ހިޖުރީ ގޮތުން ވޭތުވެދިޔަ ނުވަ ގަރުނު ދިވެހީން ހާސިލްކުރި ކޮންމެ ނަސްރަކާކާއި ކޮންމެ ތަމައްދުނަކާއި ކޮންމެ ފާގަތިކަމެއްގެ މައިގަނޑު ސަބަބަކީ އިސްލާމްދީން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ "މި މަތިވެރި ދީނަކީ މި ޤައުމުގެ އިއްޔެއާއި މިއަދާއި މާދަމާގެވެސް ސަލާމަތް،" ކަމަށެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ކުރެއްވި މި ޕޯސްޓުގައި ރައީސް ވިދާޅުވެފައިވަނީ "އިސްލާމްދީނުގެ އަލިގަދަ ނޫރުން ދިވެހީންގެ ހިތްތަކަށް އުޖާލާކަން ލިބުނުތާ 900 އަހަރު ވެފައިވާއިރު، ދަރިފަސްކޮޅަކަށް ފަހު ދަރިފަސްކޮޅެއް ދިވެހީން މި ވޭތުކުރީ ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީން ކަމުގައި ޤަބޫލުކޮށްގެން،" ކަމަށެވެ. އޭގެ އިތުރުން އެ މުއްދަތު ދިވެހީން ހޭދަކޮށްފައިވަނީ ދިވެހިންގެ އުޅުމާއި އާދަތަކާއި އެންމެހައި މުޢާމަލާތުތަކުގައިވެސް އިސްލާމީ ޘަޤާފަތާއި އުސޫލުތަކުގައި ހިފަހައްޓައިގެން ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. އޭގެ އިތުރުން ދިވެހީން އިސްލާމްދީން މަތީގައި މިއަދާ ހަމައަށް އައިސްފަނީ އިސްލާމްދީނާއި ޤައުމުގެ މިނިވަންކަމާ ދެކޮޅަށް ނުކުތް ކޮންމެ ދުޝްމަނަކާ ދެކޮޅަށް ﷲގެ މަގުގައި ޖިހާދުކޮށްގެން ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
"ﷲ ގެ ރަޙްމަތާއި ބަރަކާތުން ފުރިގެންވާ މި އުފާވެރި މުނާސަބާގެ ހެޔޮ ދުޢާތަކާއި މުބާރަކްބާދު ދިވެހި އުޚުއްވަތްތެރި ރައްޔިތުންނަށް އަޅުގަނޑު އަރިސްކުރަން! މުސްލިމުންގެ ގޮތުގައި ދިވެހީން އަބަދަށް ލަހައްޓަވައި، އިސްލާމްދީނުގެ ސަބަބުން މި ވަޠަނަށް އަބަދުމެ ރައްކާތެރިކަމާއި މަތިވެރިކަން އިތުރުކޮށްދެއްވުން އެދި ހެޔޮ ދުޢާ ދަންނަވަން،"





