މަގުމަތީ ހަރަކާތްތައް ހިންގައިގެންވެސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ހަމަމަގަށް އަޅުވަން ތައްޔާރު ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޖަގަހައިގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ "މިސަރުކާރު ހަމަމަގަށް ގެންނަން މަސައްކަތް ކުރުމަށް އަޅުގަނޑު މިހުރީ ވަރަށް ތައްޔާރަށް. އަޅުގަނޑުމެން މިދަނީ އެ މަސައްކަތްތައް ރާވަމުން،" އެމަނިކުފާނު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ މި ސަރުކާރުގެ ކަންކަން ހަމައަކަށް އަޅުވަން މަގުމައްޗަށް ނުނިކުންނަންތޯ މީހުން ސުވާލު ކުރަމުން ގެންދާ ކަމަށެވެ. އެކަން ކުރަން ރާއްޖޭގެ ރައްޔިތުން ތެދުވާނޭ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައްޔިތުން ތެދުވެ ބަސް ބުނާނީ ރަޔިއްތުންނަށް ދަތިވެ ކަންކަން ތަހައްމަލުނުވީމާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. "އަޅުގަނޑުމެން އަބަދުވެސް އެރައްޔިތުންނާ އެކު ނިކުންނާނަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.





