްސަލައަކީ ރައްޔިތުންނަށް ދިމާވެފައިވާ ނުހަނު ބޮޑު ތަކުލީފެއްކަން ގަބޫލުކުރައްވައި، މިކަމުގައި އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައި ކަމަށް ސިޓީކައުންސިލުން ވަނީ ވިދާޅުވެފައެވެ.





