ދިވެހި|English 17 ނޮވެމްބަރު 2026 · 05:01
Top banner
Advertisement
ޕާކިސްތާން ސަފީރު، ރައީސްގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފި
ޚަބަރު

ޕާކިސްތާން ސަފީރު، ރައީސްގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފި

މި ސަރުކާރު ވެރިކަމާ ޙަވާލުވިފަހުން ރާއްޖެއިން ޙާޞިލުކުރަމުންދާ ކުރިއެރުމަށް ތަޢުރީފު ކުރެއްވި.

ހިރި ނިއުސްހިރި ނިއުސް16 ނޮވެމްބަރު 2026

ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވައިސް އެޑްމިރަލް (ރިޓަޔަރޑް) ފައިޞަލް ރަސޫލް ލޯދީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރުގެ ޙައިސިއްޔަތުން، ދެ ޤައުމުގެ ގުޅުން ހަރުދަނާކުރެއްވުމަށް އެމަނިކުފާނު ދެއްވި ޚާއްޞަ އަހައްމިއްޔަތާއި ކުރެއްވި އިޚްލާޞްތެރި މަސައްކަތްޕުޅު ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް އަލިއަޅުއްވާލައްވަމުން، އެދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިވަމުންދާކަން، އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި ބައްދަލުވުމުގައި، ސަފީރު ދެއްކެވި ވާހަކަފުޅުގައި، މި ސަރުކާރު ވެރިކަމާ ޙަވާލުވިފަހުން ދިވެހިރާއްޖެއިން ޙާޞިލުކުރަމުންދާ ކުރިއެރުމާއި ތަރައްޤީ ފާހަގަކުރައްވައި ތަޢުރީފު ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެފަރާތުންވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

-ޚަބަރާއި ފޮޓޯ ރައީސް އޮފީސް

ގުޅުންހުރި ޚަބަރު