ފޯޅަވަހީގެ ސިޔާދަތީ މިލްކުވެރިކަމާބެހޭ މައްސަލައިގައި އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު ރަސްމީ ވާހަކަތައް ފެއްޓެވުމަށް އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު އެންޑީ ބަރންހަމްއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދަޢުވަތު ދެއްވައިފި ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. މި ދަޢުވަތު ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވަނީ، ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ޙަވާލުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި އިނގިރޭސި ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅެއްގައި ކަމަށް ވެސް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.
ފޯޅަވައްސަކީ ދިވެހިރާއްޖޭގެ ތަނެއްކަމުގައި ތާރީޚީގޮތުންވެސް ފެންނާން އޮތްކަމާއި، އަދި ޖިއޮގްރަފީ ގޮތުންވެސް ފޯޅަވައްސަކީ ދިވެހިރާއްޖެއާ މާގާތުގައި އޮތް ރަށެއްކަމުގައި ފާހަގަކުރައްވައި، ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ޙަވާލުކުރެއްވުމަށް ކުރައްވާ މަސައްކަތްތައް ކުރިޔަށް ގެންދަވާތީ ރައީސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި ކަމަށްވެސް ވިދާޅުވެފައިވެއެވެ.
އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ޒަމާންވީ ގުޅުން އިތުރަށް ކުރިޔަށް ގެންދަވާނޭ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވައި، ދިވެހި ދައުލަތާއި ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރެވޭނޭ ފަދަޔަކުން، ފޯޅަވަހީގެ މައްސަލައިގައި ދިވެހިރާއްޖެއިން އިނގިރޭސި ސަރުކާރަށް އެއްބާރުލުން ދެއްވާނޭ ކަމުގެ ޔަޤީންކަންވެސް މިސިޓީފުޅުގައި ރައީސް ވަނީ ދެއްވާފައި ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.





