ދިވެހި|English 26 އޮކްޓޯބަރު 2026 · 11:53
Top banner
Advertisement
ވިލާތުގެ ޤައުމުތަކަށް މިވަނީ ކިހިނެއް ހެއްޔެވެ؟
ރިޕޯޓް

ވިލާތުގެ ޤައުމުތަކަށް މިވަނީ ކިހިނެއް ހެއްޔެވެ؟

އެންމެ އުންޑައެއްވެސް ފޮނުވާނުލާ، ޤައުމެއް ކުޑަކަކުލަށް ތިރިކުރާނީ ކިހިނެއް ހެއްޔެވެ؟

ޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫ26 އޮކްޓޯބަރު 2026

ތިބާ، އެ ޤައުމުގެ ޢަސްކަރިއްޔާއަކު އަތެއް ނުލައެވެ. އެކަމަކު، ތިބާ ބާރުފޯރުވަނީ އެ ޤައުމުގެ ކާބޯތަކެއްޗަށެވެ. ކޮންމެވެސް މީހަކު އެކަމުގެ އަޖުމަ ބަލައިފިއެވެ. އޮކްޓޯބަރ 11 ވަނަ ދުވަހުގެ ރޭގަނޑު ދަންވަރު ފަރަންސޭސިވިލާތް އޮތީ ގަދަ ގުގުރީގައި ނިދާފައެވެ. އަދި ކޮންމެވެސް ތަނެއްގައި ހުރި މީހަކު، ފަރަންސޭސިވިލާތުގެ ކާބޯތަކެތި ފިނިކޮށްފައި ބަހައްޓާ މެސެނުތައް ހެކްކުރިއެވެ. އެންމެ ސުޕަމާކެޓެއްގެ މެސެނުތަކެއް ނޫނެވެ. 700 ސުޕަމާކެޓުގެ ހުރިހާ މެސެނުތަކެވެ. އާދެ، އެ ޤައުމުގެ ކޮންމެ 14 ސުޕަމާކެޓަކުން އެއް ސުޕަމާކެޓް، އެ ޙަމަލާގެ އަމާޒަކަށް ވިއެވެ. ކޮންމެވެސް ބަޔަކު ވަރަށް ދުރުގައި ތިބެގެން، ފަރަންސޭސިވިލާތުގެ ސުޕަމާކެޓްތަކުގެ ރެފްރިޖަރޭޝަން ނިޒާމުތަކުގެ ފިނިހޫނުމިން މަތިކުރެއެވެ. ހަ ގަޑިއިރުގެ ތެރޭގައި 50 ޑިގްރީ ސެލްސިއަސްއަށް މަތިކުރިއެވެ. އެއްވެސް މީހަކު އެއިން ޢިމާރާތަކަށް ނުވަދެއެވެ. އަދި އެއްވެސް އެއްޗެއްގައި މީހަކު އަތެއް ނުލައެވެ. އަދި ހެނދުނު އިރު އެރިއިރު ސުޕަމާކެޓްތަކުގައި ހުރި ހުރިހާ މަހެއް ވަނީ ހޫނުގަދަވެގެން ކުނިވެފައެވެ. ކިރުގެ ބާވަތްތަކާއި، ދިޔާ ހުރިހާ އެއްޗެއް ހަލާކުވެ އެންމެފަހުން ހުރިހާ އެއްޗެއް އެއްކޮށް ޖެހުނީ ކުނީގެ ގޮތުގައި އުކާލާށެވެ. އަދި ހޫނުމިން އިންތިހާއަށް މަތިވެ، ބައެއް ސުޕަމާކެޓްތަކުގައި އަލިފާންވެސް ރޯވިއެވެ.

