ކުރީ ސަރުކާރުން ސްޓޭޓް ބޭންކޮއޮފް އިންޑިއާއިން ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ދަރަނި ތިން ފަހަރެއްގެ މަތިން ދައްކައި ޚަލާސް ކޮށްފި ކަމަށް މާލީ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
ދެހޭސް ނަވާރަ ވަނަ އަހަރު އެމްޑީޕީ ސަރުކާރުން މިދަރަނި ނެގީ ބަޖެޓު ސަޕޯޓެއްގެ ގޮތުގައި ކަމަށް މާލިއްޔާއިން ވިދާޅުވެފައިވެއެވެ.
މި ފައިސާގެ ތެރެއިން ފުރަތަމަ އަދަދު (ފަންސާސް މިލިއަން ޑޮލަރު) ދައްކާފައިވަނީ 2024 ވަނަ އަހަރު ޖަނަވަރީމަހު ކަމަށް މާލީ ވުޒާރާއިން ވިދާޅުވެފައިވެއެވެ. ދެވަނަ އަދަދު (ފަންސާސް މިލިއަން ޑޮލަރު) ދައްކާފައިވަނީ އެ އަހަރު މެއި މަހު 11 ވަނަ ދުވަހު ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ބާކި ފަންސާސް މިލިއަން ޑޮލަރު ދައްކާފައިވަނީ މިއަދު ކަމަށް ވެސް މާލީ ވުޒާރާއިން ވިދާޅުވެފައިވެއެވެ. މިއާ އެކު މި ދަރަނި ދައްކައި ޚަލާސް ކުރެވުނީއެވެ.
ދަރަނި ދެއްކިޔަސް ކާބޯތަކެއްޗާއި، ތެލާއި ގޭހާއި ކާބޯތަކެއްޗާއި ބޭސްފަރުވާ ފަދަ ޒަރޫރީ ކަންކަމަށް ބޭނުންވާ ސާމާނު އެތެރެކުރުމަށް ދަތިނުވާނޭ ކަމަށް މާލީ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
މާލިއްޔާއިން ވިދާޅުވެފައިވަނީ ރާއްޖޭގެ ދަރަނި މެނޭޖުކުރަމުން ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތަކަށް ބުރޫއެރިޔަނުދީ ކުރިއަށްގެންދާނޭ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.





