ގައުމުގެ އިޤްތިޞާދީ ކުރިއެރުމާއި، ޑިޖިޓަލް އަދި ފަންނިއްޔާތުގެ ކުރިއެރުންތަކާއި، ބައިނަލްއަޤުވާމީ ގުޅުންތަކުގެ ނާޖާއިޒު ފައިދާ ނަގައި، އިންސާނުންނަށް ލިބޭ އަނިޔާތަކާއި ތަކުލީފުތަކުން ނަފާ ހޯދުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ނުދިނުމަށްޓަކައި، މުޖުތަމަޢުގެ އެކި ފަންތިތަކުގެ ޖަމްޢިއްޔާތަކާއި، ވަޒީފާދޭ ފަރާތްތަކާއި، ޤާނޫނު ތަންފީޛުކުރާ މުއައްސަސާތަކުގެ އިތުރުން ހުރިހާ ރައްޔިތުންވެސް އަބަދުމެ ސަމާލުވެ ތިބުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ އިންސާނީ ވަގުފާރިއާ ދެކޮޅަށް ފާހަގަކުރާ ބައިނަލްއަޤުވާމީ ދުވަހުގެ މުނާޞަބަތުގައި ފޮނުއްވި މެސެޖުގައެވެ. މި މެސެޖުގައި، އިންސާނީ ކަރާމާތާއި، މިނިވަންކަމާއި، އަސާސީ ޙައްޤުތައް ޙިމާޔަތްކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން ކުރާ މަސައްކަތުގައި ދިވެހިރާއްޖެ ސާބިތުކަމާއެކު ދެމިއޮންނާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މި އަހަރުގެ ޝިއާރު ކަމަށްވާ "ޓްރެޕްޑް ބިހައިންޑް ދަ ސްކޭމް" އިން ބާރުއަޅަނީ، އިންސާނީ ވަގުފާރީގެ އޮއިވަރު ބަދަލުވަމުންދާ ގޮތަށާއި، ކުށްކުރާ ވިއުގަތަކުން ފަންނިއްޔާތުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފަމުންދާ މިންވަރަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިއީ މުޅި ސަރަޙައްދަށްވެސް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްކަން ފާހަގަކުރައްވަމުން، އޭގެ ސަބަބުން ނާޒުކު ޙާލަތްތަކުގައި ތިބޭ އެތައް ބަޔަކު ބޮޑެތި ސްކޭމް އޮޕަރޭޝަންތަކުގެ މަޅީގައި ޖެހި، މަޖުބޫރުން ކުށްތަކަށް އަރައިގަންނަން ޖެހޭ ޙާލަތަށްދާކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ.
ދިވެހިރާއްޖެއަކީ ބައިނަލްއަޤުވާމީ ބައިވެރިވުންތަކާއި އެކި ދާއިރާތަކުގެ މަސައްކަތްތެރިންގެ މައްޗަށް އިޤްތިޞާދު ބިނާވެފައިވާ ޤައުމަކަށްވާއިރު، ރާއްޖޭގެ ބޯޑަރުގެ އެތެރޭގައި އުޅޭ ކޮންމެ މީހެއްގެވެސް އިންސާނީ ޙައްޤުތަކާއި ކަރާމާތް ރައްކާތެރިކުރުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން، މި ޒިންމާ އަދާކުރުމަށްޓަކައި މި ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާކަން ފާހަގަކުރައްވައި، ސައްޙަނޫން ވަރކް ޕާމިޓްތަކުގެ މައްސަލަ ހައްލުކޮށް، ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކުރުމުގެ މަސައްކަތް ހަރުދަނާކުރުމަށް ހިންގާ އޮޕަރޭޝަން ކުރަނގި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން އެކުލަވައިލި މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ގުޅޭ ފުރަތަމަ ގައުމީ އެކްޝަން ޕްލޭނާއި، ރާއްޖޭގައި އިންސާނީ ވަގުފާރިއާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގެ ފުރަތަމަ އަހަރީ ރިޕޯޓް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން ފަދަ ބޮޑެތި އިޞްލާޙުތައް ގެންނަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ސިޔާސަތު ކަނޑައަޅާ ފެންވަރުގައި ޓްރެފިކްކުރުމާ ގުޅޭ ކަންކަން ވިލަރެސްކުރާ ކޮމިޓީ އަލުން އެކުލަވައިލައްވައި، އަނިޔާ ލިބޭ މަސައްކަތްތެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މައިގްރެންޓް ވަރކަރސް ރިސޯސް ސެންޓަރާއި މައިގްރެންޓް ކަނެކްޓް ޕޯޓަލް ޤާއިމުކޮށްފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި އިޞްލާޙުތަކުގެ ބޭނުމަކީ ނާޒުކު ޙާލަތްތަކުގައި ތިބޭ ފަރާތްތަކަށް ކުރިމަތިވާ ހުރަސްތައް ނައްތާލައި، އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން އެހީތެރިކަން ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ. އަދި ނާޖާއިޒު ފައިދާ ނަގާ ފަރާތްތައް ދެނެގަނެ، ކުށްވެރިން ޖަވާބުދާރީކުރުވުމަށް މުއައްސަސާތައް އިތުރަށް ޤާބިލުކުރުންވެސް މީގެތެރެގައި ހިމެނޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، މޯލްޑިވްސް އެންޓި-ހިއުމަން ޓްރެފިކިންގ ސްޓްރެޓީޖިކް ޕްލޭން 2026-2029 އެކުލަވައިލުމަކީ، އަނިޔާލިބޭ ފަރާތްތައް ދެނެގަނެ ރައްކާތެރިކަން ދިނުމާއި، ތަޙުޤީޤުކުރުމާއި ދަޢުވާކުރުމުގެ ނިޒާމު ހަރުދަނާކުރުމުގެ އިތުރުން، ބައިނަލްއަޤުވާމީ ބައިވެރިން ހިމެނޭހެން ހުރިހާ ބައިވެރިން ގުޅިގެން މަސައްކަތް ކުރުމަށް ލިބުނު ސާފު މަގުޗާޓެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިފަދަ ކުރިއެރުންތަކެއް ލިބުނު ނަމަވެސް، އަދިވެސް ގޮންޖެހުންތައް ހުރިކަން ގަބޫލުފުޅުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިކަމަށް ބޭނުންވަނީ އެކި ދާއިރާތަކާއި ބޯޑަރުތައް ހުރަސްކޮށް ކުރެވޭ އެކުވެރި މަސައްކަތްތަކެއް ކަމަށެވެ. އިންސާނީ ކަރާމާތަކީ އެއްވެސް އުނިކަމެއް އަތުވެގެންވާނެ އެއްޗެއް ނޫންކަން ކަށަވަރުކޮށްދެއްވަމުން، އެމަނިކުފާނު ވަނީ މުއައްސަސާތަކުން އެއް އަޑަކުން ވާހަކަދައްކާ، ގައުމުގެ ތަރައްޤީއާއެކު ޢަދުލުއިންޞާފު ޤާއިމުވެ، ކޮންމެ މީހަކަށްމެ އިޙްތިރާމާއި ޤަދަރާއެކު މުޢާމަލާތްކުރެވޭނެ ފަދަ ދިވެހިރާއްޖެއެއް ބިނާކުރުމަށް ޢަޒުމް އާކުރުމަށް ގޮވާލައްވާފައެވެ.
ޚަބަރާއި ފޮޓޯ ރައީސް އޮފީސް





