ދިވެހި|English 17 ސެޕްޓެމްބަރު 2026 · 14:12
Top banner
Advertisement
ޑޮލަރުގެ ދަތިކަމާއެކު ރާއްޖޭގެ އިގްތިސާދު އިނދަޖެހިދާނެ: އެމްޑީޕީ
ޚަބަރު

ޑޮލަރުގެ ދަތިކަމާއެކު ރާއްޖޭގެ އިގްތިސާދު އިނދަޖެހިދާނެ: އެމްޑީޕީ

މމުހައްމަދު އަލީ17 ސެޕްޓެމްބަރު 2026

ރާއްޖެއަށް ދިމާވެފައިވާ ޑޮލަރު ލިބުމުގެ ދަތިކަމާހެދި ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ނާޒުކު ހާލަތުގެ ސަބަބުން އިގްތިސާދު އިނދަޖެހިދާނޭ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ. މިކަމަށް ކަންބޮޑުވުން ފާޅުކޮށް ނެރެފައިވާ ބަޔާނެއްގައި އެމްޑީޕީން ބުނެފައިވަނީ ކަންބޮޑުވުންތައް ހަތަރު ދާއިރާއަކަށް ބެހިގެންވާ ކަމަށެވެ.

އެއީ ކޮންމެ ދިވެހި ވިޔަފާރިއަކަށް ކުރާ ނޭދެވޭ އަސަރާއި، އިންވެސްޓަރުންގެ އިތުބާރު ގެއްލުމާއި، އިސްލާހީ ފިޔަވަޅުތައް ނޭޅުމާއި، މުޅި އިގްތިސާދަށް އޮތް ނުރައްކާ:  ކަމަށް ކަމަށް ބުނެފައިވެއެވެ. އެޕާޓީން ބުނެފައިވަނީ ކޮންމެ ދިވެހި ވިޔަފާރިއަކަށް ކުރާ ނޭދެވޭ އަސަރުތަކުގެ ތެރޭގައި ކުދި ވިޔަފާރިތަކާއި، ފިހާރަތަކުގެ ވެރިންނާއި، ކޮންޓްރެކްޓަރުންނާއި، މުދާ އެތެރެކުރާ ފަރާތްތަކުގެ އިތުރުން ރިސޯޓުތަކުގެ ވެރިންނަށްވެސް މީގެ ނޭދެވޭ އަސަރު ދަނީ ކުރަމުން ކަމަށެވެ.

މީގެއިތުރުން އިންވެސްޓަރުން ރާއްޖެއަށް އައިއިރު ހުރި ޝަރުތުތަކަށް އެއްވެސް މަޝްވަރާއެއް ނުވަތަ އިންތިގާލީ މުއްދަތެއް ނެތި ކުއްލިއަކަށް ބަދަލުގެނައުމުގެ ސަބަބުން، ގައުމަށް ބޭނުންވާ ކެޕިޓަލް (ފައިސާ) ދަނީ ބޭރުވަމުން ކަމަށްވެސް ވިދާޅުވެފައިވެއެވެ. މިކަންކަމަށް އިސްލާހީ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން އިގްތިސާދީ އަދި މާލީ އަވަސް އިސްލާހުތަކެއް ބޭނުންވި ނަމަވެސް، ސަރުކާރުން ވަނީ އެފަދަ ކަންކަން ކުރުމަށް ނުކުޅެދި، އަދި އެކަމަށް ބޭނުންނުވާކަން ހާމަކޮށްފައި ކަމަށް ވެސް އެމްޑީޕީން ބުނެފައިވެއެވެ. މީގެ ސަބަބުން މުޅި އިގްތިސާދަށް އޮތް ނުރައްކާ ތަކުގެ ތެރޭގައި ރިޒާވް މިހާ ދަށުގައި ހުރުމާއި، ޑޮލަރު ނުލިބުމާއި، އެއްވެސް ޕްލޭނެއް ނެތުމުގެ ސަބަބުން ދިވެހި އިގްތިސާދު މުޅިން އިނދަޖެހިގެން ދިއުމުގެ ބިރު ބޮޑު ކަމަށް ވެސް އެބަޔާނުގައި ވެއެވެ. ވެ.

މިހާރުގެ ހާލަތަށް ބަލާއިރު ސްޓޭޓް ބޭންކް އޮފް އިންޑިއާގެ 150 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލް ފެސިލިޓީގެ ފަހު 50 މިލިއަން ޑޮލަރު މިއަދު ދައްކަންޖެހޭ ކަމަށް އެބަޔާނުގައިވެއެވެ. ސަރުކާރުން މިއަދު ވިދާޅުވެފައިވަނީ އެފައިސާ ދައްކާފައިވާ ކަމަށެވެ.

