ދިވެހި|English 22 އޮކްޓޯބަރު 2026 · 18:31
Top banner
Advertisement
މައުލާނާ ރޫމީގެ މަސްނަވީއިން ޙިކުމަތެއް!
ރިޕޯޓް

މައުލާނާ ރޫމީގެ މަސްނަވީއިން ޙިކުމަތެއް!

މައުލާނާ ޖަލާލުއްދީން މުޙައްމަދު ރޫމީއަކީ ޙިކުމަތްތެރިކަމުގެ ބޭނުންފުޅު ކުރައްވައިގެން މީސްތަކުންނަށް ވިސްނައިދެއްވޭތޯ މަސައްކަތްޕުޅު ކުރެއްވި ބޭކަލެކެވެ

ޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫ22 އޮކްޓޯބަރު 2026

އެގޮތުން، މައުލާނާ ރޫމީގެ "މަސްނަވީ" އަކީ ވަރަށް މަޝްހޫރު ފޮތެކެވެ. އެފޮތުގައި ވަރަށް ރަނގަޅު ޙިކުމަތެއް، މައުލާނާ ރޫމީ ބަޔާން ކުރައްވާފައިވެއެވެ.

ވަރަށް ފަޤީރު މީހަކު އުޅުނެވެ. އޭނައަށް ދުވާލުދާ ހަތަރުދަމު ރަނގަޅަށް ބަނޑުފުރައި ކާނެ ބޯނެ އެއްޗެއް ނުލިބެއެވެ. އޭނާ، ހަޒުރަތު މޫސާ عليه الّسلام ގެ އަރިހަށް އައިސް ދެންނެވިއެވެ. ކަލޭގެފާނަކީ طورسيناء އަށް ވަޑައިގެން الله އާއި ވާހަކަފުޅު ދައްކަވާ ބޭކަލެކެވެ. ކަލޭގެފާނު طورسيناء އަށް ވަޑައިގެން، އަޅުގަނޑުގެ ޝަކުވާ، الله އަށް ދަންނަވައި ދެއްވާށެވެ. އެކަލާނގެ އުލޫހިއްޔަތަކީ ކޮންކަހަލަ އުލޫހިއްޔަތެއް ހެއްޔެވެ؟ އެއްބަޔަކު ކައިކައިފައި، ކާއެއްޗެހި އިސްރާފުކޮށް އުކަނީއެވެ. ނިކަން އަޅުގަނޑަށް ބަލާބަލާށެވެ. އަޅުގަނޑުގެ އަތުގައި ކާނެ، ބޯނެ އެއްޗެއް ނެތެވެ. އެކަލާނގެ ވަނީ އަޅުގަނޑުގެ މަރުދުވަހާ ހަމައަށް އަޅުގަނޑަށް މިންވަރު ކުރައްވާފައިވާ ރިޒުޤު ލިޔުއްވާފައެވެ. އެކަން، އަޅުގަނޑަށް ރަނގަޅަށް އެނގެއެވެ. ކަލޭގެފާނު ވަޑައިގެން الله އަށް ދުޢާ ދަންނަވައި ދެއްވާށެވެ. އަޅުގަނޑުގެ ޢުމުރުގެ ބާކީހުރި ހުރިހާ ދުވަސްތަކަށް މިންވަރު ކުރައްވާފައިވާ ހުރިހާ ރިޒުޤެއް، އެއް ދުވަހު އަޅުގަނޑަށް ދެއްވާތޯ ދަންނަވައި ދެއްވާށެވެ. ރަނގަޅަށް ބަނޑުފުރާ ކައިގެން، އެ ދުވަހު އަޅުގަނޑު މަރުވިޔަސް މައްސަލައެއް ނެތެވެ.

މޫސާ عليه الّسلام، އޭނާގެ ފަރާތުން الله އަށް ދުޢާ ދެންނެވިއެވެ. އަދި، އެ ދުޢާ الله އިޖާބަކުރެއްވިއެވެ. އަދި އެމީހާގެ ކުރިމައްޗަށް އޭނާގެ މުޅި ޢުމުރުދުވަހުގެ ކާނާ އަތުވެއްޖެއެވެ. އެއަށްފަހު، މޫސާ عليه الّسلام، އެމީހާގެ މަތިން ހަނދުމަފުޅު ނެތިއްޖެއެވެ. ޒަމާންތަކަކަށް ފަހު، މޫސާ عليه الّسلام، އެމީހާގެ ގޭގެ ކުރިމަތިން ވަޑައިގެންނެވިއިރު ފެނިވަޑައިގަތީ ކާބޯތަކެތިން ފުރިފައިވާ ސުފުރާތަކެކެވެ. ކާބޯތަކެތި ގެންނަ މީހުން، އަވަދިނެތި ކާބޯތަކެތި ގެނެސް ސުފުރާމަތި ފުރަމުން ދިޔައެވެ. ހާހުން މީހުން އައިސް ސުފުރާ މަތިން ކައިބޮއި ހަދަމުން ދިޔައެވެ. އަދި އެމީހާވެސް، މީސްތަކުންނާއެކު ކައިބޮއި ހަދަމުން ދިޔައެވެ.

