ރާއްޖޭގައި މިހާތަނަށް ބިނާކުރާ އެންމެބޮޑު މިސްކިތުގެ ބިންގާ މިއަދު އަޅައިފިއެވެ. އިސްލާމީ ޙަޟާރަތު ދައްކުވައިދޭ ގޮތަށް ބިނާކުރާ މި މިސްކިތަކީ ސަޢޫދީ ޢަރަބިއްޔާގެ އައްރާޖިޙީ ކުންފުނީގެ ޚަރަދުގައި ބިނާ ކުރާ މިސްކިތެކެވެ.
ޖާމިޢުއްސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ ނަމުން ނަންދީފައިވާ މި މިސްކިތުގެ ބިންގާއަޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި، އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި، ސަޢޫދީ ޢަރަބިއްޔާގެ އަލްރާޖިޙީ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ، އެންޖިނިއަރ ބަންދަރު ޢަބްދުﷲ އަލްރާޖިޙީއާއި ،ސަޢޫދީ ޢަރަބިއްޔާއިން ދިވެހިރާއްޖެޔަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލް ޤަހްޠާނީ އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް ޢަލީ ޒުހައިރެވެ.
މި މިސްކިތުގެ ބިންގާ އެޅުއްވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބަތާ ގުޅުވައިގެންނެވެ. މި ރަސްމިއްޔާތު ބޭއްވީ މިއަދު ހަވީރު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ލޮޓް ނަންބަރ 23248 ގައެވެ.
މި މަރުކަޒުގައި ހިމެނޭ މިސްކިތުގައި ދިހަހާސް މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެއެވެ. މީގެއިތުރުން، އިމާމުންނާއި އިދާރީ މަސައްކަތްތަކަށް ޚާއްޞަ އޮފީސްތަކާ، ތަޢުލީމީ، ސަގާފީ އަދި އިޖުތިމާޢީ ތަފާތު ހަރަކާތްތައް ހިންގުމަށް ޚާއްސަ މަރުކަޒެއްވެސް ހިމެނޭ ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.
ދީނީ މައުލޫމާތާއި ތާރީޚު ފެތުރުމުގެ ގޮތުން އިސްލާމީ ކުތުބުޚާނާއަކާއި، ކަލްޗަރަލް ސެންޓަރެއްގެ އިތުރުން ކީރިތި ޤުރުއާނާ ގުޅޭ ތާރީޚީ މަޢުލޫމާތުތައް ދައްކުވައިދޭ ޤުރުއާން މިއުޒިއަމެއްވެސް މި މަރުކަޒުގައި ހިމެނިފައިވެއެވެ.
މި މަރުކަޒުގައި އިސްލާމީ އަދި ތާރީޚީ މައުރަޒުތައް ބޭއްވުމަށް އެގްޒިބިޝަން ހޯލަކާއި، އިޖުތިމާޢީ ތަފާތު ބައްދަލުވުންތަކަށް ބޭނުންކުރެވޭނެ މަލްޓިޕަރޕަސް ކޮމިއުނިޓީ ހޯލަކާއި، މިސްކިތަށް ޒިޔާރަތްކުރާ އާންމުންނާއި ފަތުރުވެރިންނަށް ޚާއްޞަ ވިޒިޓަރ އޭރިއާއަކާ، އިސްލާމީ ފޮތް ފިހާރައަކާއި، ގިފްޓް ޝޮޕެއްވެސް ހިމެނޭ ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.
މި މަރުކަޒަކީ، މުސްތަޤުބަލުގައި ދިވެހި ރައްޔިތުންނަށާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އިސްލާމީ ތަރުބިއްޔަތާއި ސަޤާފަތް ފޯރުކޮށްދިނުމުގައި ބޮޑު ދައުރެއް އަދާކުރާނެ މުހިންމު ބިނާއަކަށްވެގެންދާނޭ ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.





