ދިވެހި|English 19 އޮކްޓޯބަރު 2026 · 11:04
Top banner
Advertisement
ފުރަމާނަ ދަތުރުފުޅެއްގައި ރައީސް ޑރ. މުޢިއްޒު ޕާކިސްތާނަށް ވަޑައިގަންނަވަނީ
ޚަބަރު

ފުރަމާނަ ދަތުރުފުޅެއްގައި ރައީސް ޑރ. މުޢިއްޒު ޕާކިސްތާނަށް ވަޑައިގަންނަވަނީ

އޮކްޓޯބަރު 20 އިން 22 އަށް ރައިސް ޕާކިސްތާނަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.

ހިރި ނިއުސްހިރި ނިއުސް19 އޮކްޓޯބަރު 2026

ފުރަމާނަ ދަތުރުފުޅެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް ދަތުރުފުޅެއް ކުރައްވަަން ނިންމަވައިފި ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. މިއީ ޕާކިސްތާނުގެ ބޮޑުވަޒީރު، މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް، ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅު ކުރައްވާނީ މިހިނގާ އޮކްޓޫބަރު 20 އިން 22 އަށެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ، ޕާކިސްތާނުގެ ރައީސް އާޞިފް ޢަލީ ޒަރުދާރީއާއި، ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ އިތުރުން، އެޤައުމުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ. މީގެއިތުރުން، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށްޓަކައި ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއެކު ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެއެވެ. ރަސްމީ ވާހަކަފުޅުތަކަށްފަހު، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭ ގިނަ ފަހުމުނާމާތަކެއް ބަދަލުކުރުމުގެ ރަސްމިއްޔާތު ދެ ލީޑަރުން ޝަރަފުވެރިކޮށްދެއްވާނޭ ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

މި ދަތުރުފުޅަކީ ވޭތުވެދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގެ ރައީސަކު، ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މިދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިފައި މިވަނީ، ރާއްޖެއާއި ޕާކިސްތާނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބު ވަގުތުގައެވެ. ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރެވުނީ 26 ޖުލައި 1966 ގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚާރިޖީ ސިޔާސަތު ބައްޓަން ކުރެވިފައިވަނީ، "މޯލްޑިވްސް ފަސްޓް" މި ޝިޢާރުގެ މަތީގައެވެ. މި ސިޔާސަތުގެ ދަށުން އަވަށްޓެރި ޤައުމުތަކާއެކު އޮންނަ ގާތް ގުޅުމަށް އިސްކަންދެއްވައި، ދިވެހި ޤައުމުގެ ތަރައްޤީއާއި ކުރިއެރުމަށް މަގުފަހިވާނޭ ފަދައިން، ދޭދޭ ގުޅުންތައް ބިނާކުރުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ހަރަކާތްތެރި މަސައްކަތްޕުޅުތަކެއް، އެމަނިކުފާނު ގެންދަވަނީ ކުރައްވަމުން ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، އެމަނިކުފާނުގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، އަދި ސަރުކާރުގެ އިސް ވެރިން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެއެވެ.
 

ގުޅުންހުރި ޚަބަރު