ޕީއެންސީގެ ގައުމީ މަޖިލީހުގެ މެންބަރު ސޫދާ ޢަބްދުﷲގެ ހިތްވަރަށް ސާބަސް ހުއްޓެވެ. އޭނާގެ ދުރުވިސްނުމާއި ޕީއެންސީގެ ކުރިމަގު ބިނާ ކުރެއްވުމަށް ކުރައްވާ ހިތްވަރަށް އައްސަރިބަސް ހުއްޓެވެ.
ސިޔާސީ ގޮތުން ސޫދާ ގެ ފިކުރަކީ ޕީއެންސީ ފިކުރެވެ. އެ ފިކުރު ރާއްޖެގައި ދާއިމް ކުރުމަށް މަޖިލީސް މެންބަރެއްގެ ހައިސިއްޔަތުންނާއި ޕީއެންސީގެ ގައުމީ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އޭނާ ގެންދަވަނީ ކެނޑިނޭޅި މަސައްކަތް ކުރައްވަމުންނެވެ.
ސޫދާ ގަބޫލު ކުރައްވާ ގޮތުގައި ޕާޓީއެއް ވަރުގަދަކޮށް ދެމެހެއްޓުމަށް ޕާޓީގެ އާންމު މެންބަރުންގެ ހިއްސާ ވަރަށްބޮޑެވެ. އެހެންވީމާ ކޮންމެ މެންބަރަކު އެ މެންބަރެއްގެ ދައުރާއި ވާޖިބު އަދާ ކުރުމުގައި ފަހަތަށް ޖެހިގެންނުވާނެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ގެންނެވުމަށް އޭނާ އިންތިހާއަށް މަސައްކަތް ކުރެއްވިއެވެ. ޕާޓީގެ ފިކުރު ދިރުވިއެވެ. ރައީސް މުޢިއްޒު ވެރިކަމަށް ގެންނެވުމަށް ކަށިން ހިތްވަރު ނެރުއްވައިގެން މަސައްކަތް ކުރެއްވިއެވެ. އެންމެންގެ މަސައްކަތުން ރައީސް މުޢިއްޒުގެ ވެރިކަމެއް ރާއްޖޭގައި ގާއިމް ކޮށްދެއްވިއެވެ. އެއަށްފަހު އެ ވެރިކަމުން ރައްޔިތުންނަށް ލިއްބައިދޭ ރާހަތާއެކު ވެރިކަން ދިފާޢު ކުރުމަކީވެސް ބުރަ މަސައްކަތެކެވެ. މި މަސައްކަތުގައިވެސް ސޫދާ ގެ ދައުރު ފުޅާވެފައި ޒިންމާތައް ބޮޑެވެ. އިޚްލާސްތެރިކަމާއެކު ޒިންމާތައް އަދާ ކުރުމަކީ ސޫދާ އެންމެ ކުރާ ހިތްވާކަންކަމުގެ ތެރެއިން ކަމެކެވެ.
ޕާޓީއަށް މުހިންމުވި ކޮންމެ ދަނޑިވަޅެއްގައި އޭނާ ހުއްޓެވެ. އިޚްލާސްތެރި އެތައް ޚިދުމަތްތަކެއް ކޮށްދެއްވިއެވެ. މިހާރު ވެސް ގެންދަވަނީ ކޮށްދެއްވަމުންނެވެ. މުސްތަގުބަލަށް ކުރެވޭ އުންމީދެއްގެ ބޮޑުކަމާއެވެ.
— ސޫދާ"ކުރިއަށް އޮތް ދުވަސްތަކުގައި މި ޕާޓީގެ ފިކުރުގައި ޤައުމަށް ޚިދުމަތް ކުރުމުގެ ފުރުސަތު ހޯދުމަށް މިކުރާ ދަތުރު ކާމިޔާބު ކުރުމަށްޓަކައި، އަޅުގަނޑު މިހާރު ކުރިމަތިލާފައިވާ ޕީއެންސީގެ މަތީ މަޖިލީހުގެ މެންބަރުކަމަށް އިންތިޚާބުވުމަށް ވޯޓު ދެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް،"
ސޫދާ ވަނީ ޕީއެންސީގެ އެތެރޭގެ އިންތިޚާބުގައި ޕާޓީގެ މަތީމަޖިލީހުގެ އާންމު މެންބަރުކަމުގެ މަޤާމަށް ވާދަކުރުމަށް ނިންމަވާފައެވެ. އިންތިޚާބު އޮންނާނީ ސެޕްޓެމްބަރ 15 ގައެވެ.
މިކަމަށް ސޫދާ ބޭނުންވަނީ ޕާޓީގެ މެންބަރުންގެ އިޚްލާސްތެރި ތާއީދެވެ. ދީލަތި ކަމާއެކުގައި ދެއްވާ ވޯޓެވެ. "މި އިންތިޚާބީ ކޮންގްރެސްގައި ވޯޓުލުމުގެ ޙައްޤު ލިބިވަޑައިގަންނަވާ ޕާޓީގެ އެންމެހައި ލޮބުވެތި މެންބަރުންގެ އިޚްލާޞްތެރި ތާއީދާއި ވޯޓު އަޅުގަނޑަށް ދެއްވުމަށް ނުހަނު އަދަބު އިޙްތިރާމާއެކު އެދެން،" ސޫދާ ވިދާޅުވިއެވެ.
މިވަގުތުވެސް އަދި މުސްތަގުބަލުގައި ވެސް ޕީއެންސީއަށް ބޭނުންވަނީ އިޚްލާސްތެރީންގެ ތެދުވެރި މަސައްކަތެވެ. ސޫދާ އަކީ ވެސް އޭގެ ތެރެއިން ބޭފުޅެކެވެ. ސޫދާއަށް ދެއްވާ ފުރުސަތު ގެއްލިގެން ނުދާނެއެވެ. މަގުތައް ހުޅުވައި ދެއްވުމަށް މަސައްކަތް ކޮށްދެއްވާނެއެވެ. ޕާޓީގެ އެތެރެއާއި ބޭރުން އާރާސްތު ކޮށްދެއްވުމަށް ބުރަ މަސައްކަތް ކޮށްދެއްވާނެއެވެ. ނަތީޖާ ނެރެދެއްވާނެއެވެ. އެހެންވީމާ ކޮންމެ މެންބަރަކު ވެސް އެ މެންބަރެއްގެ ވޯޓު ސޫދާއަށް ދެއްވައި ޕާޓީއަށް އިތުރު ދިރުމެއް ގެނެސް ދެއްވުމަށް ސޫދާ އެދިވަޑައިގަންނަވައެވެ.





