ދިވެހި|English 30 ޖުލައި 2026 · 16:23
Top banner
Advertisement
އޭޓީއެމްގެ ޚިދުމަތާއެކު، އޭސީކޮށްފައިވާ ޒަމާނީ ބަސް ސްޓޭޝަނެއް މާލޭގައި ހުޅުވައިފި ބަސް ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން/ފޮޓޯ މާލޭސިޓީ ކައުންސިލް
ޚަބަރު

އޭޓީއެމްގެ ޚިދުމަތާއެކު، އޭސީކޮށްފައިވާ ޒަމާނީ ބަސް ސްޓޭޝަނެއް މާލޭގައި ހުޅުވައިފި

މާލެސިޓީކައުންސިލާއި އިސްލާމިކް ބޭންކު ގުޅިގެން ފެންވަރުރަނގަޅު ޒަމާނީ ބަސް ސްޓޭޝަނެއް މާލޭަގައި ހުޅުވައިފިއެވެ.

މމުހައްމަދު އަލީ30 ޖުލައި 2026

މޯލްޑިވްސް އިސްލާމިކް ބޭންކުގެ އެހީއާއެކު މާލެ ސިޓީ ކައުންސިލުން މާފަންނު މައިޒާން ކުރިމަތީގައި ތަރައްޤީކުރި ޒަމާނީ ފެންވަރުގެ ބަސް ސްޓޭޝަން ހުޅުވައިފިއެވެ. މި ބަސް ސްޓޭޝަނަކީ ބަހުގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަކުރުމަށް ހެދި ތަނެއް ކަމަށް ސިޓީކައުންސިލުން ވިދާޅުވެފައިވެއެވެ.

މި ބަސް ސްޓޭޝަން ހުޅުވައިދެއްވީ މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ޗީފް އެޑްމިނިސްޓްރޭޓިވް އޮފިސަރު މުޙައްމަދު ޒުހައިލް ޒަޢީމެވެ. މި ރަސްމިއްޔާތުގައި މާލެ ސިޓީ ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ އިތުރުން ކައުންސިލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއީ މާލެ ސިޓީގައި ތަރައްޤީކުރި މި ފަދަ ފުރަތަމަ ބަސް ސްޓޭޝަން ކަމަށް ވެސް ކައުންސިލުން ވިދާޅުވެފައިވެއެވެ. މި ތަނުގެ އެތެރެ އޭސީކޮށްފައިވާއިރު، އާންމުންނަށް ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތް ލިބިދިނުމަށް ޓަކައި އެމްއައިބީގެ ދެ އޭޓީއެމް ވެސް، ވަނީ ބަހައްޓާފައެވެ. އަދި އޭސީގައި ތިބުމަށް ދަތިވާ ފަރާތްތަކަށް ފަސޭހަ ކުރުމަށް ޓަކައި، ބަސް ސްޓޭޝަންގެ ބޭރުގައި ވެސް ގޮނޑިތައް ބަހައްޓައިފައި ހުންނާނޭ ކަމަށް ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ، އެމްއައިބީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން މާލޭގެ ހަތަރު ސަރަހައްދެއްގައި މި ފަދަ ބަސް ސްޓޭޝަންތައް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން ދެން ބަސް ސްޓޭޝަންތައް ހެދުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކަކީ:

  • އަމީނީ މަގު ސިނަމާލެ 3 ސަރަހައްދު

  • ބޮޑުތަކުރުފާނުމަގު މާލެ ސިޓީ ހޯލް ބޭރު

  • ބޮޑުތަކުރުފާނު މަގު ރާޅުގަނޑު ސަރަހައްދު

    މި ބަސް ސްޓޭޝަންތަކުގެތެރެއިން، ބޮޑުތަކުރުފާނުމަގު ރާޅުގަނޑު ސަރަހައްދުގައި ހަދާ ބަސް ސްޓޭޝަން، 2026 އޮގަސްޓް ގައި ނިންމައި ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ސިޓީކައުންސިލުން ވިދާޅުވެފައިވެއެވެ. އަނެއް 2 ބަސްސްޓޭޝަން، މި ހިނގާ 2026 ވަނަ އަހަރު ނިމުމުގެ ކުރިން ނިންމައި ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.

    މި މަޝްރޫޢުގެ ހުރިހައި ޚަރަދެއް ކުރަނީ އެމްއައިބީންނެވެ. މި އެއްބަސްވުމުގެ ދަށުން 10 އަހަރުގެ މުއްދަތަށް، މި ސްޓޭޝަންނުގައި ބަހައްޓައިފައި ހުރި 2 އޭޓީމް ހުރިތަނަށް އެމްއައިބީން، ކައުންސިލަށް އެއްވެސް ކުއްޔެއް ދައްކަން ނުޖެހޭނޭ ކަމަށް ވެސް ކައުންސިލުންް ވިދާޅުވެފައިވެއެވެ. މި ބަސް ސްޓޭޝަންތައް މަރާމާތުކޮށް ބެލެހެއްޓުމުގެ ހުރިހައި ޒިންމާއެއް އުފުލާނީ ވެސް އެމްއައިބީންނެވެ.

    މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރ ޢާޒިމް ވިދާޅުވީ، މާލެ ސިޓީގެ މުރާލި ކައުންސިލަރުންނާއި ޑަބްލިޔުޑީސީގެ މުރާލި މެމްބަރުންނާއި އަދި ޚިދުމަތްތެރި މުއައްޒަފުންގެ މަސައްކަތުގެ މައިގަނޑު އަމާޒަކީ، މާލެ ސިޓީގައި ދިރިއުޅުއްވާ ރައްޔިތުންނަށް، އަމާން، ރައްކާތެރި، ހިތްހަމަޖެހޭ، އުފާވެރި، ސިޓީއަކަށް، މި ސިޓީ ހެދުންކަމަށެވެ.

    މާލެ ސިޓީއާއި އެމްއައިބީ ގުޅިގެން ބަސް ސްޓޭޝަން ތަރައްޤީ ކުރުމަށް ހިންގާ މި މަޝްރޫޢާ ބެހޭގޮތުން މޭޔަރ ވިދާޅުވީ، މާލެ ސިޓީ ކައުންސިލާ ގުޅިގެން މި ފަދަ ކަންކަން ކުރުމުގެ ފުރުޞަތު ހުރިހައި ފަރާތްތަކަށް ވެސް ހުޅުވައިލެވިފައިވާކަމަށެވެ. އަދި އެ ފަދަ ފަރާތްތަކަށް، ކައުންސިލުން މަރުޙަބާކިޔައި، ފުރިހަމައަށް އެއްބާރުލުން ދެއްވާނެކަމަށް ވެސް ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު