ދިވެހި|English 30 ޖުލައި 2026 · 17:14
Top banner
Advertisement
ރާއްޖޭގައި މީހުން ޓްރެފިކްކުރުން ހުއްޓުވުމަކީ ސަރުކާރުން ނުހަނު އިސްކަމެއް ދޭ ކަމެއް: ހޯމް މިނިސްޓްރީ
ޚަބަރު

ރާއްޖޭގައި މީހުން ޓްރެފިކްކުރުން ހުއްޓުވުމަކީ ސަރުކާރުން ނުހަނު އިސްކަމެއް ދޭ ކަމެއް: ހޯމް މިނިސްޓްރީ

ސަރުކާރުން މަސައްކަތް ކުރަނީ އަމާންކަމާއެކު އެންމެނަށް ވެސް އުޅެވޭނޭ ރާއްޖެއެއް ބިނާކުރަން ކަމަށް ސަރުކާރުން ވިދާޅުވެއްޖެެއެވެ.

ހިރި ނިއުސްހިރި ނިއުސް30 ޖުލައި 2026

ދިވެހިރާއްޖޭގައި މީހުން ޓްރެފިކްކުރުން ހުއްޓުވުމަކީ ސަރުކާރުން ނުހަނު އިސްކަމެއް ދޭ ކަމެއް ކަމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން މިހެން ވިދާޅުވީ ފާހަގަކުރަމުންދާ މީހުން ޓްރެފިކްކުރުމާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަޤުވާމީ ދުވަހާ ގުޅިގެން ނެރުއްވި ބަޔާނެއްގައެވެ. ބައިނަލްއަޤުވާމީ މުޖުތަމަޢުއާ ގުޅިގެން ފާހަގަ މިކުރާދުވަހުގެ މިއަހަރުގެ ޝިއާރަކީ "މަކަރާއި ހީލަތުން ގައިދުކޮށްފައި" މި ޝިއާރެވެ.

އެ ބަޔާނުގައި ވިދާޅުވެފައިވަނީ މީހުން ޓްރެފިކްކުރުމުގެ ކުށަކީ "ކުރިން އަޅުގަނޑުމެން ދަންނަ ކުށްކުރުމުގެ ވައްޓަފާޅިން ބޭރުވެ، ބަދަލުވަމުންދާ ނުރައްކަލެއް ކަމެވެ. ޒަމާނީ ޓެކްނޯލޮޖީއާއި، ސޯޝަލް މީޑިއާ އަދި ޑިޖިޓަލް ވަސީލަތްތަކުގެ ނަހަމަ ބޭނުން ހިފައިގެން، ވަޒީފާގެ ދޮގު އުންމީދުތައް ދީގެން، ގާނޫނާ ޚިލާފު މަޖުބޫރުކުރުމުގެ އަމަލުތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ އިތުރުވަމުންނެވެ. އެހެންކަމުން، މި ބަދަލުވަމުންދާ ކުށުގެ ވިއުގަތަކާ ދެކޮޅަށް އަޅުގަނޑުމެންގެ އިޖާބަވެސް ހަރުދަނާކުރަން ޖެހެއެވެ."

 އެ ބަޔާނުގައި ވިދާޅުވެފައިވަނީ ހިރާއްޖެއަކީ ބޭރުގެ މަސައްކަތްތެރިން ގިނަ ގައުމެއް ކަމަށާއި، ހުޅުވާލެވިފައިވާ އިޤުތިޞާދެއް އޮތް ޤައުމެއް ކަމަށެވެ. އެހެންކަމުން ރާއްޖޭގައި އުޅޭ ކޮންމެ މީހަކަށް ވެސް އިންސާނީ ކަރާމާތާއި ޤާނޫނީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ނަހަމަ ގޮތުގައި މީހުންގެ ބޭނުންހިފުން ހުއްޓުވުމަކީ މަސައްކަތްތެރިންގެ ޙައްޤުގައި މަސައްކަތްކުރާ އެންމެހާ މުއައްސަސާތަކުގެ މަސްއޫލިއްޔަތެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އަދި، އެއީ ދައުލަތުގެ ހިންގުމުގެ ނިޒާމުގެ ތެރެއިންނާއި، ހޭލުންތެރި މުޖުތަމަޢުއެއްގެ އެހީތެރިކަމާއެކު މެނުވީ ހައްލުކުރެވޭނޭ ކަމެއްނޫން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އިންސާނީ ވަގުފާރީއާއި ނަމަހަގޮތުގައި މީހުންގެ ބޭނުން ހިފުމުގެ އަމަލުތަކާ ދެކޮޅަށް ކުރާ މަސައްކަތް ހަރުދަނާކުރުމަށް ވޭތުވެދިޔަ ދެ އަހަރު ސަރުކާރުން ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅައިފައި ކަމަށް ވެސް މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ. "އެގޮތުން، ފާއިތުވި އޭޕްރީލް މަހުގައި، މަސައްކަތްތެރިކަމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ސަރުކާރުގެ އެންމެހާ އިދާރާތަތާކާއި ބަހާތައް، މި މިނިސްޓްރީގެ ދަށަށް ބަދަލުކުރެއްވުމަކީ މިކުށާއި ދެކޮޅަށް ކުރާ މަސައްކަތް ވިލަރެސްކުރުން ހަރުދަނާކުރުމަށް މަގުފަހިވި ނިންމެވުމެކެވެ.  މީގެ އިތުރުން، "މޯލްޑިވްސް އެންޓި-ހިއުމަން ޓްރެފިކިންގ ސްޓްރެޓީޖިކް ޕްލޭން 2026-2028" ގެ ނަމުގައި ސަރުކާރުގެ އިދާރާތަކުން މިކުށާއި ދެކޮޅަށް މަސައްކަތްކުރާނެ ގޮތުގެ މަގުޗާޓެއް މިހާރު ވަނީ ޝާޢިއު ކުރެވި، ޢަމަލު ކުރަން ފަށާފައެވެ. މި ޕްލޭނު ނިމިގެންދާއިރު، މިހާރު ދިމާވެފައިވާ ނިޒާމީ މައްސަލަތައް ހައްލު ކުރެވި، މުޅި ނިޒާމު ހަރުދަނާކުރެވިގެންދާނެއެވެ."

މިނިސްޓްރީން ވިދާޅުވެފައިވަނީ ސަރުން މަސައްކަތް ކުރައްވަނީ ކުށެއް ކުރުމުގެ ކުރީން އެކަން ދެނެގަނެވޭނެ ނިޒާމެއް ޤާއިމްކޮށް، އެކަމެއް ހުއްޓުވުމެވެ. މިކަން ކުރެވޭނީ ހޭލުންތެރިކަން އިތުރުކޮށްގެން ކަމަށްވާތީ، ބިދޭސީ މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ދަނީ ފުޅާކުރަމުން ކަމަށް އެބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

"މަސައްކަތްތެރިން ރާއްޖެ އައުމުގެ ކުރިންނާއި، އައުމަށްފަހުވެސް އެމީހުންގެ ޙައްޤުތަކަށް ހޭލުންތެރިކުރުވައި، މައްސަލަ ހުށަހަޅާނެ ގޮތްތައް ބަޔާންކޮށްދިނުމަކީ އެކްސްޕްލޮއިޓޭޝަން މަދުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ. މީގެ އިތުރުން، ބަޔޯމެޓްރިކް ރަޖިސްޓްރޭޝަނާއި ޑިޖިޓަލް ސިސްޓަމްތަކުގެ އެހީގައި މައިގްރޭޝަން މެނޭޖްމަންޓް ހަރުދަނާކުރުމަކީވެސް މިނިޒާމުގެ ނަޒާހަތްތެރިކަން އިތުރުވެގެންދާނެ ކަމެކެވެ."

މިނިސްޓްރީގެ އަމާޒަކީ ބިރުވެރިކަމެއް ނެތި، އިންސާނީ ގަދަރާއި ކަރާމާތާއެކު އެންމެންނަށް ދިރިއުޅެވޭނެ އަމާން ދިވެހިރާއްޖެއެއް އެންމެން ގުޅިގެން ބިނާކުރުން ކަމަށް ވެސް އެބަޔާނުގައި ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ޚަބަރު