ހދ. ކުމުންދޫގައި ގާއިމުކުރި ފުލުހުންގެ މަރުކަޒު ހުޅުވައި ހިދުމަތްދޭން ފަށައިފިއެވެ. މި މަރުކަޒު ހުޅުވައިދެއްވީ އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި، ކުމުންދޫ ކައުންސިލު ރައީސް ޢަލީ ޤާސިމެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި ކައުންސިލް މެމްބަރުންނާއި ރަށުގައި ހުރި އިދާރާތަކުގެ ވެރިން ބައިވެރިވެލެއްވިއެވެ.
ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވައި، ފުލުހުންގެ ދިދަ ނަންގަވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސްއެވެ. ގައުމީ ދިދަ ނަންގަވައިދެއްވީ ކައުންސިލު ރައީސްއެވެ. މި ރަސްމިއްޔާތުގެ ތެރެއިން، ޕޮލިސް ސްޓޭޝަން ގޯތިތެރޭގައި ގަސްއިންދުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވިއެވެ.
ކުމުންދޫގައި މި ހުޅުވި ފުލުހުންގެ މަރުކަޒަކީ އެމްޓީސީސީއާ ހަވާލުކޮށްގެން އިމާރާތްކޮށްފައިވާ މަރުކަޒެކެވެ. މި މަރުކަޒުގެ ބިންގާ އަޅާފައިވަނީ 2025 އޮގަސްޓް 27 ވަނަ ދުވަހުއެވެ.
މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް ފުލުހުންގެ އަމިއްލަ މަރުކަޒު ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރެވިގެންދިޔަ މުހިންމު މަސައްކަތެކެވެ.





