އިތުރު ޓެކްސް ދައްކަން ޖެހިއްޖެނަމަ ރާއްޖެ ވިއްކުން ހުއްޓާލާނޭ ކަމަށް ޓުއަރ އޮޕަރޭޓަރުން ބުނުމުން އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް ސަރުކާރުގެ ސިޔާސަތަށް ފާޑު ވިދާޅުވެއްޖެއެވެ.
ޓެކްސް ޤާނޫނަށް ބަދަލު ގެނެސް ރިސޯޓުތަކާއި، ހޮޓާތަކާއި، ގެސްޓުހައުސް ތަކާއި، ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންނަށް ލިބޭ ފައިދާއިން ޓެކްސް ދައްކަން ޖެހޭ ގޮތަށް ހެދުމުން މި ފަރާތްތަކުން ވަނީ ކަންބޮޑުވުމާއެކު ނުރުހުން ފާޅުކޮށްފައެވެ.
މިކަމާ ގުޅިގެން ފައްޔާޒު ވިދާޅުވީ "ފެންނަމުންދަނީ އެއްވެސް މަޝްވަރާއެއް ދިރާސާއެއް ކުރުމެއް ނެތި 24 ގަޑިއިރު ތެރޭ ގާނޫނު ބަދަލުކޮށް ވިޔަފާރިތަކަށް ދަތިކުރުމުގެ ނަތީޖާ،" ކަމަށެވެ.
އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވެފައިވަނީ ސަރުކާރުގެ އިސްރާފުތަކަށް ޚަރަދުކުރަން ސަރުކާރުން ދަނީ "ރަން ބިސް އަޅާ ކުކުޅު" ގުރުބާން ކުރަމުން ކަމަށެވެ. މިއީ މުޅި ސިނާއަތާ މެދު އިންވެސްޓަރުންނާއި ވިޔަފާރިތަކުގެ އިތުބާރު އިއާދަނުކުރެވޭ މިންވަރަށް މުއިއްޒުގެ ސަރުކާރުން ގެއްލުވާލުން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
މި މައްސަލައަށް ހައްލެއް ހޯދުމަށް ޓުއަރ އޮޕަރޭޓަރުންނާ މަޝްވަރާ ކުރުމަށް ސަރުކާރަށް ގޮވާލައްވާ ކަމަށް ވެސް ފައްޔާޒު ވިދާޅުވެފައިވެއެވެ. "ތިޔަ ހުށަހަޅުއްވަނީ މުޅި އިގުތިސާދާއި ގައުމު ބޮޑު ނުރައްކަލަކަށް،" އޭނާ ވިދާޅުވެފައިވެއެވެ.