އޭޕްރީލް މަހު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ ރިޒާވް ބޭންކް އޮފް އިންޑިއާއެކު ހެދި ކަރަންސީ ސުވޮޕްގެ ދަށުން ނެގި 400 މިލިއަން ޑޮލަރު ދައްކައި ހަލާސްކޮށްފައި ކަމަށާއި، އެ މަހު 500 މިލިއަން ޑޮލަރުގެ ސުކޫކް މެޗުއާވެފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. މިއީ އެތެރޭގެ އިގްތިސާދުން އެއްކުރި ޑޮލަރުން ދައްކާފައިވާ ފައިސާ ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

މީގެ ސަބަބުން ރާއްޖޭގެ މައިގަނޑު ރިޒާވް ވަނީ ނުރައްކާތެރި މިންވަރަކަށް ދަށަށް ގޮސްފައި ކަމަށާއި، ޖުމްލަ ރަސްމީ ރިޒާވް އޭޕްރީލް މަހު ވަނީ 718 މިލިއަން ޑޮލަރަށް ދަށަށް ގޮސްފައި ކަމަށް ވެސް ބުނެފައިވެއެވެ. މިއީ 1.4 މަސްދުވަހުގެ މުދާ އެތެރެކުރެވޭނެ މިންވަރެކެވެ. ކުރު މުއްދަތުގެ އިލްތިޒާމްތައް އުނިކުރުމަށްފަހު، ބޭނުންކުރެވޭ ރިޒާވް ފިޗްގެ މިންގަނޑުން ހުރީ 244 މިލިއަން ޑޮލަރުގައި ކަމަށާއި، ވޯލްޑް ބޭންކުގެ މިންގަނޑުން ހުރީ 148 މިލިއަން ޑޮލަރުގައި ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

"މި އަދަދުތަކަށް ބަލާއިރު، ބޭނުންކުރެވޭ ރިޒާވުން ފުދޭނީ 9 ދުވަހާއި 2 ހަފުތާއާ ދެމެދުގެ މުއްދަތަކަށް މުދާ އެތެރެކުރުމަށެވެ. ރާއްޖެއަކީ ތެލާއި، ކާބޯތަކެއްޗާއި ބޭހުގެ ގާތްގަނޑަކަށް ހުރިހާ އެއްޗެއް ބޭރުން އެތެރެކުރާ ގައުމަކަށްވާއިރު، މިފަދަ އަސާސީ ތަކެތި ފޯރުކޮށްދިނުމަށް ރާއްޖޭގައި އެއްވެސް ރައްކާތެރިކަމުގެ ބަފަރެއް ނެތެވެ."

ޑޮލަރުގެ "ދަތިކަން ހައްލުކުރުމަށް ސަރުކާރުން ވަނީ ޑޮލަރު ހޯދާ ވިޔަފާރިތަކަށް މިސްރާބު ޖަހާފައެވެ. ރިސޯޓުތަކުން މަހުން މަހަށް ދައްކާ އާމްދަނީގެ 40 އިންސައްތަ، ކޮމާޝަލް ރޭޓް ކަމަށްވާ 15.42 ރުފިޔާގެ ރޭޓުން މާރުކުރަންޖެހެއެވެ. މިއީ ކުރީގެ މިންވަރަށްވުރެ ދެގުނަ އިތުރު މިންވަރެކެވެ. މި ގާނޫނު އޮގަސްޓް 31 ގައި ތަސްދީގުކޮށް، ޖެހިގެން އައި ދުވަހު ވަނީ އަމަލުކުރަން ފަށާފައެވެ. އަހަރަކު 15 މިލިއަން ޑޮލަރަށްވުރެ ގިނައިން ބޭރު ފައިސާ ލިބޭ އަމިއްލަ ވިޔަފާރިތަކަށްވެސް މި ނިންމުން ހިނގައެވެ. ބޭރުގެ އިންވެސްޓްމަންޓްތަކަށް 40 އިންސައްތަ މާރުކުރަންޖެހޭއިރު، ސައްތައިން ސައްތަ ދިވެހި ވިޔަފާރިތަކުން މާރުކުރަންޖެހެނީ 7 އިންސައްތައެވެ. އިންވެސްޓަރުން ރާއްޖެއަށް ފައިސާ އިންވެސްޓްކުރީ އެހެން ޝަރުތުތަކެއްގެ ދަށުންނެވެ. ނަމަވެސް އެ ޝަރުތުތައް ވަނީ ރޭގަނޑެއްގެ ތެރޭގައި ބަދަލުކޮށްފައެވެ. އޮކްޓޯބަރު 1 އިން ފެށިގެން، ރާއްޖޭގެ ޗުއްޓީ ވިއްކާ ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި، ޓްރެވަލް އެޖެންޓުން އަދި ބުކިން ޕްލެޓްފޯމްތަކުން މީރާގައި ރަޖިސްޓްރީވެ، 17 އިންސައްތައިގެ ޓޫރިޒަމް ޖީއެސްޓީ ދައްކަންޖެހެއެވެ. މި ގާނޫނު ފާސްކުރީ ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައެވެ. މީރާއާއި މިނިސްޓްރީތަކުން ބޭއްވި ވެބިނާގައި 600 އަށްވުރެ ގިނަ ބޭރުގެ އެޖެންޓުން ވަނީ މި ބަދަލުތަކާ ދެކޮޅުހަދާފައެވެ. މީގެ ސަބަބުން ދެފަހަރަށް ޓެކްސް ދައްކަންޖެހޭ ކަމުގެ ކަންބޮޑުވުން ފާޅުކުރިއެވެ. އަދި ބޭރުގެ އޮޕަރޭޓަރުން ވަނީ ރާއްޖެ އިޝްތިހާރުކުރުން ހުއްޓާލައި އެހެން ގައުމުތަކަށް މިސްރާބު ބަދަލުކުރާނެކަމުގެ އިންޒާރުދިފައެވެ."