ފަރަންސޭސިވިލާތަކީ ނިއުކްލިއާ ހަތިޔާރާއި، މަތިންދާބޯޓު އުފުލާ މަނަވަރާއި، އަދި ޖާސޫސީ ބޮޑު ނެޓްވޯރކެއްގެ އެހީގައި މުޅި ދުނިޔޭގައި ޙަރަކާތްތެރިވަމުން އަންނަ ޤައުމެކެވެ. އެކަމަކު، އަތްވެސް ޖައްސާ ނުލައި، ކޮންމެވެސް ބަޔަކު އެ ޤައުމުގެ 700 ސުޕަމާކެޓުގެ ތެރެއަށް އެމީހުންގެ ޑިޖިޓަލް އަތް ބޭނިއެވެ. އެމީހުން އެތަނަށް ވަނީ ކިހިނެއް ހެއްޔެވެ؟ އަދި އެމީހުން ސާބިތުކޮށްދޭން އުޅުނީ ކޮންކަމެއް ހެއްޔެވެ؟ ފަރަންސޭސިވިލާތުގެ ސުޕަމާކެޓްތަކުގެ ކާބޯތަކެތި ފިނިކޮށް ބަހައްޓާ މެސެނުތައް ހުރީ، ދުވަސްވީ އަދި އަދާހަމަކޮށްފައިނުވާ ހުޅުވާލެވިފައިވާ އިންޓަނެޓްގެ ވިއުގައެއްގެ ތެރޭގައެވެ. އަދި އޭގެ ތެރެއިން ބައެއް ނިޒާމުތަކަށް ވަންނަ އެޑްމިނިސްޓްރޭޓަރ ތަޅުދަނޑިއަކީ ސިއްރެއްވެސް ނޫނެވެ. ފަރަންސޭސިވިލާތުގެ ސުޕަމާކެޓްތަކަށް ސައިބަރ ޙަމަލާ އަމާޒުވިތާ ދެ ދުވަސް ފަހުން، ރޮއިޓާސް އިން މުޅި އިންޓަނެޓް ސްކޭން ކުރިއިރު އެމީހުންނަށް ފެނުނީ، ފަރަންސޭސިވިލާތުގެ ސުޕަމާކެޓުތަކުގެ ހަރުތަކުގެ ތެރެއިން ހަތަރުހާސް ފައްސަތޭކައަށް ވުރެ ގިނަ ހަރުތައް އަދިވެސް ހުރީ އޮންލައިންކޮށް ކަމާއި، އަދި އެ ހަރުތަކުގެ ޙާލަތު ވަރަށް ނާޒުކު ކަމެވެ. ފަރަންސޭސިވިލާތަކީ މިފަދަ ސައިބަރ ޙަމަލާއެއް އަމާޒުވި ފުރަތަމަ ޤައުމެއް ނޫނެވެ.