މޫސާ عليه الّسلام، طورسيناء އަށް ވަޑައިގެން الله އަށް ދެންނެވިއެވެ. އިނބަ އިލާހުގެ އުލޫހިއްޔަތުގެ މަތިވެރިކަމާއެވެ. އެމީހާއަކީ ކާނެ ބޯނެ އެއްޗެއް ނެތިގެން އުޅުނު މީހެކެވެ. މިއަދު އޭނާ، މީސްތަކުންނަށް ކާން ދެނީއެވެ. އަދި އޭނާވެސް ކަނީއެވެ. الله ތަޢާލާ ވަޙީކުރެއްވިއެވެ. އޭ މޫސާއެވެ. ތިމަން އިލާހުގެ އެ އަޅާއަކީ ވަރަށް ވިސްނުންތެރި މީހެކެވެ. އޭނާ، ތިމަން އިލާހާއެކު ވިޔަފާރިއެއް ކޮށްފިއެވެ. އެދުވަހު އޭނާގެ ކުރިމައްޗަށް، އޭނާގެ މުޅި ޢުމުރުދުވަހުގެ ކާނާ ހާޒިރުކުރެވުމުން ކާބޯތަކެތީގެ ގިނަކަމުން، އޭނާއަށް އެ ހުރިހާ އެއްޗެއް އެކަނި ނުކެވޭނެކަން އޭނާއަށް އެނގުނެވެ. އެހެންކަމުން އޭނާ މަގުމަތިީގައި އުޅުނު ބަނޑުހައިވެފައިވާ މީހުންނާއި، މިސްކީނުންނާއި، ފަޤީރުން، އޭނާއާއެކު ކެއުމުގައި ޝާމިލުކުރިއެވެ. މިހާރު އޭނާގެ ސުފުރާތަކުގެ މައްޗަށް އެ އަންނަނީ އޭނާގެ ނަޞީބުގައި ލިޔުއްވާފައިވާ ކާނާއެއް ނޫނެވެ. އެކަމަކު، އޭނާގެ ސުފުރާ މައްޗަށް އެ އަންނަނީ، އޭނާގެ ސުފުރާމަތިން ކައިބޮއި ހަދާ އެހެން މީހުންގެ ނަޞީބުގައި ލިޔުއްވާފައިވާ ކާނާއެވެ.

މާތް ނަބިއްޔާ މުޙައްމަދު ﷺ ގެ ޙަދީޘްފުޅު ކުރައްވާފައިވެއެވެ. "مَا آمَنَ بِي مَنْ بَاتَ شَبْعَانًا وَجَارُهُ جَائِعٌ إِلَى جَنْبِهِ وَهُوَ يَعْلَمُ بِهِ" (رواه الطبراني والبزار، وصححه الألباني) މާނައީ: "ތިމާގެ އަވަށްޓެރިޔާ ބަނޑުހައިހޫނުކަމުގައި ހުރިކަން އެނގިހުރެ، ބަނޑުފުރައި ކައިގެން ރޭކުރާ މީހާއީ (ކާމިލު ގޮތެއްގައި) ތިމަންކަލޭގެފާނަށް އީމާންވީ މީހެއް ނޫނެވެ." މި ޙަދީޘްފުޅުން އެނގެނީ އިސްލާމްދީނުގައި އަވަށްޓެރިންނަށް ކަމޭހިތުމާއި، އެމީހުންގެ ޙާލުއަހުވާލު ބެލުމަށް ދެއްވާފައިވާ އަހައްމިއްޔަތުކަމުގެ ބޮޑުކަމެވެ. މީހެއްގެ އީމާންކަން ފުރިހަމަވަނީ ހަމައެކަނި އަޅުކަން ކުރުމަކުންނެއް ނޫނެވެ. އެއާއެކު، އިންސާނިއްޔަތުކަމާއި އޯގާތެރިކަން އިސްކޮށް، ފަޤީރުންނާއި ނިކަމެތިންނަށް، ޚާއްޞަކޮށް އަވަށްޓެރިންނަށް އެހީތެރިވުމަކީ އީމާންކަމުގެ މުހިންމު ބައެކެވެ.

ގުޅުންހުރި ޚަބަރު