ހުޅުމާލޭ ފޭސް އެކަކާއި ދޭއްގައި މަދިރި ނައްތާލުމަށްޓަކައި ފޮގް ކުރުމުގެ ޚާއްސަ ހަރަކާތްތަކެއް ވަގުތުން ފެށުމަށް މާލެ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.
އެ ކައުންސިލުން މިކަން ފާސްކޮށްފައިވަނީ ބުދަ ދުވަހު ބޭއްވި 5 ވަނަ ދައުރުގެ 10 ވަނަ ރަސްމީ އާއްމު ޖަލްސާގައި ބައިވެރިވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުން ކަމަށް ސިޓީކައުންސިލުން ވިދާޅުވިއެވެ.
މި މައްސަލަ ކައުންސިލަށް ހުށަހެޅުއްވީ ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލް މެންބަރު ފާތިމަތު ޒަހިއްޔާއެވެ. އޭނާގެ ހުށަހެޅުއްވީ ހުޅުމާލޭގައި މަދިރި ނައްތާލުމަށްޓަކައި ފޮގްކުރުމުގެ މަސައްކަތް، ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ކުރިއަށް ގެންދިއުމަށެވެ. ޒަހިއްޔާ ވިދާޅުވީ ހުޅުމާލޭގައި މަދިރި ގިނަވަމުންދާ ކަމުގެ ޝަކުވާ ގިނަ ރައްޔިތުންގެ ފަރާތުން ލިބެމުންދާ ކަމަށެވެ، އެޗްޑީސީން ކުރިން ކުރި މަސައްކަތްތަކަކީ އެންމެ އެކަށީގެންވާ ގޮތެއްގައި ކުރެވުނު ކަމެއް ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ޒަހިއްޔާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެޗްޑީސީން ކުރިން ފޮގް ކުރިއިރު އެންމެ މުހިންމު ހިސާބުތަކަށް ފޮގް ކޮށްފައެއް ނުވެއެވެ. "މަދިރި އަކީ ނުރައްކާތެރި ބަލި ފަތުރާ އެއްޗެއް. އަދި ފުރާނައަށް ގެއްލުން ހުރި ބަލިތައް ފަތުރާ އެއްޗެއް. އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހު ޑެންގޫގެ 374 ކޭސް ފެނުނު. މިއަހަރުގެ އެ މުއްދަތުގައި 2183 ކޭސް ވަނީ ރިޕޯޓްކޮށްފައި،" ޒަހިއްޔާ ވިދާޅުވިއެވެ.
އަވަށްޓެރި ސްރީލަންކާގައި ޑެންގޫ އިތުރުވުމުގެ ސަބަބުން ރެޑް އެލާޓް ނެރެ، ސިފައިން ނެރެގެން މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި ޒަހިއްޔާ ވިދާޅުވީ، ރާއްޖޭގެ ހާލަތު އެ މިންވަރަށް ދަންދެން ހިމޭނުން ތިބެގެން ނުވާނެ ކަމަށެވެ. ހާއްސަކޮށް ހުޅުމާލެ ފޭސް ދޭއްގައި އުސް އިމާރާތްތައް ގިނަވުމާއެކު، އެ ތަންތަނުން މަދިރި ނައްތާލެވޭނެ ގޮތަކަށް ފޮގް ކުރުން ކުރިއަށް ގެންދަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ކުރިއަށް އޮތީ ވިއްސާރަ މޫސުން ކަމަށްވާތީ، މި ހަރަކާތް ހުޅުމާލޭގެ އިތުރުން މާލެ އަދި ވިލިމާލޭގައި ވެސް ކުރިއަށް ގެންދިއުމަށް ޒަހިއްޔާ ވަނީ ހުށަހަޅުއްވާފައެވެ.
މި ހުށަހެޅުމާއެކު ކައުންސިލުން ވަނީ މާލެ ސަރަހައްދުގައި މަދިރި މަދުކުރުމުގެ އޮޕަރޭޝަނެއް ފެށުމަށް ނިންމާފައެވެ.





