އޮކްޓީބަރ 1 އިން 3 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ކޮންގްރެސްގެ ސެޝަނެއް "އިންވެސްޓްމަން ފޯރަމް" އަކަށް ޚާއްސަކޮށްގެން ބާއްވާނޭ ކަމަށް އެޕާޓީން ބުނެފިއެވެ. އެމްޑީޕީގެ ޑެޕިޔުޓީ ޗެއަރޕާސަން މުޙައްމަދު ޝީފާޒު ވިދާޅުވީ މުޅި ގޮންގްރެސް ބާއްވާނީ "ރަށްވެހި އުފެއްދުން" ނަމުގައި ކަމަށެވެ.
"އިންވެސްޓްމަން ފޯރަމް" ބާއްވާނީ ރާއްޖޭގެ ހުރިހާ ކައުންސިލްތަކާ ގުޅިގެން ކަމަށާއި ވަކިން ޚާއްސަކޮށް އެމްޑީޕީގެ މެންބަރުން ތަމްސީލު ކުރަމުން އަންނަ ކައުންސިލްތަކުގެ މަޝްވަރާގެ މަތީން ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ މާލޭ ސިޓީ ކައުންސިލް ގޯތިތެރޭގައެވެ. އެހެންކަމުން ކޮންގްރެސްއަށް ވަޑައިގަންނަވާ އެންމެހާ ބޭފުޅުންނަށް އެތަނުގެ ޖަގަ ކުޑަވެދާނޭ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. އެހެން ކަމުން ކޮންގްރެސްއަށް ވަޑައިގަންނަވާ މެންބަރުންގެ ސީދާ އަދަދު އަދި ދަންނަވަން ދަތި ކަމަށް ވެސް ވަނީ ބުނެފައެވެ. "އެމްޑީޕީގެ ކޮންގްރެސް އަކީ އަބަދުވެސް ހާހަކަށް ވުރެ ގިނައިން މަންދޫބުން ބައިވެރިވާ ކޮންގްރެސްއެއް،" އެޕާޓީގެ ޗެއަރޕާސަންގެ ނާއިބް އިބްރާހީމް ވަހީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމްޑީޕީގެ ކޮންގްރެސްގެ ހުރިހާ ޑެލިގޭޓުން އެއްކޮށްވަދެ ޖަލްސާކޮށްލެވޭނެ ހަމަ އެއްވެސް ތަނެއް މާލޭ ސަރަހައްދުން މިސަރުކާރުން ނުދެއްވި ކަމަށެވެ. މިކަމާ އިލެކްޝަންސް ކޮމިޝަނުގެ ރައީސާ ވެސް މަޝްވަރާކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.