މިދިޔަ އޮގަސްޓް މަހު، އެމެރިކާގެ އެރިޒޯނާއާއި، ކެލިފޯނިއާއާއި، އަދި ރޯޑް އައިލެންޑްގައި ހުރި އެމެރިކާގެ ޢަސްކަރީ މަރުކަޒުތަކުގައި މަސައްކަތްކުރާ ސިފައިންގެ ޢާއިލާތަކަށް ކާބޯތަކެތި ފޯރުކޮށްދޭ ފުރީޒާތަކަށް ހަމަ މި މައްސަލަ ކުރިމަތިވިއެވެ. އަދި ހަމަ ހަފްތާއެއްގެ ތެރޭގައި ޢަސްކަރީ މަރުކަޒަކަށް ފަހު މަރުކަޒަކަށް ހަމަ މި މައްސަލަ ކުރިމަތިވިއެވެ. ޕެންޓަގަން އިން ބުނީ އެއީ ރެފްރިޖަރޭޝަން ނިޒާމުތަކަށް ދިމާވި ޓެކްނިކަލް މައްސަލައެއް ކަމަށެވެ. އެއްވެސް ސަބަބެއް ހާމައެއް ނުކުރެއެވެ. މިއީ އެމީހުން އުފެއްދި ފަންނިއްޔާތެއްގެ އަޖުމަބަލައިލުން ނޫން ބާވައެވެ؟ ބަރާބަރު، ހަ ހަފުތާ ފަހުން ފަރަންސޭސިވިލާތުގެ ސުޕަމާކެޓްތަކަށް ސައިބަރ ޙަމަލާ އަމާޒުވިއެވެ. އަދި އެ ޙަމަލާއަށް ދެ ހަފުތާވީ އިރުވެސް، ޕެރިހުން މިހާތަނަށް ޙަމަލާދިން މީހުންގެ އެއްވެސް ނަމެއް ހާމައެއް ނުކުރެއެވެ. ޙަމަލާދިން މީހުންގެ ފަރާތުން ޙަމަލާދިން ކަމަކަށް އެއްވެސް ދަޢުވާއެއް ނުކުރެއެވެ. އަދި، ފައިސާއެއް، ނުވަތަ އެފަރާތުގެ އެއްވެސް ޑިމާންޑެއް ނެތެވެ. އެކަން ކުރި ބަޔަކު އެކަން ކޮށްފައި، އަދި މިހާތަނަށް އެއްވެސް ކަމަކަށް ނޭދެއެވެ. މި ފަންނިއްޔާތަކީ އައު ފަންނިއްޔާތެކެވެ. ނަމަވެސް މިއީ ވަރަށް ޤަދީމީ އިސްތިރާޖީއެކެވެ.

މީގެ 26 ގަރުނު ކުރިން، ޔޫނާނުގެ ސަހަރެއް ކަމަށްވާ "ކިރާ" ހިފުމަށް ދުޝްމަނުން ކުރި މަސައްކަތް ނާކާމިޔާބުވިއެވެ. އެހެންކަމުން، ދުޝްމަނުން އެ ސަހަރުގެ ފެނުގެ ސަޕްލައި ކަނޑާލިއެވެ. އެގޮތުން އެ ސަހަރަށް ފެން ފޯރުކޮށްދޭ ކޯރު ބަންދުކޮށް، އެ ކޯރުގެ ފެނަށް ޒަހަރުލައި، އޭގެފަހުން ކޯރުގެ ފެންގަނޑު ދޫކޮށްލިއެވެ. އެ ސަހަރުގެ ރައްޔިތުން ހީކުރީ ދުޝްމަނުންގެ ޙިޞާރު ނިމުނީ ކަމަށެވެ. އާޚިރުގައި ކަންތައްތައް ވީގޮތް އެނގުނު އިރު އޮތީ މާބޮޑަށް ލަސްވެފައެވެ. ޒަހަރުލާފައިވާ ފެން ބޮއިގެން އެ ސަހަރު ދިފާޢުކުރަން ތިބި ރައްޔިތުން ތިބީ މާބޮޑަށް ބަލިވެފައެވެ. އެއްވެސް ހަނގުރާމައެއް ނުހިނގައެވެ. އެ ސަހަރު ދުޝްމަނުންގެ އަތްމައްޗަށް ވެއްޓުނެވެ. އެ ސަހަރުގެ ފާރުތަކެއް ހަލާކެއް ނުވެއެވެ. އެ ސަހަރު އެއްވެސް މަޖުބޫރުކަމެއް ނެތި މަޑުމަޑުން ވެއްޓުނީއެވެ. މިއަދު ހުރުމޫޒު ކަނޑުއޮޅި އޮތީ ބަންދުކޮށްފައެވެ. ދުނިޔޭގައި ކަނޑުމަގުން އުފުލާ ފާރޓިލައިޒާރގެ ތިންބައިކުޅަ އެއްބައި ދަތުރުކުރަނީ ހުރުމޫޒު ކަނޑުއޮޅިންނެވެ. ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ދުނިޔޭގެ ކާބޯތަކެތީގެ އަގުތައް އެންމެ މައްޗަށް ގޮސްފައިވަނީ މި އަހަރުއެވެ. ހަނގުރާމައިގެ ސަބަބުން އަހުރެމެންނަށް ބޭނުންވާ ކާބޯތަކެތި ހެއްދުމަށް ބޭނުންވާ ފާރޓިލައިޒާއަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ. ޝިޕިންގ ރޫޓުތަކުގެ ސަބަބުން އެތަކެތި އަހުރެމެންނާ ހަމައަށް ފޯރުމުގައި ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ. އަދި މިހާރު އަތުގައި ހުރި ކާބޯތަކެތި ރައްކާކުރާ މެސެނުތައްވެސް މިވަނީ އަހުރެމެންނާ ދެކޮޅަށް ބޭނުންކުރަން ފަށާފައެވެ.

