ތެހެރާން، އައި.އާރު.އެން.އޭ – އީރާނުގެ އަސްކަރިއްޔާގެ ޖެނެރަލް ސްޓާފްގެ ޗީފް، މޭޖަރ ޖެނެރަލް އަލީ އަބްދުﷲ ވިދާޅުވީ އެމެރިކާގެ ހަނގުރާމަވެރި އުޅަނދުފަހަރަށް ޕާޝިއަން ގަލްފަށް އަލުން ވަނުމުގެ ފުރުސަތު އީރާނުން ދުވަހަކުވެސް ނުދޭނެ ކަމަށެވެ. އަދި އެ ސަރަހައްދު ފެންނަ ހިސާބަށް ކައިރިވާާން ވެސް އެމެރިކާގެ ސިފައިންނަށް ނުކެރޭނޭ ކަމަށް ޖެނެރަލް ވިދާޅުވިއެވެ.
"ކޮންމެ ހާލަތެއްގައި އަދި ކޮންމެ ވަގުތެއްގައިވެސް އެމެރިކާގެ އަސްކަރީ އުޅަނދުފަހަރު ޕާޝިއަން ގަލްފަށް ވަނުމުގެ ފުރުސަތެއް ނުދޭނެ،" އަބްދުﷲ ވިދާޅުވިއެވެ.
ޚާތަމުލް-އަންބިޔާ ސެންޓްރަލް ހެޑްކުއާޓާޒްގެ ވެރިޔާގެ މަގާމު އަދާކުރައްވަމުން ގެންދަވާ މި ކޮމާންޑަރު ވިދާޅުވީ، ވޮޝިންޓަނުން އެމެރިކާގެ ކަނޑުގެ ސިފައިންނަކީ އެމެރިކާގެ ބާރުގެ ރަމްޒެއް ކަމަށް ދެއްކި ނަމަވެސް، އީރާނުގެ އަސްކަރީ ފައުޖުތަކުން އެމެރިކާގެ ކަނޑުގެ ސިފައިން ނުކުޅެދޭ ބަޔަކަށް ހަދާލާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އެމެރިކާގެ އެހެން އޮފިޝަލުން ތަކުރާރުކޮށް ވިދާޅުވަމުންދަނީ އީރާނުގެ ނިއުކްލިއަރ އިންފްރާސްޓްރަކްޗާ ހަލާކުކޮށްލާފައިވާ ކަމަށެވެ. އެހެންނަމަވެސް، ތެހެރާނުން ނިއުކްލިއަރ ހަތިޔާރު ގެންގުޅެގެން ނުވާނެ ކަމަށް ބުނެ އެމެރިކާއިން ދައްކާ ވާހަކަ ދަމަހައްޓަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ތިޔަ ހުރިހާ އެއްޗެއް ހަލާކުކޮށްލިނަމަ، ދެން މިފަދަ ބޭކާރު ވާހަކަތައް ތަކުރާރުކުރުމުގެ މާނައަކީ ކޮބާ؟" މި ވާހަކަތަކަކީ އެކަންކަން ފުށުއަރާ އަދި މުޅި ދުނިޔެއަށް، ޚާއްޞަކޮށް އެމެރިކާގެ އާންމުންނަށް އޮޅުވާލުމަށް ދައްކާ ވާހަކަތަކެއް ކަމަށް ސިފަކުރައްވަމުން އަބްދުﷲ ސުވާލު އުފެއްދެވިއެވެ.
އީރާނުގެ އަސްކަރީ ޤާބިލުކަން ނައްތާލެވިފައިވާ ކަމަށް ވޮޝިންޓަނަށް ޔަޤީންވާނަމަ، އެމެރިކާގެ ހަނގުރާމަވެރި އުޅަނދުފަހަރާއި އަސްކަރީ ސިފައިން ހޮުރުމުޒް ކަނޑުއޮޅިއަށް ނުވަތަ އީރާނުގެ ކަނޑާއި ބިމުގެ ސަރަހައްދީ ރޮނގާ ކައިރިއަށް ނުއަންނަނީ ކީއްވެގެންތޯވެސް އޭނާ ސުވާލު އުފެއްދެވިއެވެ.
"އެމެރިކާގެ ރައީސް ހުވަފެން ދެކެވަޑައިގަންނަވާނީ އެމެރިކާގެ އަސްކަރިއްޔާއާއި ސިފައިން އަލުން ޕާޝިއަން ގަލްފަށް ވައްދަން. އެ މަނިކުފާނުގެ އެ ވިސްނުން ޖެެހެނީ އަބަދުގެ އަބަދަށް ވަޅުލާން،" އަބްދުﷲ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ އީރާނުގެ ވެރިންނާއި، ރައްޔިތުންނާއި، އަސްކަރިއްޔާއާއި އަދި އޮފިޝަލުން ތިބީ އެމެރިކާއާއި އިޒްރޭލު އެމީހުން އަމިއްލައަށް އުފެއްދި އަނދަވަޅަކަށް ވައްޓާލުމަށް އަޒުމު ކަނޑައަޅައިގެން ކަމަށެވެ.
އަބްދުﷲ ވިދާޅުވީ އީރާނުގެ ސްޓްރެޓަޖީއަކީ ދިގުދެމިގެންދާ ކުރިމަތިލުމަކުން އީރާނުގެ ދުޝްމަނުން އިތުރަށް ބަލިކަށިކޮށްލުން ކަމަށެވެ.
"ﷲ ގެ ތަޢުފީޤާއި އެހީތެރިކަމާއެކު، ވަރުގަދަ އީރާނެއްގެ ސްޓްރެޓަޖީއަކީ މި ކުރިމަތިލުން ދިގުދެމިގެންދާ ވަރަކަށް، ތިޔަބައިމީހުން މަރައި ނިކަމެތިކަމުގެ ކިސަޑުގެ ތެރެއަށް އިތުރަށް ފީނައިގެން ދިއުން،" އޭނާ ވިދާޅުވިއެވެ.
ޖޫން 17 ގައި އިސްލާމީ ޖުމްހޫރިއްޔާއާއެކު ސޮއިކޮށްފައިވާ އިސްލާމްއާބާދު މެމޯރެންޑަމް އޮފް އަންޑަސްޓޭންޑިންގް (އެމް.އޯ.ޔޫ) އާ ޚިލާފަށް، އެމެރިކާއިން އީރާނަށް ނުރައްކާތެރި ވައިގެ ހަމަލާތަކެއްދީ، އެ ޤައުމު ކަނޑުގެ ސަރަހައްދުން ބަންދުކުރުމާ ގުޅިގެން، ޖުލައި މަހު އީރާނުގެ އަސްކަރިއްޔާއިން ވަނީ ހޮުރުމުޒް ކަނޑުއޮޅި ހުރިހާ ދަތުރުފަތުރަކަށް ބަންދުކޮށްފައިވާކަން އިއުލާންކޮށްފައެވެ.





