އީރާނުގެ ތެޔޮ އުފުލާ ފަސް އުޅަނދަކަށް އެމެރިކާއިން ހަމަލާދީ އޭގެ ތެރެއިން އެއް އުޅަނދު ފައްތާލައިފި ކަމަށް ބީބީސީ ބުނެފިއެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނެފައިވަނީ މި ހަމަލާ ދީފައިވަނީ އަންގާރަ ދުވަހު ކަމަށެވެ. ހަމަލާދިނީ އީރާނުން އެމެރިކާގެ ހަނގުރާމަމަތީ ހަރަކާތްތެރިވާ މޫދުގެ އުޅަނދަކަށް ހަމަލާދޭން ދެފަހަރެއްގެ މަތިން އުޅުމާ ގުޅިގެން ރައްދު ހަމަލާގެ ގޮތުގައި ކަމަށް ވެސް ސެންޓް ކޮމްއިން ބުނެފައިވެއެވެ.
ސެންޓްކޮމްއިން ބުނެފައިވާ ގޮތުގައި، އެ ގައުމުން ހަމަލާދީފައިވަނީ އޮމާން ކަނޑުން ދަތުރުކުރަމުންދިޔަ އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް ކޯޕްސް (އައި.އާރު.ޖީ.ސީ) އާ ގުޅުންހުރި ހަތަރު ތެޔޮ ބޯޓަކަށާއި، އީރާނުގެ އައްސޭރިފަށުގައިވާ މައި ތެޔޮ ޓާމިނަލެއް ކަމަށްވާ ޚާރްޖް އައިލެންޑް ކައިރިން ދަތުރު ކުރި ބޯޓަކަށް ކަމަށެވެ.
މި ކަމުގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން ވަނީ އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް މިސައިލް ހަމަލާތަކެއް ދީފައެވެ. އޭގެ ތެރެއިން ގިނަ މިސައިލްތައް ވަނީ ވައްޓާލާފައި ކަމަށް ބީބީސީން ވަނީ ބުނެފައެވެ. އަދި ހޯރްމުޒް ކަނޑުއޮޅިން އެމެރިކާގެ ދެ އުޅަންދަކަށާއި އަށް ތެޔޮ ބޯޓަކަށް ވެސް ހަމަލާދީފައިވާ ކަމަށް އީރާނުން ބުންޏެވެ.
ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާތަކެއް ދިންތާ ހަ މަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ފާއިތުވި ހަފުތާގައި ދެ ގައުމުގެ މެދުގައި ބަދަލުކުރެވޭ ހަމަލާތައް ވަނީ ވަރަށް ބޮޑަށް ވަރުގަދަވެފައެވެ.
މިއާއެކު އޭޝިއާގެ ވިޔަފާރީގައި ތެލުގެ އަގު ވަނީ އުފުލިފައެވެ. ބެންޗްމާކް ބްރެންޓް ކްރޫޑްގެ އަގު 1.5% އުފުލި ފީފާއެއްގެ އަގު 99.35 ޑޮލަރަށް އަރާފައިވާއިރު، އެމެރިކާގެ ތެލުގެ އަގު 1.3% އުފުލި 94.23 ޑޮލަރަށް ވަނީ އަރާފައެވެ.