ދެންއޮތީ، މީގެ އެންމެ ޚައްޞާޞް ވާހަކައެވެ. ފަރަންސޭސިވިލާތަށް ދިން ސައިބަރ ޙަމަލާގެ ފަހަތުގައި ވަނީ ކޮންބައެއްތޯ ކުރެވޭ ސުވާލުގެ ޖަވާބެވެ. އެނގިވަޑައިގަންނަވާނެ ފަދައިން، ފަރަންސޭސިވިލާތާއި، އަދި ވިލާތުގެ ގިނަ ޤައުމުތައް ތިބީ، އިޒުރޭލުން ޣައްޒާގައި ހިންގާ ނަސްލުހޭދުއާއި ދެކޮޅަށެވެ. އަދި އިޒުރޭލުގެ ލާއިންސާނީ ޢަމަލުތައް، ވިލާތުގެ ގިނަ ޤައުމުތަކުން ވަނީ ކުށްވެރިކޮށްފައެވެ. އަދި އެމެރިކާއިން އީރާނާއި ދެކޮޅަށް ކުރަމުންދާ އަނިޔާވެރި ހަނގުރާމައިގައި ބައިވެރިވުމަށްވެސް ވިލާތުގެ ޤައުމުތަކުން ވަނީ ދެކޮޅުހަދާފައެވެ. ވީމާ، އިޒުރޭލާއި، އެމެރިކާއިން ވިލާތުގެ ޤައުމުތަކަށް ވަރުގަދަ ފިލާވަޅެއް ދޭން މަސައްކަތްކުރާތާ، ކިތަންމެ ދުވަހެކެވެ. އެހެންކަމުން، ފަރަންސޭސިވިލާތަށް ސައިބަރ ޙަމަލާ ދިނުމުގެ ކުރިން، އަޖުމަބަލައިލުމުގެ ގޮތުން، ފުރަތަމަ ޙަމަލާދިނީ އެމެރިކާގެ ޢަސްކަރީ މަރުކަޒުތަކަށެވެ. އަދި އަޖުމަބެލުމުގެ ގޮތުން ދިން ޙަމަލާގެ ކާމިޔާބީއަށްފަހު، އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހުގެ ރޭ ދަންވަރު، އިޒުރޭލާއި، އެމެރިކާގެ ސައިބަރ ހަމަލާތައްދޭ ޓީމުތަކުން ފަރަންސޭސިވިލާތުގެ ސުޕަމާކެޓްތަކަށް ޙަމަލާދީ، އެ ޤައުމުގެ ރައްޔިތުން ސަރުކާރާ ދެކޮޅަށް މަގުމައްޗަށް ނުކުންނަން މަޖުބޫރު ކުރުވިއެވެ. މިއީ އެމެރިކާއާއި، އިޒުރޭލުގެ ދައްޖާލީ ނިޒާމާއި، ދެކޮޅަށް ތެދުވާ ކޮންމެ ބަޔަކާ މެދު، އެމީހުން ކަންތައްތައް ކުރާނެ ގޮތެވެ.

ގުޅުންހުރި ޚަބަރު