ރަސްމާލޭ މަޝްރޫއުގެ ދަށުން ބޭރުގެ އެއްވެސް މީހަކަށް ބިން މިލްކެއް ނުކުރެވޭނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
"ދަ ޕްލްސް" ގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަޝްރޫޢާ ގުޅޭގޮތުން އެންމެ ބޮޑަށް ދެކެވެމުންދާ އެއް ވާހަކަ ކަމަށްވާ، ބޭރުގެ ފަރާތްތަކަށް ބިން މިލްކުކުރެވޭނެކަމަށް ބުނާ ވާހަކަ ކަމަށެވެ. އެއަށް ރައްދުދެއްވަމުން ރައީސް ވިދާޅުވީ، ދިވެހިރާއްޖޭގެ ޤާނޫނުގެ ދަށުން ބޭރު މީހަކަށް ބިން މިލްކު ނުކުރެވޭނޭ ކަމަށެވެ. އޭގެ ބަދަލުގައި ބިންދޫކުރެވޭނީ ކުއްޔަށް ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ރަސްމާލެއިން އެއްވެސް ޕްރޮޕަޓީއެއް އިސްރާއީލު މިހުންނަށް ނުވިއްކާނޭ ކަމަށް ވެސް ވިދާޅުވިއެވެ. އެތަނުން އެއްވެސް "ޕްރޮޕަޓީ" އެއް އިސްރާއީލް ރައްޔިތުންނަށް ވިއްކުން ޤާނޫނުން މަނާވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ. މީގެ އިތުރުން، ރަސްމާލޭގައި އެހެން ދީންތަކުގެ މީހުން އަޅުކަންކުރާނެ ތަންތަނާއި ސްކޫލްތައް ނުހުންނާނެ ކަމަށާއި، މުޅި ސަރަޙައްދުގައިވެސް ފުރިހަމައަށް ހިނގާނީ ދިވެހި ދައުލަތުގެ ޤާނޫނުތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަށަވަރުކޮށްދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަޝްރޫޢާ ގުޅިފައިވާ އެހެނިހެން ކަންކަމާއެކު ޖުމްލަ އިންވެސްޓްމަންޓް 30 ބިލިއަން ޑޮލަރަށް އަރާނެކަމަށް ލަފާކުރެއްވޭ ކަމަށެވެ. އަދި މި މަޝްރޫޢުގެ ތެރެއިން 14،000 ވަރަކަށް ދާއިމީ ވަޒީފާ އުފެދޭނެ ކަމަށާއި، ތަރައްޤީގެ މަރުޙަލާގައި 54،000 ވަޒީފާގެ ފުރުޞަތު ހުޅުވިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދައުލަތަށް ގެއްލުންވާގޮތަށް ބިން ދޫކުރާކަމަށް ބުނެ، ސިޔާސީ ބޭނުންތަކަށްޓަކައި ޙަޤީޤަތާ ޚިލާފު ވާހަކަތައް ފަތުރާ ފަރާތްތަކުގެ ތުހުމަތުތަކަށް ރައްދުދެއްވަމުން އެމަނިކުފާނު ވިދާޅުވީ، ޑިވެލޮޕަރަށް ބިން ދޫކުރަނީ ހިލޭ ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެޑްވާންސްގެ ގޮތުގައި 500 މިލިއަން ޑޮލަރުގެ އަގުހުރި 5،000 ހައުސިންގ ޔުނިޓް ދައުލަތަށް ލިބޭނެކަމަށާއި، ޑިވެލޮޕަރުގެ އާމްދަނީގެ 10 އިންސައްތަ ނުވަތަ ގާތްގަނޑަކަށް 3.1 ބިލިއަން ޑޮލަރު ދައުލަތަށް ލިބޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިއީ ޓެކްސް މާފުކުރެވޭ މަޝްރޫޢެއް ނޫންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފައެވެ.
މި މަޝްރޫޢުގެ ހާމަކަން ބޮޑުކަމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަޝްރޫޢާ ގުޅޭގޮތުން ޚާއްޞަ ޤާނޫނެއް އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށާއި، މި ބިލު އާންމުންނަށް ފެންނަން އޮންނާނެ ކަމަށެވެ. ދައުލަތުން އިންވެސްޓްމަންޓެއް ނުކޮށް ހިންގާ މަޝްރޫޢަކާ ގުޅޭ މިހާ ގިނަ ތަފްސީލުތަކެއް މީގެ ކުރިން އެއްވެސް ސަރުކާރަކުން އާންމުކޮށްފައި ނުވާކަމަށާއި، ކޮމިޓީތަކުން މިކަންކަން ދިރާސާކޮށް ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ޒިންމާދާރު ގޮތެއްގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސިޔާސީ ބޭނުމެއްގައި، އިންވެސްޓަރުންގެ އިތުބާރު ގެއްލުވާލައި، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ވާހަކަދެވުނުނަމަވެސް ސަރުކާރުން މި މަޝްރޫޢު ކުރިއަށް ގެންދާނީ ދިވެހިންގެ ދީނީ އަދި ޤައުމީ އައިޑެންޓިޓީ ފުރިހަމައަށް ޙިމާޔަތްކުރެވި، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައިކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނު ވަނީ ތަކުރާރުކޮށް ދެއްވާފައެވެ.