އެމްޑީޕީން ބުނެފައިވަނީ މި ހާލަތުގައިވެސް، ސަރުކާރުން ދައުވާކުރަނީ ޑޮލަރުގެ ރޭޓް 19 ރުފިޔާއަށް ދަށްވެފައިވާ ކަމަށެވެ. ނަމަވެސް މިއީ ގަދަކަމުން ގަސްދުގައި ދައްކޮށްފައިވާ ރޭޓެއް ކަމަށް އެމްޑީޕީން ތުހުމަތު ކުރެއެވެ. ގަސްތުގައި  ހިފަހައްޓާފައިވާ ރޭޓަކުން މާކެޓުގައި ޑޮލަރެއް ނުހިފެހެއްޓޭނޭ ކަމަށާއި ބޮޑު އަގުގައި ޑޮލަރު ގަނެފައިވާ މަނީ ޗޭންޖަރުންނަށް ގެއްލުމުގައި ޑޮލަރު ނުވިއްކޭނޭ ކަމަށް ވެސް ބުނެފައިވެއެވެ.

މިކަމުގެ ނޭދެވޭ އަސަރު އާންމު ފަރުދުންނާއި އާއިލާތަކަށްވެސް ދަނީ ކުރަމުން ކަމަށާއި، ބީއެމްއެލް އިން ވަނީ ކާޑުތަކުން ކުރާ ހަރަދުތަކާއި އޮންލައިން ވިޔަފާރިތަކަށް ބޮޑެތި ލިމިޓްތަކެއް ކުރިމަތިކޮށްފައި ކަމަށްވެސް ބުނެފައިވެއެވެ. އާންމު ވިޔަފާރިތަކަށާއި، ބޭރުގައި ކިޔަވާ ކުދިންގެ ޚަރަދުތަކަށާއި، ބޭސްފަރުވާއަށް ފައިސާ ފޮނުވުމަށް ވެސް ބޮޑެތި ދަތިތަކާ ވަނީ މިހާރު ކުރިމަތިލާންޖެހިފައި ކަމަށް އެޕާޓން ބުނެފައިވެއެވެ.

މިއީ އިގްތިސާދީ ގޮތުން ރާއްޖެއަށް ނުރައްކާތެރި ހާލަތެއް ކަމަށާއި މިއީ ސަރުކާރުގެ ނުކުޅެދުންތެރިކަމާއި، އިސްރާފާއި، ކޮރަޕްޝަނުގެ ނަތީޖާ ކަމަށް އެމްޑީޕީން ބުންޏެވެ. "ނޮވެމްބަރު 2023 ގައި ވެރިކަމާ ހަވާލުވިފަހުން، ސަރުކާރުން ވަނީ ގައުމުގެ ބޭރު ފައިސާ ހުސްކޮށްލާފައެވެ. ސަރުކާރުގެ އެއްވެސް އިގްތިސާދީ ޕްލޭނެއް ނެތެވެ. އޭގެ ބަދަލުގައި ބޭނުންކުރަނީ ފިޔަވަޅުއެޅުމާއި، އަދަބުދިނުމާއި، މަސްނޫއީ ރޭޓްތަކެވެ. ރިޒާވްގެ ހަގީގީ ހާލަތާ މެދު އާންމުންނަށް ސާފު މައުލޫމާތެއް ނުލިބެއެވެ."

 

ގުޅުންހުރި ޚަބަރު