އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް މުޙައްމަދު ޝަކީލާ ދެކޮޅަށް ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ޖިނާއީ މައްސަލައެއް ފުލުހަށް ހުށަހަޅައިފިއެވެ.
ޝަކީލުގެ މައްޗަށް މި މައްސަލަ ހުށަހެޅީ ޕީއެންއެފް ގެ ދަފްތަރުގައި ހިމެނޭ ގިނަ ޢަދަދެއްގެ މެންބަރުން، އެ މެންބަރުންނަށް އެއްވެސް މިންވަރަކަށް އެނގުމަކާ ނުލައި ޕާޓީގެ ދަފްތަރުން އުނިކޮށް، އެހެން ސިޔާސީ ޕާޓީތަކަށް ބަދަލުކޮށްފައިވާ މައްސަލައާ ގުޅިގެން ކަމަށް ޕީއެންއެފް އިން ވަނީ ބުނެފައެވެ. މި މައްސަލަ ފުލުހުންގެ އިދާރާއިން މިހާރު ވަނީ ރަސްމީކޮށް ބަލައިގެންފައި ކަމަށް ޕީއެންއެފްއިން ވަނީ ބުނެފައެވެ.
"މި މައްސަލައަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤަށް އަރައިގަނެ، ޢާންމު ރައްޔިތުންނާއި މި ޕާޓީގެ މެންބަރުންގެ ޒާތީ މަޢުލޫމާތާއި ސައްޙަ ލިޔެކިޔުންތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެ މެންބަރުންގެ ރުހުމަކާ ނުލައި، ޤާނޫނާ ޚިލާފަށް ސޮއި ފޯޖުކޮށްގެންނާއި ބޮޑު "އައިޑެންޓިޓީ ތެފްޓް" ގެ ޖިނާއީ ޢަމަލެކެވެ." ޕީއެންއެފްއިން ބުނެފައިވެއެވެ. އޮޅުވާލައިގެން މެންބަރުން ޕާޓީން ވަކިކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންް ކަމަށްވެސް ބުނެފައިވެއެވެ.
އިލެކްޝަންސް ކޮމިޝަނަކީ ސިޔާސީ ޕާޓީތަކުގެ ދަފްތަރު ބެލެހެއްޓުމާއި، އިންތިޚާބުތަކާއި ސިޔާސީ ޙަރަކާތްތައް އިންޞާފުވެރިކަމާއެކު ހިންގުމުގެ އެންމެ އިސް މަސްއޫލިއްޔަތު އުފުލަންޖެހޭ މުއައްސަސާއެވެ. "ވީހިނދު، އެ ކޮމިޝަނުގެ އެންމެ އިސްވެރިޔާގެ އިހުމާލުން ނުވަތަ ބައިވެރިވުމާއެކު މިފަދަ ޖިނާއީ ޢަމަލުތަކެއް ހިންގުމަކީ ޑިމޮކްރެޓިކް ނިޒާމަށް އޮތް ބޮޑު ނުރައްކަލެކެވެ."
ޕީއެންއެފް އިން ޕޮލިހުގައި އެދިފައިވަނީ ވަކިފަރާތަކަށް ނުޖެހި، ފުރިހަމަ މިނިވަންކަމާއެކު ވީއެންމެ އަވަހަކަށް މި މައްސަލަ ތަޙުޤީޤުކޮށްދިނުމަށެވެ. މީގެ އިތުރުން "މި ޖަރީމާގައި ބައިވެރިވި އެންމެހައި ފަރާތްތަކާއި އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މައްޗަށް ޤާނޫނީ ފިޔަވަޅު އަޅައިދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސަސް އަށް،" ގޮވާލާ ކަމަށް ޕީއެންއެފްއިން ވަނީ ބުނެފައެވެ. އެ ޕާޓީގެ މެންބަރުންގެ ޙައްޤުތައް ޙިމާޔަތްކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި ޤާނޫނީ މަސައްކަތްތައް ސާބިތުކަމާއެކު ކުރިއަށް ގެންދާނޭ ކަމުގެ ޔަޤީންކަން އެންމެހައި ލޮބުވެތި މެންބަރުންނަށާއި ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށް ވެސް ބުނެފައިވެއެވެ.





