ރާއްޖޭގެ ރަށްރަށުގައި ހިނގަނީ ކޮންކަމެއްކަން ސަރުކާރު ހިންގަން ތިއްބެވި ބޭފުޅުންނަށް އެނގިވަޑައިނުގަންނަވާ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މިކަން ސަރުކާރަށް އެނގިވަޑައި ނުގަންނަވަނީ ނުބައްލަވާތީ ކަމަށެވެ. "އެބޭފުޅުންނަށް އެނގިވަޑައި ނުގަންނަވަނީ ރަށްރަށުގައި ހިނގަނީ ކޮންކަމެއްކަން. އަޅުގަނޑުމެންނަށް އިނގޭ. އަޅުގަނޑުމެން ބަލަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ޗެއަރޕާސަން ވިދާޅުވީ އެމްޑީޕީ އޮފީހުން ރަށްރަށުގެ ކައުންސިލްތަކަށް ގުޅާ ކަމަށެވެ. އަދި އަހައިގެން ވާނުވާ އޮޅުން ފިލުވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވިއެވެ. "އަޅުގަނޑުމެން އަހަން، ތިޔަތަނުގައި ކޮން މަޝްރޫޢެއްތޯ ހިނގަނީ. ކޮންކަމެއްތޯ ހުއްޓިފައި ހުރީ،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ރާއްޖޭގައި އެތައްސަތޭކަ މަޝްރޫއެއް އެބަހިންގާ ކަމަށް ސަރުކާރުގެ ވެރީން ޕޯޑިއަމްތަކުގައި ވިދާޅުވިޔަސް އެއެއް ނުފެންނަ ކަމަށެވެ. ނުފެނުމުން އެކަމާ ރައްޔިތުން ސުވާލު ކުރައްވާނޭ ކަމަށް ވެސް ވިދާޅުވިއެވެ. ރާއްޖޭގެ އިގްތިސާދު ވެސް އޮތީ ވަރަށް ދަށުގައި ކަމަށާއި ރާއްޖެ މިދަނީ ޑީފޯލްޓަކާ ދިމާއަށް ކަމަށް ވެސް ވިދާޅުވިއެވެ. އެކަން އެގޮތަށްވާން ބޭނުންފުޅު ނުވާކަމަށާއި އެހެން ވެއްޖެނަމަ އެންމެވެސް ޑީފޯލްޓުވާނޭ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގައި އިންވެސްޓް ކުރަން ބޭރުމީހުން މިހާރު ބޭނުން ނުވަނީ މިފަދަ އެތައް ސަބަބުތަކެއް ހުރުމުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ކޮންމެވެސް ވަރެއް ކޮށްދެވުނަސް މިލިޔަނުން ދެމިލިޔަނުން ޑޮލަރު ނުދެވޭނޭ ކަމަށް އިންވެސްޓަރުން މިހާރު ދަނީ ބުނަމުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން މިހާރު ގެންދަނީ ކައުންސިލްތަކާ އެކީގައި މަސައްކަތްކުރަމުން ކަމަށެވެ. މި މަސައްކަތުގެ ތެރެއިން އެކައުންސިލްތަކުން ބޭނުންވަނީ ޕްރޮޖެކްޓްތައް ހިންގަންކަން އެނގިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް އެއީ އުމްރާނީ ބޮޑެތި ޕްރޮޖެކްޓްތަކަށްނުވާނޭ ކަމަށް ވެސް ވިދާޅުވިއެވެ. "ކައުންސިލަކުން ހިންގަން އުޅޭ ކިތަންމެ ކުޑަކުޑަ ޕްރޮޖެކްޓަކަށްވިޔަސް ސަރުކާރުންދަނީ އެކަންކަމަށް ހުރަސްއަޅަމުން،" ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.





