ދިވެހި|English 22 އޮކްޓޯބަރު 2026 · 00:44
Top banner
Advertisement
މަޖިލީހުގެ ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން ނިންމުމަކީ ރައްޔިތުންނަށްކުރި މަލާމާތެއް: ފައްޔާޒު
ޚަބަރު

މަޖިލީހުގެ ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން ނިންމުމަކީ ރައްޔިތުންނަށްކުރި މަލާމާތެއް: ފައްޔާޒު

"މިއަށްވުރެ ދަށު ދަރަޖައިގެ މަޖިލީހެއް އަދި ނާދޭ. މިއަދު ވެސް އެ ކުރީ ދިވެހި ރައްޔިތުންނަށް ކުރާ ބޮޑު މަލާމާތެއް،"

މމުހައްމަދު އަލީ21 އޮކްޓޯބަރު 2026

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓިން ނިންމުމަކީ ރައްޔިތުންނަށްކުރި މަލާމާތެއް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވެފައިވަނީ "މަޖިލީހުން ކުރާ މަސައްކަތެއް ނެތް، ސަރުކާރަށް ނެރެވުނު ނަތީޖާއެއް ނެތް. އެކަމަކު މިއަދު މަޖިލީހުން އެ ނިންމީ ވަޒީރުންނާއި މަޖިލިސް ރައީސްގެ މުސާރަ ބޮޑުކުރުމަށް. މިއަށްވުރެ ދަށު ދަރަޖައިގެ މަޖިލީހެއް އަދި ނާދޭ. މިއަދު ވެސް އެ ކުރީ ދިވެހި ރައްޔިތުންނަށް ކުރާ ބޮޑު މަލާމާތެއް،" ކަމަށެވެ.

މި ދުވަސްވަރަކީ ރާއްޖޭގައި ތަކެތީގެ އަގުތައް އިންތިހާއަށް އުފުލި އެތައް ބަޔަކު ދަތީގައި އުޅެމުންދާ ދުވަސްވަރެއް ކަމަށާއި މިއީ މި ދަނޑިވަޅުގައި ކުރަންވީ ކަމެއްތޯ ފައްޔާޒު ވަނީ ސުވާލު ކުރައްވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދުވަނީ މަޖިލީހުގެ ރައީސްގެ އެލަވަންސާއި، ވަޒީރުންގެ ކާރު އެލަވަންސް ބޮޑުކުރަން ފާސްކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް މިހާރު ލިބެނީ އިނާޔަތާއެކު 73،000 ރުފިޔާއެވެ. އެހެން ކަމުން ކޮމިޓީން މިއަދު ފާސްކުރީ މަޖިލީހުގެ ރައީސަށް 22،000 ރުފިޔާގެ އެލަވަންސެއް ދިނުމަށެވެ. އެ އެލަވަންސާއެކު މަޖިލީހުގެ ރައީސަށް 95،000 ރުފިޔާ ލިބޭނެއެވެ.

މީގެ އިތުރުން ކޮމިޓީން ވަނީ ވަޒީރުންނަށް ދޭ ޑްރައިވަރސް އެލަވަންސް ވެސް ބޮޑުކުރަން ނިންމައިފައެވެ. ޑްރައިވަރސް އެލަވަންސް ނުހިމަނައި މުސާރައާއި އެލަވަންސްގެ ގޮތުގައި މިހާރު ވަޒީރަކަށް ލިބެނީ 58،500 ރުފިޔާއެވެ. އެލަވަންސް ހިމެނުމުން މަހަކު 66،000 ރުފިޔާ ލިބޭނެއެވެ. ޕެޓްރޯލް އެލަވަންސާއި ޑްރައިވަރސް އެލަވަންސްގެ ގޮތުގައި ވަޒީރަކަށް މިހާރު ލިބޭނީ 7500ރުފިޔާއެވެ.

އެހެންނަމަވެސް މާލިއްޔަތު ކޮމިޓީން މިއަދުވަނީ ޕެޓްރޯލް އެލަވަންސް އެއްހާސް ރުފިޔާއިން 2000 ރުފިޔާއަށް ބޮޑުކުރަން ފާސްކޮށްފައެވެ. އަދި ޑްރައިވަރުންގެ މުސާރައިގެ ގޮތުގައި 12،000 ރުފިޔާ ދިނުމަށްވެސް ވަނީ ފާސްކޮށްފައެވެ. އޭގެ އިތުރުން ޑްރައިވަރުންގެ ލިވިން އެލަވަންސްގެ ގޮތުގައި 3000 ރުފިޔާ ދިނުމަށް ވަނީ ފާސްކޮށްފައެވެ. މި ބަދަލާއެކު ވަޒީރުންގެ މުސާރައާއި އިނާޔަތްތަކާއެކު 75،500 ރުފިޔާ ލިބޭނެއެވެ. ކޮމިޓީން މިގޮތަށް ފާސްކުރިޔަސް މި ނިންމުންތައް ފާސްވާނީ މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހައި ފާސް ވުމުންނެވެ.

ގުޅުންހުރި ޚަބަރު