އީގަލްހިލްސްއަށް ރަސްމާލެއިން ދޫކުރާ ބިމުގެ އެއްބަސްވުން ދެންއަންނަ ވެރިކަމެއްގައި އެއްވެސް ބަދަލަކާ ނުލައި ބާތިލް ކުރައްވާނޭ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ
"ދިވެހިންގެ ބިންދިވެހިންނަށް" މި ނަމުގައި ކުރިއަށް ގެންދާ ހަރަކާތުގެ ދަށުން މިރޭ އާޓިފިޝަލްބީޗުގައި ބޭއްވި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސަރުކާރުން އީގަލްހިލްސްއާއެކު ހަދަން އުޅެނީ ރާއްޖޭގެ ގާނޫނުތަކަށް ފެތޭ އެއްބަސްވުމެއް ނޫންކަމަށެވެ.
" ﷲ ގެ ރަޙުމަތާއެކު އަޅުގަނޑަށް ގަބޫލު ކުރެވެނީ އަޅުގަނޑުގެ ވެރިކަމެއް ވިޔަސް އެމްޑީޕީގެ ވެރިކަމެއްވިޔަސް މިހާރު މިއޮތް ސަރުކާރު ނޫން އެހެންބަޔަކު ދެން އަންނަ އިންތިޚާބު ކާމިޔާބުކޮށްފިއްޔާ ޝައްކެއްވެސް ނެތް. އަލްއައްބާރު އަޑުއަހާ. ޒަޔަނިސްޓުން އަޑުއަހާ. މި ބިން އެމީހުންނަށް ދީފައި އޮތަސް އަނބުރާ ގެންނާނެ. ބަދަލެއްވެސް ނުދޭނެ. މިއީ ރާއްޖޭގެ ގާނޫނުތަކަށް ފައްތައިގެންދޭ ބިމެއްނޫން،" ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރަސްމާލެ ޑީލް ނިމުމަކަށް ގެނެސް އެކަމުގައި ބައިވެރިވި އެންމެންގެ މައްޗަށް ތަހުގީގު ހިންގައި އަދަބުވެސް ދެއްވާނޭ ކަމަށެވެ.
މިއީ ފުލުހުންނާއި ސިފައިންނާއި ޕީއެންސީގެ މެންބަރުންނާއި މަޖިލިސް މެންބަރުންވެސް ބަސްބުނަން ޖެހިފައިވާ ވަގުތު ކަމަށާއި މިކަމުގައި މިހާރު ބައިވެރިނުވާ ކޮންމެ މީހަކީ މިކުށުގައި ބައިވެރިވާ މީހެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މި މައްސަލާގައި ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނަގަންޖެހޭ ކަމަށާއި އެކަން ނުކުރުމަކީ ރައީސް ޑރ. މުއިއްޒަށްއޮތް އިޚްތިޔާރެއް ނޫންކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ. ރައީސް ޑރ. މުއިއްޒު ވަނީ މިމައްސަލާގައި ފެންނަ ނުފެންނަ ވޯޓެއް ނުނަންގަވާނޭ ކަމަށް ވިދާޅުވެފައެވެ.





