ބިންގަނޑު ހަލާކުވުމާއި ހަނަފަސްކަމުގެ މައްސަލަތަކަށް ހައްލު ހޯދުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ބާއްވާ އދ. ގެ "ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން ޓު ކޮމްބެޓް ޑެޒަޓިފިކޭޝަން" (ޔޫ.އެން.ސީ.ސީ.ޑީ) ގެ 17 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް17) ގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.
މޮންގޯލިއާގެ ވެރިރަށް އުލާންބާތާރުގައި 2026 އޮގަސްޓް 14 އިން 28 އަށް ކުރިއަށްދާ މި ސަމިޓުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ ޑިރެކްޓަރ އޮފް ނޮލެޖް މެނޭޖްމަންޓް، ރިސާޗް އެންޑް އެސެސްމަންޓް އަޙްމަދު ޝާނާއި، ސީނިއަރ ސާވެޔަރ ޢާއިޝަތު އަލްހާން ޙަމީދު ކަމަށް ތިމާވެށްޓާބެހޭ މިނިސްޓްރީން ވިދާޅުވިއެވެ.
މިއަހަރުގެ ކޮޕް17 ގެ މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި ވާހަކަދައްކާނީ ހަނަފަސްކަމުން އަރައިގަތުމަށް ޤައުމުތަކުގެ ވިލުންތެރިކަން އިތުރުކުރުމަށެވެ. އެގޮތުން، ހަނަފަސްކަމުން ރައްކާތެރިވުމަށް އެކުލަވާލާ ޕްލޭންތައް އަމަލީ މައިދާނުގައި ތަންފީޒުކުރުމަށްޓަކައި، ކުރީބައިގައި އިންޒާރުދޭ ނިޒާމުތައް ގާއިމުކުރުމަށާއި، ރިސްކް ފައިނޭންސިންގ ހިމެނޭ ބައިނަލްއަޤްވާމީ ސިޔާސަތުގެ އޮނިގަނޑަކާ މެދު މި ބައްދަލުވުމުގައި ދަނީ މަޝްވަރާކުރެވެމުން ކަމަށް ވެސް މިނިސްޓްރީން ވިދާޅުވިއެވެ.
މީގެއިތުރުން، ދަނޑުވެރިކަމަށް ބޭނުންކުރާ ބިންތަކާއި، ފަސްގަނޑު އަދި ވިނަދަނޑުތައް އަލުން އާރާސްތުކޮށް، "ލޭންޑް ޑީގްރެޑޭޝަން ނިއުޓްރަލިޓީ" ނުވަތަ ބިން ހަލާކުވުން ހުއްޓުވުމުގެ ލަނޑުދަނޑި ހާސިލުކުރުމަށް ސަރުކާރުތަކާއި އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށްވެސް ބައިވެރިން އަންނަނީ ބާރުއަޅަމުން ކަމަށް ވިދާޅުވެފައިވެއެވެ. އަދި ހަނަފަސްކަން ދެނެގަތުމަށާއި، ފަސްގަނޑާއި ފެން މެނޭޖްކުރުމުގެ އިތުރުން، ތިމާވެއްޓާއި މޫސުމީ ބަދަލުތަކުގެ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތުގެ މަތިން ގުދުރަތީ ވަސީލަތްތައް އާރާސްތުކުރުމަށް ސައިންޓިފިކް ހޯދުންތަކުގެ ބޭނުން ހިފުމަށްވެސް މި ސަމިޓުގައި އިސްކަންދޭ ކަމަށްވަނީ ވިދާޅުވެފައެވެ.
"ރީސްޓޯރިންގ ލޭންޑް. ރީސްޓޯރިންގ ހޯޕް" ނުވަތަ "ބިން އާރާސްތުކުރުން. އުންމީދު އާކުރުން" މި ޝިއާރުގެ ދަށުން ކުރިއަށްދާ މި ސަމިޓުގައި، ރާއްޖެއިން ވަނީ ކުދި ޖަޒީރާ ޤައުމުތަކާއި ބައިނަލްއަޤްވާމީ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމުގެ އަޒުމް އާކޮށްފައެވެ. އެގޮތުން، ރާއްޖޭގެ އެއްގަމާއި ތިލަފަޅުގެ ނާޒުކު ވެށި ހިމާޔަތްކުރުމަށްޓަކައި ފުރިހަމަ ހައްލުތަކެއް ހޯދުމަށް ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން މި ބައްދަލުވުމުގައި ދިވެހި ވަފުދުން ވަނީ ދީފައި ކަމަށް ވެސް މިނިސްޓްރީން ވިދާޅުވިއެވެ.





