ދިވެހި|English 25 އޮކްޓޯބަރު 2026 · 02:17
Top banner
Advertisement
ބައިނަލްއަޤްވާމީ ޤާނޫނުތަކަށް އިޙްތިރާމްކުރުމުގެ މަތީގައި ސާބިތުވެ އޮންނަ މުއައްސަސާ އަކަށް އދ. ވާންޖެހޭ: ރައީސް
ޚަބަރު

ބައިނަލްއަޤްވާމީ ޤާނޫނުތަކަށް އިޙްތިރާމްކުރުމުގެ މަތީގައި ސާބިތުވެ އޮންނަ މުއައްސަސާ އަކަށް އދ. ވާންޖެހޭ: ރައީސް

އިޙްތިރާމްކުރުމުގެ މަތީގައި ސާބިތުވެ އޮންނަ މުއައްސަސާ އަކަށް އދ. ވާންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހިރި ނިއުސްހިރި ނިއުސް24 އޮކްޓޯބަރު 2026

އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު ފާހަގަ ކުރަމުންދާ އދ.ގެ 81 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ.

އެމަނިކުފާނުގެ މެސެޖުގައި އދ.ގެ އިތުބާރު ބިނާވެފައިވަނީ، އެއްޤައުމު އަނެއްޤައުމަށް ކުރާ އިތުބާރާއި ޒިންމާދާރުކަމުގެ މައްޗަށް ކަމަށް ވިދާޅުވެފައިވެއެވެ. އެހެން ކަމުން އެކަން ޙާޞިލުކުރެވޭނީ ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ފުރިހަމަޔަށް އިޙްތިރާމްކޮށް، ބައިނަލްއަޤްވާމީ އުޞޫލުތަކާ އެއްގޮތަށް ޢަމަލުތައް ބަހައްޓައިގެން ކަމަށްވެސް ވިދާޅުވެފައިވެެއެވެ. އޭގެ އިތުރުން، ޤައުމުތަކުގެ މެދުގައި ކުރެވިފައިވާ މުޢާހަދާތައް ފުރިހަމައަށް ތަންފީޒު ކުރެވިގެން ކަމުގައި ވިދާޅުވެފައިވެއެވެ. އެހެންކަމުން، ސަރަޙައްދީ ސިޔާސީ ނުވަތަ ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން އިތުރުވުމާއި، ބައިނަލްއަޤްވާމީ ޤާނޫނުތައް ތަންފީޛުކުރުމުގައި ހަމަހަމަކަން ނެތުމާއި، އަދި ދުނިޔެއަށް އަންނަ ބަދަލުތަކާ އެއްވަރަށް، ޤައުމުތައް ކުރިއަށްދިއުމުގައި ހުރި ގޮންޖެހުންތަކަކީ، އެ އިތުބާރު ގެއްލިގެންދާ ސަބަބުތަކެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިފަދަ ބައިބައިވުންތަކުގެ ސަބަބުން، ޚާއްޞަކޮށް ފަލަސްޠީނު ފަދަ ޤައުމުތަކުގެ އިންސާނިއްޔަތަށް ލިބެމުންދާ ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އަލިއަޅުއްވާ ލައްވާފައިވެއެވެ. މީގެ އިތުރުން، ތަރައްޤީވަމުންއަންނަ ކުދި ޖަޒީރާ ޤައުމުތައް ނުވަތަ ސިޑްސްގެ ކުރިއެރުމަށާއި ވިލުންތެރިކަމަށް ދިމާވެފައިހުރި ހުރަސްތަކުގެ ގޮތުގައި، މާލީ އެހީތެރިކަމާއި ޓެކްނޮލޮޖީގެ ވަޞީލަތްތައް ހަމަހަމަކަމާއެކު ނުލިބުމާއި، ދެމެހެއްޓެނިވި ނޫންގޮތުގައި ނެގޭދަރަނި ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަމަ މިއާއެކު، ދިވެހިރާއްޖޭގެ މުސްތަޤްބަލު ކަނޑައެޅުމުގެ މިނިވަންކަމާ އެއްވަރަށް، ޤައުމީ އަމާޒުތަކާއި އުންމީދުތައް ޙާޞިލުކުރުމަށް ބޭނުންވާ ވަސީލަތްތަކާއި މަގުތައް ފަހިވެފައި އޮތުމަކީ، 2040 ވަނަ އަހަރުގެ ނިޔަލަށް ތަރައްޤީވެފައިވާ ޤައުމަކަށް ވުމަށް، ރާއްޖެއިން ކުރާ އުންމީދު ޙާޞިލުކުރުމަށް ލިބިގެންދާނެ އިތުރު ބާރެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެ އަމާޒަށް ވާސިލު ވުމަށްޓަކައި، ރައްޔިތުންގެ ކުރިއެރުމަށް ވުނަކުރުމަށާއި، އިޤްތިޞާދު ވަރުގަދަކުރުމަށް، އަދި ރާއްޖެއިން ބޭރުން ކުރިމަތިވާ ގޮންޖެހުންތަކާ ދެކޮޅަށް، ވިލުންތެރިކަމާއެކު މަސައްކަތްކުރުމަށް މަގުފަހިކޮށްދިނުމުގެ ބޭނުންތެރިކަން އެމަނިކުފާނު ފާހަގަ ކުރައްވާފައި ވެއެވެ.

‎އދ. އަކީ ހުރިހާ ދައުލަތްތަކެއްގެ ޙައްޤުތަކަށް އިޙްތިރާމްކުރާ، ހުރިހާ ޤައުމެއްގެ އަޑުއަހާ، އަދި އެއްވެސް ޤައުމެއްގެ މުސްތަޤްބަލު، އެހެން ޤައުމެއްގެ ނުފޫޒުން ކަނޑަނޭޅޭނެ ގޮތަކަށް މަގުފަހިކޮށްދޭ، ޖަމާޢަތެއްގެ ގޮތުގައި ދެމިއޮތުމުގެ މުހިންމުކަންވެސް، ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަ ކުރައްވާފައިވެއެވެ.

މެސެޖު ނިންމަވާލައްވަމުން، ޞުލްޙަ މަސަލަސްކަމަށް އިޙްތިރާމްކުރުމާއި، ޢަދުލުއިންޞާފު ޤާއިމުކުރުމާއި، އަދި ކޮންމެ ދައުލަތަކަށްވެސް އެ ދައުލަތެއްގެ މުސްތަޤްބަލު އަމިއްލައަށް ބައްޓަންކުރުމުގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި، ބައިނަލްއަޤްވާމީ މުޖުތަމަޢާ ގުޅިގެން މަސައްކަތްކުރުމުގައި ދިވެހިރާއްޖެ ސާބިތުކަމާއެކު ދެމިއޮންނާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެއެވެ.

-ޚަބަރާއި ފޮޓޯ ރައީސް އޮފީސް

ގުޅުންހުރި ޚަބަރު