ރާއްޖެއަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގައި ބޭރުގެ ފަރާތްތަކުން މިހާރު ރާއްޖެއާ މެދު ވިސްނަނަނީ ވަރަށް ޕޮޒިޓިވް ކޮށް ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
މިއީ ބައިނަލްއަޤުވާމީ ކްރެޑިޓް ރޭޓިން އެޖެންސީ "މޫޑީޒް" އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކުރި ކުރުމުން ލިބުނު ކުރިއެރުމެކެވެ. 'އަހާ' ފޯރަމުގެ 10 ވަނަ ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މި މަހުގެ 8 ވަނަ ދުވަހު މޫޑީޒްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީއޭއޭ1 އަށް މަތިކޮށްފައިވަނީ ދައުލަތުގެ ބޮޑެތި ދަރަނިތައް އަދާކުރުމަށާއި މާލީ ކަންކަން ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރުމަށްފަހު ކަމަށެވެ. މި ރޭޓިން މަތިވުމުން މާލީ އިތުރު އެހީތައް ހޯދުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންގޮސްފައިވާކަން ވަޒީރު ޒަރީރު ވިދާޅުވިއެވެ. މިއީ ދައުލަތުގެ އިޤުތިޞާދީ މަސައްކަތްތައް ރަނގަޅުކުރުމަށް ކުރި މަސައްކަތްތަކަށް ލިބުނު މުހިންމު "އެންޑޯޒްމަންޓެއް" ކަމަށް ވެސް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ދަރަނި ދެއްކުމުގައި ރާއްޖެއިން މިހާރު ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާކަމަށެވެ. އެގޮތުން 2013 އިން 2018 އާ ދެމެދު ގާތްގަނޑަކަށް 415 މިލިއަން ޑޮލަރުގެ ދަރަނި ދައްކާފައިވާ ކަމަށް ވަޒީރު ވިދާޅިވިއެވެ. 2018 އިން 2023 އާ ހަމައަށް ދައްކާފައިވަނީ 948 މިލިއަން ޑޮލަރުގެ ދަރަނި ކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރުން މިހާތަނަށް 1.42 ބިލިއަން ޑޮލަރު ދައްކައި، ފިސްކަލް ނިޒާމަށް ހަރުދަނާ ބަދަލުތަކެއް ގެންނަމުންދާ ކަމަށް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިއަހަރުގެ އަމާޒަކީ 7 އިންސައްތައަށް ޑެފިސިޓް ކުޑަކުރުން ކަމުގައެވެ. އެހެން ނަމަވެސް، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ކުރިމަތިވި ދަތިތަކާ ހެދި މިހާރުގެ އަމާޒަކީ 10 އިންސައްތައަށްވުރެ ދަށުގައި ޑެފިސިޓް ހިފެހެއްޓުން ކަމަށް ވިދާޅުވިއެވެ.





