އިސްލާމްއާބާދު، އައިއާރުއެންއޭ – މިއަހަރުގެ ކުރީކޮޅު އީރާނުގެ ސިޔާދަތާއި ސަރަހައްދީ ނަޒާހަތްތެރިކަމަށް އަރައިގަތުމަކީ ސަރަހައްދީ ބޮޑު ނުތަނަވަސްކަމެއް އުފެދެން މެދުވެރިވި މައިގަނޑު ސަބަބު ކަމަށާއި، މި މައްސަލައަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ހައްލަކީ ސުލްހަވެރި މަޝްވަރާ (ޑިޕްލޮމަސީ) ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވެއްޖެއެވެ.
ކިރްގިޒްސްތާނުގެ ބިޝްކެކްގައި ބޭއްވި ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަން (އެސްސީއޯ) ސުމިޓުގައި ތަގުރީރު ކުރައްވަމުން ޝަރީފް ވަނީ ސަރަހައްދީ ކުރިއެރުންތަކާއި، ހަމަނުޖެހުން ނިންމުމަށް އިސްލާމްއާބާދުގައި ވެވުނު ފަހުމުނާމާ ތަންފީޒުކުރުމާއި، ފަލަސްތީނުގެ ހާލަތާއި، ދެކުނު އޭޝިއާއާއި އަފްގާނިސްތާނުގެ މަސްރަހާއި، އަދި އެސްސީއޯގެ އޮގަނައިޒޭޝަންގެ ދަށުން ދެފަރާތުގެ އަދި ގިނަ ފަރާތްތަކުގެ އެއްބާރުލުން ފުޅާކުރުމުގެ ފުރުސަތުތަކާ ގުޅޭގޮތުން ޕާކިސްތާނުގެ ސިޔާސަތުތައް ހާމަކުރައްވާފައެވެ.
އޭނާ ވިދާޅުވީ އެސްސީއޯގެ މެމްބަރެއްގެ ގޮތުގައިވާ އީރާނަށް މިއަހަރުގެ ކުރީކޮޅު ހަމަލާދީ، އެ ގައުމުގެ ސިޔާދަތާއި ސަރަހައްދީ ނަޒާހަތްތެރިކަމަށް އަރައިގަނެވި، ސަރަހައްދުގައި ބޮޑު ނުތަނަވަސްކަމެއް އުފެދިގެން ދިޔަ ކަމަށެވެ.
ޝަރީފް ވިދާޅުވި ގޮތުގައި، ދަތުރުފަތުރުގެ މަގުތަކަށް ކުރިމަތިވި ހުރަސްތަކުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށާއި އާންމުންގެ ދިރިއުޅުމަށް އަސަރުކޮށްފައިވާއިރު، ސަރަހައްދީ ނުތަނަވަސްކަމުގެ ނޭދެވޭ އަސަރު ޕާކިސްތާނަށާއި އެހެން ގިނަ ގައުމުތަކަކަށް ވަނީ ކޮށްފައެވެ. ސުލްހައަށް ޕާކިސްތާނުން ދޭ އިސްކަން ތަކުރާރު ކުރައްވަމުން، މައްސަލަތައް ހައްލުކުރުމަށްޓަކައި މެދުވެރިއެއްގެ ރޯލު އަދާކުރުމަށާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ އިހްލާސްތެރި މަސައްކަތް އިސްލާމްއާބާދުން ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ތަކުރާރުކޮށް މުހިންމުކަން ދެއްވީ މައްސަލައަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ހައްލަކީ ސުލްހަވެރި މަޝްވަރާ ކަމަށާއި، އިސްލާމްއާބާދުގައި ވެވުނު އެއްބަސްވުން ތަންފީޒުކުރުމަކީ ސުލްހައާއި ހަމަޖެހުން އިއާދަކުރުމަށް ލިބޭނެ ބޮޑު ބާރެއް ކަމަށެވެ.
ޕާކިސްތާނާއި، ސައޫދީ އަރަބިއްޔާ އަދި ތުރުކީއާ ދެމެދު ވެވުނު ތިންފަރާތުގެ ދިފާއީ އެއްބަސްވުމަށް އަލިއަޅުވާލައްވަމުން ޝަރީފް ވިދާޅުވީ، އެ އެއްބަސްވުމަކީ އަސާސީ ގޮތުން ދިފާއީ އެއްބަސްވުމެއް ކަމަށާއި އެއީ އެއްވެސް ގައުމަކާ ދެކޮޅަށް އަމާޒުކޮށްފައިވާ އެއްބަސްވުމެއް ނޫން ކަމަށެވެ. އަދި އެއީ ކުރިމަތިލުމަކަށް ނުވަތަ ބައިބައިވުމަކަށް އުފައްދާފައިވާ އެއްބަސްވުމެއް ނޫން ކަމަށްވެސް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.
ގާޒާއާއި ހުޅަނގު ކަރައިގެ ހާލަތު ދުވަހުން ދުވަހަށް ގޯސްވަމުންދާތީ އެކަމާ މެދު އިންތިހާއަށް ކަންބޮޑުވުން ފާޅުކުރައްވަމުން، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓާލުމަށް ޝަރީފް ގޮވާލެއްވިއެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށާއި އިންސާނީ އެހީތެރިކަމުގެ ނުތަނަވަސްކަމަށް ހައްލެއް ހޯދައިދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ވެފައިވާ ވަޢުދުތައް ފުރިހަމަކުރުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.





