ދިރާގުގައި އޮންނަ ސަރުކާރުގެ ހިއްސާ 51 ޕަސެންޓަށް ބޮޑު ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމަނިކުފާނު މިއަދު ވިދާޅުވީ މިގޮތަށް ނިންމެވީ ކެބިނެޓުގައި މިކަމަށް މަޝްވަރާ ކުރެއްވުމަށްފަހު ކަމަށެވެ.
ރައީސް ވިދާޅުވީ ދިރާގުގެ ހިއްސާ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ވިއްކާލާފައި ވިޔަސް އެމަނިކުފާނުގެ ސްރުކާރުން އަލުން އެ ހިއްސާގަނެ ސަރުކާރުގެ ހިއްސާ ބޮޑު ކުރަން ނިންމެވީ ރައްޔިތުންގެ ލާބަޔަށްޓަކައި ކަމަށެވެ. ދިރާގުގެ ހިއްސާއަކީ ސަރުކާރުގެ ވަރަށް ބޮޑު ހަރުމުދަލެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވިއްކާލި ހިއްސާ ސަރުކާރުންގަނެ ދިރާގުގެ މެޖޯރިޓީ ހިއްސާދާރަކީ ސަރުކާރު ކަމަށް ހެދުމުގެ މަސައްކަތް މިހާރުދަނީ ކުރަމުން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ "މިކަމުގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ބާރުސްޕީޑުގައި ކުރިއަށްދާނެ،" ކަމަށެވެ.
އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ދިރާގުގައި ސަރުކާރުގެ 55 ޕަސެންޓް ހިއްސާ އޮތެވެ. އަނެއް 45 ޕަސެންޓު ހިއްސާ އޮތީ ކޭބަލް އެންޑް ވަޔަރލެސް ކުންފުންޏަށެވެ. އެހެންނަމަވެސް ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ވަނީ ހަތް ޕަސެންޓު ޙިއްސާ ކޭބަލް އެންޑް ވަޔަރލެސް އަށް ވިއްކާލައިފައެވެ. އެހިސާބުން ދިރާގުގައި އޮތް ސަރުކާރު ހިއްސާ 48 ޕަސެންޓަށް ދަށްވެގެން ދިޔައެވެ. މީގެ އިތުރުން ދެހާސް އެގާރަވަނަ އަހަރު ސަރުކާރުން ވަނީ 6.2 ޕަސެންޓް ހިއްސާ އާންމުންނަށް ވެސް ވިއްކައިފައެވެ. މިއާއެކު ދިރާގު ވަނީ ރައްޔިތުންގެ ހިއްސާ އޮންނަ ޕަބްލިކް ކުންފުންޏަކަށް ބަދަލުވެފައެވެ.





